ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކުރެވޭ ގޮތަށް އެކުލަވާލާފައިވާ ޖަމިއްޔާތަކުގެ އާ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ 18 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިއަދާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ 2003 ވަނަ އަހަރުން ފެށިގެން އަމަލުކުރި ޖަމިއްޔާތަކާބެހޭ ގާނޫނަށެވެ. އެހެންކަމުން ޖަމިއްޔާތަކާ ބެހޭ އާ ގާނޫނަކަށް ރާއްޖޭގައި އަމަލުކުރަން މި ފެށީ 19 އަހަރަށް ފަހު އެވެ. މި ގާނޫނުގައި؛
- ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކުރުމާއި،
- ޖަމިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް ގާނޫނުގެ ތެރެއިން ފަހިކޮށްދިނުމާއި،
- ޖަމިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމިއްޔާތަކުން ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި
- ރަޖިސްޓަރީވެފައިވާ ޖަމިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުގެ އެންމެ ހާއްސަ އެއްކަމަކީ ޖަމިއްޔާތަކަށް މާލީ އެހީ ލިބޭނެ ގޮތްތަކެއް ހިމަނާފައިވުމެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް އޭގެ ކުރީ އަހަރުގައި ހިމަނާފައިވާ ވަރަށްވުރެ އިތުރަށް ޔޫތު މިނިސްޓްރީގެ ބަޖެޓުން ތިން ޕަސެންޓު ޖަމިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދޭން ހާއްސަކުރަން ޖެހެ އެވެ.
އަދި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރަށް ކަނޑައަޅާ ފައިސާގެ 25 ޕަސެންޓު ޔޫތު މިނިސްޓްރީން އެކުލަވާލާ އުސޫލެއްގެ ތެރެއިން ޖަމިއްޔާތަކަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ހިމަނާފަ އެވެ. ޖަމިއްޔާތަކަށް ފޯރުކޮށްދޭ އެހީއާ ގުޅޭ ތަފްސީލީ ރިޕޯޓެއް ކޮންމެ ހަ މަސް ދުވަހަކުން މަޖިލީހަށް ޔޫތު މިނިސްޓްރީން ހުށަހަޅަން ޖެހޭނެ އެވެ.

އޭގެ އިތުރުން، ޖަމިއްޔާތަކަށް ޓެކުހުން ލުއި ލިބޭނެ ގޮތްތައް ފިނޭންސް މިނިސްޓަރުގެ މަޝްވަރާގެ މަތިން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އިންތިޒާމު ކޮށްދޭން ޖެހޭނެ ކަމަށް ވެސް އާ ގާނޫނުގައި ބުނެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުން މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާގެ ތެރެއިން އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ޖަމިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް ހަ މަސްދުވަހުގެ މުހުލަތެއް ދޭން ޖެހެ އެވެ.
އެކަން ކުރެވޭނީ ރައީސް އައްޔަން ކުރައްވާ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް އެކަންި ކަމަށްވާއިރު އެ މަގާމަށް 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހެ އެވެ.













