މެންޗެސްޓާ (އޭޕްރީލް 19) - މެންޗެސްޓާ ސިޓީން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ހާލަންޑް މި ސީޒަނަށް ފަހު ޑޯޓްމަންޑް ދޫކޮށްލާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އޭނާގެ ސޮއި ހޯދަން ބޮޑެތި ހުރިހާ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ރޭހުގައި ސިޓީން ކުރިހޯދާފައިވަނީ ބޮޑު މުސާރައެއް ދޭ ގޮތަށެވެ. އެއީ ހަފްތާ އަކު 500،000 ޕައުންޑް (650،000 ޑޮލަރު) އަށެވެ. މިއީ ސިޓީން މިހާތަނަށް ކުޅުންތެރިއަކަށް ދޭނެ އެންމެ ބޮޑު މުސާރަ އެވެ. ސިޓީގައި މި ވަގުތު އެންމެ ބޮޑު މުސާރައެއް ދެނީ ކެވިން ޑި ބްރޭނާ އަށެވެ. އެއީ ހަފްތާ އަކު 400،000 ޕައުންޑް (520،000 ޑޮލަރު) އެެވެ.
މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރު ޖެނުއަރީ މަހު އޮސްޓްރިއާގެ ސަލްޒްބާގް ދޫކޮށް ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ 22 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ހާލަންޑް ގަންނަން ޓީމުތަކުން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ޑޯޓްމަންޑުން އޭނާ ވިއްކާލަން ކީ އަގު ބޮޑުވުމުންނެވެ. ޑޯޓްމަންޑުން އޭރު ހާލަންޑް ވިއްކާލަން ކީ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށެވެ.
އެކަމަކު، ހާލަންޑާއި ޑޯޓްމަންޑުން ސޮއިކޮށްފައިވާ ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ބަލައި މި ސީޒަނަށް ފަހު ހާލަންޑަށް 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު)ގެ އަގަކަށް ޑޯޓްމަންޑް ދޫކޮށްލެވޭނެ އެވެ. ބެލެވޭ ގޮތުގައި ސިޓީން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ހާލަންޑްގެ ޓްރާންސްފާ ނިންމާނީ އެ އަގު ދައްކަން އެއްބަސްވުމެއް ހަދައިގެންނެވެ.
ޑޯޓްމަންޑް ދޫކޮށް ހާލަންޑް ބަދަލުވެދާނެ ހަތަރު ކްލަބެއްގެ ނަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ މީގެ ކުރިން މީޑިއާގައި ހާމަކޮށްފަ އެވެ. އެ ކްލަބްތަކަކީ މެންޗެސްޓާ ސިޓީ، ބަޔާން މިއުނިކް، ރެއާލް މެޑްރިޑް އަދި ބާސެލޯނާ އެެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލާއި ބާސެލޯނާ އިން ފާއިތުވި ހަފްތާ ތެރޭ ވަނީ ހާލަންޑަށް ބިޑްނުކުރަން ނިންމަައިފަ އެވެ. ބަޔާނުން ހާލަންޑް ހޯދަން ރަސްމީކޮށް މަސައްކަތް ފެށުމުގެ ވިސްނުމެއް ގެންގުޅެނީ ރޮބަޓް ލެވަންޑޯސްކީ މުސްތަގުބަލާ ގުޅޭގޮތުން ނިންމާ ނިންމުމެއް ސާފުވުމުންނެވެ.
ނޯވޭގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހާލަންޑް ސިޓީ އަށް ގެންދަން އެންމެ ބޮޑަށް ބާރު އެޅީ އޭނާގެ ބައްފަ އެވެ. ހާލަންޑްގެ ބައްޕަ، އަލްފް-އިންޖް ހާލަންޑް ވަނީ 2000 އިން 2003 އަށް ސިޓީ އަށް ކުޅެފަ އެވެ.
ޑޯޓްމަންޑުން ރަސްމީކޮށް އަދި ހާލަންޑްގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާގައި ވާހަކަދައްކާފައިނުވި ނަމަވެސް ބެލެވޭގޮތުގައި ހާލަންޑް ދޫކޮށްލަން އެ ޓީމުން އޮތީ ތައްޔާރަށެވެ. ޑޯޓްމަންޑަށް މި ސީޒަނުގައި ހާލަންޑް ކުޅެދިން 26 މެޗުން ވަނީ 25 ގޯލު ޖަހައިފަ އެވެ. ޑޯޓްމަންޑާ ގުޅުނު ފަހުން ހާލަންޑްގެ ލަނޑު ޖެހުމުގެ ޖުމްލަ ރެކޯޑް ވެސް ރަނގަޅެވެ. އެ ގޮތުން، އެ ޓީމަށް މިހާތަނަށް ކުޅުނު 85 މެޗުން ވަނީ 82 ގޯލު ޖަހައިފަ އެވެ.
ސިޓީން މި ސީޒަން ފެއްޓުމުގެ ކުރިން ފޯވާޑެއް ގަންނަން ކުރި މަސައްކަތުގައި ވަނީ އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ހޯދަން ދެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، ކޭން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް އިން އޭނާ ވިއްކާލަން ކިޔާ އަގުބޮޑުވުމުން އެ ޑީލް ނުހިނގީ އެވެ. އުމުރުން 28 އަހަރުގެ ކޭން ގަތުމުގެ ބަދަލުގައި ސިޓީން މިހާރު މިސްރާބު ބަދަލުކޮށް، ހާލަންޑް ގަންނަން ނިންމީ ފައިސާ ހަރަދުކުރާ ނިސްބަތާއި މުސްތަގުބަލަށް ކުރާ އިންވެސްޓެއްގެ ވިސްނުމުގަ އެވެ.












