މިފަހަރު "އަދަދު" އިން ރޯދަމަހަށް ހާއްސަކޮށް ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގްރާމަކީ "ގޮނޑި" އެވެ. މި ޕްރޮގްރާމަކީ އަދި މިހާތަނަށް ރާއްޖޭގައި ނަގާފައި ނުވާ ކޮންސެޕްޓަކަށް ޝޫޓުކޮށް ތައްޔާރުކުރި ޕްރޮގްރާމެކެވެ. ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހު ގެނެސްދޭ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، ޝޯގެ ދެވަނަ އެޕިސޯޑުގައި ސުވާލުތައް އަމާޒުކުރީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަށެވެ. އޭނާއަށް ސުވާލުތައް އަމާޒުކުރީ އަމިއްލަ ދިރިއުޅުމާއި، ވަޒީފާ އާއި ކުރާ މަސައްކަތުގެ އިތުރުން ސިޔާސީ ދާއިރާ އިންނެވެ. އޭގެ ތެރެއިން ސިޔާސީ ދާއިރާއިން ކުރީ ސުވާލުތަކުގެ ތެރެއިން އެއް ޕަސެންޓު ސުވާލެވެ.
ސުވާލުގެ ބަޔަށް ފަހު ހާއްސަ ފޮޓޯ ޝޫޓެއް ވެސް ނާޒިމް އާއެކު "އަދަދު" ގެ ޓީމުން ކުރިއަށް ގެންދިޔަ އެވެ. އެއީ ވެސް މި ޕްރޮގްރާމް ތަފާތުވާ އެއް ސަބަބެވެ. އެ ފޮޓޯ ޝޫޓުގައި ނެގި ފޮޓޯތައް ވެސް މި އާޓިކަލްގައި ހިމަނާލާނަމެވެ. ތިރީގައި ހިއްސާކޮށްފައި އެވަނީ މި ޝޯގެ އިންޓަވިއު ބައިގައި ކުރި ސުވާލުތަކަށް ނާޒިމް ދިން ޖަވާބުތަކެވެ.
ނާޒިމްއަށް 7878 ނަމްބަރަކީ ކިހާ މުހިންމު ނަމްބަރެއްތޯ؟
އަޅުގަނޑު ކުރާ ކޮންމެ ކަމެއް ވެސް ސްޓައިލެއްގައ ކުރަން ވިސްނާ މީހެއް. ފުރަތަމަ އަޅުގަނޑަށް ލިބުނު ފޯނު ނަމްބަރަކީ 327878. އެއީ ގެއަށް ނަމްބަރެއް ހޯދަން ދިރާގުގައި އެދުނީމަ. ރައްޓެއްސެއް މެދުވެރިކޮށް އެ ނަމްބަރު ލިބުނީ. ދެން އަޅުގަނޑު ހިތަށް އެރީ 78 އެއީ ރީތި ނަމްބަރެކޭ. އެހެންވީމަ އަޅުގަނޑުގެ ބްރޭންޑެއް ގޮތަށް 78 ބޭނުންކުރާނީ އޭ.
އެ މަގްސަދުގަ ގޭގެ ހުރިހާ ފޯނު ނަމްބަރުތަކާއި، އޮފީހާ، ސައިކަލާއި އަދި ކާރާއި އަޅުގަނޑުގެ ހުރިހާ ފޯނު ނަމްބަރެއް ހުންނާނީ 78 ގަ. އެހެންވީމަ 78 ބުނެފިއްޔާ އަޅުގަނޑު ކުރާ ވިޔަފާރިއެއް އެޗް-78 ހުންނާނީ ވެސް އޭގެ ނަމުގަ. ބްރޭންޑެއް ގޮތަށް ހެދުން އަޅުގަނޑު ހަގީގަތުގައި ބޭނުންވީ. މީހުން ނުކުރާ ކަހަލަ ތަފާތު ކަމެއް ތަފާތު ގޮތަކަށް ކުރުމުގެ ވިސްނުމުގަ އެކަން ކުރަމުން މިދަނީ.
ސިފައިންގެ އަށް ވަނުމަށް ނިންމީ ކީއްވެތޯ؟
ސިފައިންގެ މީހަކަށް ވާން ހަގީގަތުގައި އަޅުގަނޑު ބޭނުމެއް ނުވި ކުރިއަކުން. އެހެން ނަމަވެސް ސްކޫލުގެ ހަޔާތް ނިމުނު ތަނުން އަޅުގަނޑު ސިފައިންގެ އަށް މި ގެންދަނީ. އޭރުގައި މި އޮންނަނީ ގާނޫނެއްގެ ދަށުން ސަރުކާރުން ބޭނުންވެއްޖެނަމަ ބޭނުންވާ ދާއިރާއަކުން ސަރުކާރަށް ހިދުމަތް ކުރަން ޖެހޭ ގޮތަށް. ދެން އަޅުގަނޑު ގެންގޮސްފަ ސިފައިންގެއަށް ވަންނަން މަޖުބޫރުކުރީ.
