އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑް މަރާލި މަންޒަރު ފެނުނު ކަމަށް ބެލެވޭ ހަމައެކަނި ފަރާތް، މޭރީގެ ޅަ ދަރިފުޅު އޮލިވާ ގްރޭސްގެ ސައިކޮލޮޖިކަލް ރިޕޯޓް އިބްތިދާއީ މަރުހަލާގެ ތެރޭގައި ނުލިބިއްޖެނަމަ އެ ހެކި ދެން ބަލައިނުގަންނާނެ ކަމަށް ޝަރީއަތުން އަންގައިފި އެވެ.
މޭރީ މަރާލުމުގެ ދައުވާ އުފުލިފައިވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. އަދި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ މައްޗަށް އުފުލާފައިވެ އެވެ. މި ތިން މީހުން ވެސް ވަޒީފާ އަދާ ކުރަމުން ދިޔައީ ނަރުހެއްގެ ގޮތުގައި އައިޖީއެމްއެޗްގަ އެވެ.
އޮލިވިއާ ހުރީ ފިލިޕީންސްގަ އެވެ. އެ ކުޑަ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރު ކުރަނީ އެ ގައުމުންނެވެ. އެހެންވެ، ދައުލަތާއި ދިފާއަށް ވެސް މުހިންވާ އެ ހެކި ހުށަހެޅޭނެ ދުވަހެއް ނޭނގެ އެވެ. އެ ރިޕޯޓް ނުފެނި ދައުވާއަށް ޖަވާބުދާރީވާން ދަތި ކަމަށް ލަމްހާގެ ފަރާތުން ވަނީ ބުނެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަނީ އެ ލިޔެކިއުމާ އެކު ޖަވާބުދާރީވާ ގޮތަށް ފުރުސަތު ދޭން އެދިފަ އެވެ. ނޫނީ އެ ހެކި ދައުލަތުން ދޫކޮށްލަން ޖެހޭނެ ގޮތަކަށް ހަމަޖެއްސުމަށް އެދިފަ އެވެ. އެ ކުއްޖާ ރާއްޖޭގައި ހުރިއިރު، އެ ވަރުގެ މުހިންމު ރިޕޯޓެއް ތައްޔާރު ނުކުރުމަކީ ދައުލަތުގެ އިހުމާލެއް ކަމަށް ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދައުލަތުން ހުށަހަޅަން ބޭނުންވާ އެ ހެކި އިބްތިދާއީ މަަރުހަލާ ނިމުމުގެ ކުރިއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޝަރީއަތުގެ މަރުހަލާ ފަށައި، ހެކިބަސް ނަގަން ފަށާ ފަހުން އެ ހެކި ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުގެ ދައުވާ އިއްވައިފި، ލަމްހާގެ ފަރާތުން ދައުވާއަށް އިންކާރު
ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެންމެ ފުރަތަމަ ދައުވާ އިއްވުން މަޑުޖެހިގެން ދިޔައީ ވެސް ދަރިފުޅުގެ ރިޕޯޓް ނުލިބޭތީ ދިފާއުން އިއުތިރާޒް ކުރާތީ އެވެ. އެ ކަމުގައި ދައުލަތާއި ދިފާއުން ފާހަގަ ކުރާ ކަންކަމާ މެދު މިއަދު ގާޒީ ގޮތެއް ނިންމެވުމަށް ފަހު ދައުލަތަށް ދައުވާ އިއްވަން ފުރުސަތު ދެއްވި އެވެ.
ދައުލަތުން ދައުވާ އިއްވި ނަމަވެސް، ދައުވާ ސާފުކޮށްދޭން ދެ ގަޑިއިރެއްހާ ވަގުތު ހޭދަވި އެވެ. ލަމްހާގެ ދެ ގާނޫނީ ވަކީލުން ކަމުގައިވާ އަހްމަދު ޔާމީންއާއި އަބްދުﷲ ޝާއިރު ވެސް ވިދާޅުވަމުން ދިޔައީ މަރާލުމުގައި ބައިވެރިވި ކަމަށް ބުރަދަން ދެވޭ ވަރުގެ ކަމެއް އަދި ހެއްކެއް ދައުލަތަށް ކިޔައިނުދެވޭ ކަމުގަ އެވެ.
އެހެން ނަމަވެސް މާވިންއާއި ލަމްހާއާ ދެމެދު ކޮށްފައިވާ މެސެޖްތަކާއި، މޭރީ މަރަލާން ޖެހޭ ކަމަށް ބުނެ ލަމްހާ ދައްކާފައި ހުރި ވާހަކަތަކާއި، ހާދިސާ ހިނގި ދުވަހު މާވިންއާއި މޭރީ ދިރިއުޅޭ ގެއަށް ލަމްހާ ވަން ކަން ބުނެދިނުމުން ގާޒީ ނިންމެވީ ދައުވާ ސާފުކޮށްދޭން ދައުލަތަށް އެކަށޭނަ މަސައްކަތް ކުރެވިފައިވާ ކަމެވެ.
ދައުވާއަށް ޖަވާބުދާރީވާން އެންގުމުން ލަމްހާ ވަނީ އެ ދައުވާއަށް އިންކާރު ކޮށްފަ އެވެ.
ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ހެނދުނު 9:30 ގައި ކަން ގާޒީ ވިދާޅުވި އެވެ. ދެން ކުރާ ދެ ދައުވާ އިއްވުމާއި ޖަވާބުދާރީވުން އެ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ލަމްހާގެ ބުރަކަށީގައި ރެދެއް، ބަންދަށް ލުޔެއް ދޭން އެދުނު
މޭރީގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ޖަލުގައި ބަންދު ކުރުމުގެ ކުރިން ވެސް ބުރަކަށީގެ ޑިސްކެއްގައި ރެދެއް ލައިގެން އެ ކަމަށް ފަރުވާ ހޯދައި، ކަސްރަތުކޮށް، ވައި ޑައިޓަކަށް ކައިބޮއި އުޅުނު ކަމަށް ލަމްހާ މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.
ނަމަވެސް ލަމްހާ ބަންދު ކުރި ފަހުން އެ ކަމަށް އަމަލު ނުކުރެވި ހާލަތު ގޯސްވެގެން މި ނިމިދިޔަ ހަފުތާގައި ހުޅުމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވެ އެވެ. ޑޮކްޓަރުން ލަފާ ދީފައި ވަނީ ބެޑް ރެސްޓް ކުރަން ކަމަށް ލަމްހާ ބުންޏެވެ.
އޭގެ ލިޔެކިއުންތައް ޝަރީއަތަށް ދީފައިވީ ނަމަވެސް ދައުލަތަށް ލިބިފައެއް ނުވެ އެވެ. އެހެންވެ އަންނަ އަންގާރަ ދުވަހު ބަންދު މުރާޖައާ މެދު ގޮތެއް ނިންމަން އިތުރު އަޑުއެހުމެއް ބާއްވަން ގާޒީ ނިންމެވި އެވެ.













