އިންތިހާބަށް ފަހު އިންތި ބަހެއް ނުބުނި، ބަލި ގަބޫލު ނުކުރަނީތަ؟

އިއްޔެގެ އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު އިންތި މީޑިއާތަކާ ވާހަކަ ދައްކަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިއްޔެގެ އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު އިންތި މީޑިއާތަކާ ވާހަކަ ދައްކަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ, އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުމާއި ވާދަވެރިކަމުގެ ތެރޭގައި އިއްޔެ ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު، ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކާމިޔާބު ކުރައްވާފައި ވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ.

ފައްޔާޒު، ރައީސް ސޯލިހުގެ ހިޔަނީގައި ވާދަކުރެއްވިއިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މި އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަނީގަ އެވެ. ދެ ކެންޑިޑޭޓުން ވެސް ވަރުގަދަ ކެމްޕޭނެއް ކުރައްވާފައިވަނީ ބަހުގެ ހޫނު ހަމަލާތަކާއި ބޮޑެތި ތުހުމަތުތައް ބަދަލު ކުރައްވަމުންނެވެ.

އެކަމަކު އޭރު ވެސް ދެ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ މިއީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމެވެ. ޒާތީ ވާދަވެރިކަމެއް ނޫން ކަމަށެވެ. އިންތިހާބެއްގެ ވާދަވެރިކަން ކެމްޕޭނުން ފެނުނަސް، އިންތިހާބު ނިމުމުން އެކަތިގަނޑެއްގެ ގޮތުގައި އަލުން ފެންނާނެ ކަމުގެ ޔަގީންކަމާއެކު އެވެ.

ނަމަވެސް، އިންތިހާބު ހިނގަމުން ދިޔަ ވަގުތުގައި ވެސް އިމްތިޔާޒްގެ ޓީމުން ވަނީ ގިނަ ޝަކުވާތަކެއް ފެންމަތިކޮށްފަ އެވެ. ވޯޓު އޮޅުވާލަން ފައިސާ ބެހުމާއި ބިރު ދެއްކުމާއި ވަގު ވޯޓު އެޅުން ފަދަ ތުހުމަތުތަކެވެ.

"ހައެއްކަ ޝަކުވާ ވަނީ ލިބިފައި" ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ރޭ ވިދާޅުވި އެވެ. އެ ޝަކުވާތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް އިއްޔެ ހަވީރު މަނިކު ވިދާޅުވި ގޮތުގައި އެ ހިސާބަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، މާލޭގައި ހުރި ގައްދޫ ދާއިރާގެ ފޮށްޓަކަށް ގަނޑުކޮށް ވޯޓު ކަރުދާސް އެޅުން ފިޔަވައި ސީރިއަސް ޝަކުވާއެއް ނެތެވެ.

ގައްދޫ ދާއިރާގެ ވޯޓު ފޮށީގެ ނަތީޖާ ވެސް ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވި އެމްޑީޕީގެ މި އިންތިހާބުގައި 48،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ދެ ކެންޑިޑޭޓުންގެ ނަތީޖާގައި 7،000 އަށް ވުރެ ގިނަ ވޯޓުގެ ފަރަގު އެބަހުއްޓެވެ.

ނަތީޖާއާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، މިއަދު ހެނދުނާ ހަމައަށް އިމްތިޔާޒު ވެސް އަދި އޭނާގެ ޓީމުން ވެސް ބަލި ގަބޫލުކުރިކަން ހާމައެއް ނުކުރެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އިމްތިޔާޒުގެ ފަރާތުން ބަޔާނެއް ނެރެން ރޭ ތައްޔާރުވި އެވެ. އެކަމަކު، ބަޔާނެއްގެ ސިފައިގައި ވިޔަސް ނަތީޖާއާމެދު އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު, ފައްޔާޒުގެ ކާމިޔާބީއާމެދު ނޫނީ ޖުމްލަކޮށް އިންތިހާބާމެދު ވެސް ހަނު ހުންނެވުމުން ސޯޝަލް މީޑިއާގައި އާންމުންވެސް ދަނީ އެކަން ފާހަގަކުރަމުންނެވެ.

އިންތި އަދި އޭނާގެ ޓީމުގެ ބަހެއް ލިބޭތޯ ރެއިން ފެށިގެން މި ނޫހުން މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެއްވެސް ބޭފުޅަކު ފޯނަށް އަދި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ.

އިންތިހާބުގައި ވޯޓުލުން ކުރިއަށްދިޔަ ގޮތާމެދު އިމްތިޔާޒުގެ ޓީމުގެ ހިތްހަމަނުޖެހުން އޮތްކަން ހާމަކޮށްފައި ވާއިރު، ނަތީޖާއާ މެދު އެއްޗެއް ވިދާޅުނުވެ ހުންނެވީ ނަތީޖާ ގަބޫލުނުކުރައްވާތީ ކަމެއް ވެސް ސާފެއް ނޫނެވެ.

އެތެރޭގެ ކޯޅުން ގޯސްވެފައިވާ މިންވަރު

އިންތިހާބު ބޯމަތިވެގެން އައިއިރު, އެމްޑީޕީގެ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެން ދިޔައިރު, ސިޔާސަތާއި ފަލްސަފީ ގިނަ ހިޔާލު ތަފާތުވުންތަކެއް އެ ދެ ފެކްޝަނުން ފެނިގެން ދިޔަ އެވެ. ފައްޔާޒުގެ ޓީމުން "އެމްޑީޕީ ހިންގާލަން" ނަމުގައި ކެމްޕެއިން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ ރައީސް ސޯލިހަށް 2023 ޔަގީން ކުރުމެވެ.

އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި, އިމްތިޔާޒު ނުވަތަ ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަނީ ރައީސް ސޯލިހަށް 2023 ގެއްލުވާލައި, 2028 ވަނަ އަހަރު އިދިކޮޅު ލީޑަރެއްގެ ގޮތުން އިންތިހާބުގައި ވާދަކޮށް ނަޝީދު ވެރިކަމަށް ވަޑައިގަތުމެވެ. އެކަމަކު, ފައްޔާޒު ވިދާޅުވަނީ އެ ފުރުސަތު ނުދެއްވާނެ ކަމާއި ސަރުކާރާ ގުޅިގެން އެމްޑީޕީ ގަދައަށް ހިންގާލައި, 2023 ހޯއްދަވާނެ ކަމަށެވެ.

އެއާ އިދިކޮޅަށް އިމްތިޔާޒު ވިދާޅުވަމުން ގެންދަވަނީ, އެމްޑީޕީ އާއި މި ސަރުކާރާ ގުޅުން ކުޑަވުމުގެ ސަބަބުންނާއި އެމްޑީޕީން ވީ ވައުދުތައް ފުއްދަމުން ނުދާތީ 2023 ހޯދަން އުނދަގޫވާނެ ކަމަށެވެ. އިމްތިޔާޒު ވަނީ ފައްޔާޒާއި ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ވެސް ކުރައްވާފަ އެވެ. އަދި, އެމްޑީޕީން ނަޝީދު ބޭރުކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް އޭނާ ކުރައްވަ އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ފައްޔާޒު ވެސް ވިދާޅުވެފައި ވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވައި ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރިވެގެން ދިޔަ އެއް ސަބަބަކީ ވެސް މިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox