މޭރީ މަރާލި ކަމަށް އިންކާރުކޮށް، މާވިން ބުނަނީ ޖިސްމާނީ އެއްވެސް އަނިޔާއެއް ނުދޭ ކަމަށް

މޭރީ މަރާލި ކަމަށް އިންކާރުކޮށް، މާވިން ބުނަނީ ޖިސްމާނީ އެއްވެސް އަނިޔާއެއް ނުދޭ ކަމަށް

އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާއަށް އިންކާރުކޮށް، މޭރީއަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ފަރާތުން މިއަދުގެ ޝަރީއަތުގައި ބުނެފި އެވެ.

މޭރީ މަރާލުމުގެ ދައުވާ އުފުލިފައިވަނީ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށެވެ. އަދި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ މައްޗަށް އުފުލާފައިވެ އެވެ. މި ތިން މީހުން ވެސް ދިޔައީ އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުންނެވެ.

ދައުލަތުން މާވިންގެ މައްޗަށް ކުރާ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ މިއަދުގެ ޝަރީއަތުގައި އިއްވަމުން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، މޭރީގެ ކަރަށާއި ބޮލަށް ހަމަލާދީ، ނޭވާ ހާސްކޮށްލުމަށް ފަހު މަރާލާފައިވާ ކަމަށެވެ.

ދައުވާ އިއްވުމުން ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވަނީ ދައުވާ އިތުރަށް ތަފްސީލް ކޮށްދޭން އެދިފަ އެވެ. މި ގޮތުން ކަރަށާއި ބޮލަށް ހަމަލާ ދިން ކަމަށް ބުނާއިރު ހަމަލާ ދިނީ ކޮން ގޮތަކުން، ކިހިނެއް، އަދި ކޮން އެއްޗެއް ބޭނުން ކޮށްގެން ކަން އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތް ތަމްސީލް ކުރައްވާ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވީ މެޔަށާއި ކަރަށް ހަމަލާ ދިން ކަމަށް ދައުވާގައި ބަޔާން ކުރީ މޭރީ މަރުވި ސަބަބެއްގެ ގޮތުގައި އޮޓޮޕްސީ ރިޕޯޓްގައި އެ ގޮތަށް ބަޔާން ކޮށްފައި އޮތުމާއި، "ހަމަލާދީގެން މީހަކު މަރާލާނެ ގޮތް" މާވިންގެ ފޯނުން ގޫގަލް ކޮށްފައިވާތީ އެވެ.

ދައުލަތުން ދެއްވި ޖަވާބަށް ފާޑުވިދާޅުވެ ދިފާއީ ވަކީލް ވިދާޅުވީ ފޯނުން ހަމައެކަނި އެއް ފަހަރު ގޫގަލްގައި ވަކި އެއްޗެއް ލިޔެފައި އޮވެގެން މަރާލި ކަމާއި ހަމަލާ ދިން ކަމުގެ ތުހުމަތު ނުކުރެވޭނެ ކަމުގަ އެވެ. ރިޕޯޓް ތައްޔާރުކުރިއިރު އޭގައި މާވިން ހަމަލާ ދިން ކަމާއި ދިން ގޮތެއްގެ ތަފްސީލް ނެތް ކަމުގަ އެވެ.

"މާވިންގެ ފަރާތުން ދައުވާއަށް އިންކާރު ކުރަން، ދައުވާއަށް އިންކާރު މި ކުރަނީ ދައުވާގައި ހިމެނޭ ހުރިހާ ކަމެއް ހިމެނޭހެން، މަރާލި ކަމަށް އިންކާރު ކުރަން، ޖިންމާނީ އެއްވެސް އަނިޔާއެއް މޭރީ ގްރޭސްއަށް ދޭން އެއްވެސް ކަމެއް މާވިން ކޮށްފައި ނުވާ ކަމަށް،" ދިފާއީ ވަކީލް ވިދާޅުވި އެވެ.

ލަމްހާއާއި މާވިންގެ ޝަރީއަތް އެކުގައި ގެންދަން އެދުނު

އިބްތިދާއީ މަރުހަލާގައި މާވިންއާއި ދެން މި މައްސަލާގައި ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ލަމްހާގެ ބައި ގެންދަނީ ވަކިވަކިންނެވެ. އޭގެ ބަދަލުގައި ދެ މީހުންގެ ޝަރީއަތް ވެސް އެކުގައި ކުރިއަށް ގެންދަން މާވިންގެ ފަރާތުން މިއަދު އެދުނެވެ.

"މުޅި މި މައްސަލައިގެ ހަގީގަތަކާ ހަމައަށް ވާސިލް ވާން ފަސޭހަވަނީ މައްސަލައިގައި ތުހުމަތު ކުރާ ދެ މީހުންގެ ޝަރީއަތް ވެސް އެކުގައި ގެންގޮސްގެން ކަމަށް ގަބޫލު ކުރަން، އެހެންވެ އެ ގޮތަށް ހަމަޖައްސައިދޭން އެދެން،" ދިފާއީ ވަކީލް އިސްމާއީލް އެދިވަޑައިގެންނެވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި ގޮތުގައި، އިބްތިދާއީ މަރުހަލާ ވަކިން ކުރިއަށް ގެންދަނީ ޝަރީއަތަށް ފަސޭހައަކަށެވެ. ނަމަވެސް ދެ މީހުނަށް ކުރާ ދައުވާތައް ދައުލަތުން ހުށަހެޅީ އެއް ދައުވާ ފޯމެއްގައި ކަމުން ޝަރީއަތުގެ މަރުހަލާ ގެންދާނީ އެކުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މެންދުރުފަހު 1:00 ޖަހާއިރު ކަމަށް ގާޒީ ފާއިޒް ވިދާޅުވި އެވެ. ދިފާއީ ވަކީލްގެ ޝެޑިއުލްއަށް ފުށުނާރާނަމަ އެ ދުވަހުގެ އަޑުއެހުން އޮންނާނެ އެވެ. ދިފާއީ ވަކީލްގެ ޝެޑިއުލް ބަލާފައި ކޯޓުގެ އިދާރާއަށް އަންގާނެ ކަމަށް ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox