މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ވިލިމާލެއާއި ގުޅިފަޅާއި އެކު ގުޅައިލާ ބްރިޖް މަޝްރޫއަށް ޓަކައި ވިލިމާލޭ ހުޅަނގު ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި އެ ސަރަހައްދު ހުސްކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ތިލަމާލެ ބްރިޖުގެ މަޝްރޫއަށްޓަކައި ވިިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކުރާ ސަރަހައްދުތައް ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ހުރި އުޅަނދު ފަހަރު އެތަނުން ނަގައި، ސިޓީ ކައުންސިލުން އަންގާ ތަނަކަށް ބަދަލުކުރަން އެ އުޅަނދުތަކުގެ ވެރި ފަރާތްތަކަށް އަންގާ ކަމަށް އެ އިއުލާނުގަައި ބުނެ އެވެ.
އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން ސިޓީކައުންސިލުން މުހުލަތު ދިނީ އަންނަ އަންގާރަދުވަހާ ހަމައަށެވެ. އެ މުހުލަތު ހަމަވުމަށް ފަހު އެ ސަރަހައްދުން ނުނަގާ އުޅަނދުތައް ސިޓީ ކައުންސިލުން އެހެން ސަރަހައްދަކަށް ބަދަލުކުރާނެ ކަމަށާއި އެކަމުގެ ތެރޭގައި އުޅަނދަކަށްވާ އެއްވެސް ގެއްލުމަކަށް އެ ޒިންމާނުވާނެ ކަމަށް ވެސް ސިޓީކައުންސިލުން ބުންޏެވެ.
ހުސްކުރަން އެންގި ފަޅަކީ ވިލިމާލޭގައި ދިރިއުޅޭ މީހުން އާންމުކޮށް މަހަށް ދިޔުމަށް ގެންގުޅޭ ގިނަ އަދަދެއްގެ ކުދި ޑިންގީތަކާއި ބޮއްކުރާ އަޅާ އާންމު ބަނދަރެކެވެ.
ބްރިޖު ވިލިމާލެއާއި ގުޅައިލާނީ ހުޅަނގު ފަރާތުންނެވެ. މަޝްރޫއުގެ ޖިއޮޓެކްނިކަލް ސާވޭ މިހާރު ވަނީ ފަަށައިފަ އެވެ. މި ދައުރު ނިމުމުގެ ކުރިން ބްރިޖްގެ މާލެއާ ވިލިމާލެއާ ދެމެދުގެ ބައިގައި މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ލަފާކުރެ އެވެ.