ފުރަތަމަ ބެޗުގައި އަޅުގަނޑު ވެސް ހިމެނުނު. އޭގައި މަޖުބޫރުކުރި 16 ކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނިގެންދިޔައީ. ސިފައިންގެއަށް ވަނުމަށް ފަހު އަޅުގަނޑަށް ފެނުނީ ރަނގަޅު ކެރިއާއެއް ގޮތަށް. މުސްތަގުބަލު އޮތް ކަމެއްގެ ގޮތަށް. އެހެންވެ އެގޮތުގަ އަޅުގަނޑު ކުރިއަށް ދިޔައީ.
އެހެންވެ އަޅުގަނޑުގެ ހިތް އަދިވެސް މިވަނީ ސިފައިންގެ އާއެކު. އަޅުގަނޑަކީ ސިފައިންގެ މީހެއް. އަޅުގަނޑުގެ ހަޔާތް ނިމުމަކާ ހަމައަށް ދަންދެން ސިފައިންގެ ދެކެ ވާ ލޯބި ކެނޑިގެނެއް ނުދާނެ. އެހެންވެ ސިފައިންގެ މީހަކަށް ވީތީ ފަހުރުވެރިވާ ސިފައިންގެ މީހެއްގެ ގޮތުގައި މިހުރީ. ނަމަވެސް، ރިޓަޔާކޮށްފަ ހުރި މީހެއް މިވަގުތު އަޅުގަނޑަކީ.

"ގޮނޑި" ޕްރޮގްރާމްގެ ފޮޓޯ ޝޫޓު ތެރެއިން ކާނަލް ނާޒިމް --- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު
ސިފައިންގެ މީހެއްގެ ގޮތުގައި އުޅުނުއިރު އެންމެ ހަނދާނުން ފުހެލަން ދަތީ ކޮން ކަންތައްތަކެއްތޯ؟
އަޅުގަނޑުގެ ޓްރޭނިންތައް. ހަގީގަތުގައި މާލެ އާއި ރާއްޖެ އިން ބޭރުގައި ދުނިޔޭގެ ގައުމުތަކުގައި ޓްރޭނިން ހެދިއިރު އެއީ ވަރަށް ތަފާތު ތަޖުރިބާއެއް އެ ކުރެވުނީ. ހަގީގަތުގައި އެއީ ވަރަށް ބުރަ ތަމްރީންތަކެއް. އަދި، މީހެއްގެ ގައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކެއް އަށަގެންނުވި ކަމެއްގެ ގޮތަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
މިއަދު މިހުރި މަގާމުގަ އަޅުގަނޑަށް މިހުރެވެނީ ސިފައިންގެ މީހަކަށް ވީތީ. އެހެންވެ އެ ފަހުރުވެރިކަން އަޅުގަނޑުގެ ވަރަށް ހަނދާން ހުރޭ. އަޅުގަނޑުގެ މުދައްރިބުން ކިޔަވައިދިން ކަންކަން ހަނދާން ހުރޭ. ހާއްސަ ގޮތެއްގައި ގައުމަށްޓަކައި ވަފާތެރިވުމާއި ތެދުވެރިވުމާއި ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރުމުގެ ކަންކަމަށް ވަރަށް ބޮޑަށް ބާރު އަޅައި މަސައްކަތް ކުރެއްވި.
ހާއްސަކޮށް ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހޭނެކަން އަޅުގަނޑުމެންގެ ސިކުނޑިއަށް ވިސްނައިދިނުން ހަގީގަތުގައި އެއީ އަޅުގަނޑަށް ދަސްވި އެންމެ މުހިންމު ފިލާވަޅެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ.
ނާޒިމްގެ ކާމިޔާބުގައި އަނބިކަނބަލުންނަކީ ކިހާ ބޮޑު ހިއްސާއެއް އޮތް ބޭފުޅެއްތޯ؟
ހަގީގަތުގައި އަޅުގަނޑުގެ ކާމިޔާބުގެ ސިއްރަކީ އަޅުގަނޑުގެ އަންހެނުން އަފާ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހަގީގަތުގައި އަޅުގަނޑާ ދޭތެރޭ ވަރަށް ލޯބިން ރަނގަޅަށް ކަންތައް ކުރެއްވީ.
ހާއްސަ ގޮތެއްގައި އަޅުގަނޑަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާއަކީ އަޅުގަނޑު ޖަލުގައި ތިން އަހަރާއި ބައި ހޭދަކުރަން ޖެހުން. އެ ދުވަސްވަރު ވެސް އެންމެ ދުވަހެއް ވެސް ފަސްޖެހުމެއް ނެތި ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރެއެއްގައި ނުކުމެ އަޅުގަނޑުގެ ހައްގުގައި މަސައްކަތް ކުރި.
ހާއްސަ ގޮތެއްގައި ޖަލުގައި ހުރި ދުވަސްވަރު އެންމެ ދުވަހެއް ވެސް ފުރުސަތެއް ލިބިއްޖެނަމަ ނުގޮހެއް ނުހުންނާނެ. ގޮސް ބައްދަލުކޮށް އަޅުގަނޑާ ދޭތެރޭ ވަރަށް ލޯތްބާއި ކުލުނާއެކު ކަންތައް ކުރީ. އެހެންވެ އެކަމަށްޓަކައި އަޅުގަނޑުގެ ހަޔާތުގެ އެންމެ ބޮޑު ކުރިއެރުމޭ އަދި އެންމެ ބޮޑު ސަޕޯޓެއް ދިނީ އަޅުގަނޑުގެ އަންހެނުން ކަމަށް ގަބޫލުކުރަނީ.
ނާޒިމްގެ ހަޔާތުގައި ކޮއްކޮ އާޒިމް އަކީ ކިހާ އިންފުލުއެންޝަލް ފިގާއެއްތޯ؟
އަޅުގަނޑުގެ އާއިލާގެ މެމްބަރުން، އާދަމް އެކަންޏެއް ނޫން. ކޮންމެ ކުއްޖަކީ ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވާ ކުދިން. އަޅުގަނޑަކީ ބައްޕަގެ 10 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ. ހުރިހާ ކުދިން ވެސް އަޅުގަނޑަށް ކިޔަނީ ދޮންބެ. ދެން އަޅުގަނޑަކީ އެމީހުންނާ އެންމެ ގާތްކޮށް އޮންނަ މީހެއްގެ ގޮތުގައި، ކޮންމެ ކަމެއްގައި ވެސް އަޅުގަނޑާ މަޝްވަރާ ކުރުމާއި އަދި އެ ކުދިން ވަރަށް ލޯބިވާ މީހެއް.
ނާއިންސާފުން ޖަލަށް ލުމުން އެ ވަގުތު ކޮއްކޮ އަޅުގަނޑުގެ ހައްގުގައި ތެދުވި. އަދި، އާއިލާގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ނުކުމެ މަސައްކަތް ކުރަމުން ދިޔައީ. އެ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި ލޯބި އިތުރުވެގެންދިޔުން. މި ފުރުސަތުގައި އާއިލާގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރަން ބޭނުން.
ހާއްސަކޮށް އާދަމް އާޒިމް، ކޮއްކޮ ވަރަށް މަސައްކަތް ކުރި. އޭނާގެ މުޅި ކެރިއާ އެކީ ދޫކޮށްލާ ވަޒީފާތަކުން ކެނޑި، ނުކުމެ އަޅުގަނޑުގެ ހައްގުގައި މަސައްކަތް ކުރަމުން ދިޔައީ.

މެމްބަރު މުހައްމަދު ނާޒިމް. އޭނާގެ ބައެއް މުހިންމު ވާހަކަތައް "ގޮނޑި ޕްރޮގްރާމްގައި ހިއްސާކުރި --- ފޮޓޯ: އަބްދުﷲ ޝަފީއު(އަބޯ)
ޖަލުގައި އޮންނެވިއިރު ސެލްފީއެއް ނަންގަވާފަ އަޕްލޯޑު ކުރެއްވި. އެއީ ކިހިނެއް ހިނގި ކަމެއްތޯ؟ ފޯނު ކިހިނެއްތޯ ލިބުނީ؟
ޖަލުގައި އަޅުގަނޑުމެން ތިބޭއިރު މިވާގޮތަކީ ޖަލު މީހެއްގެ ގޮތުގައި ވިސްނާނީ. ޖަލަށް ލުމާއެކު އަޅުގަނޑުމެން ބަލާނެ ޖަލުން ހޯދެން ހުންނަ ކަންކަން ހޯދަން. ދެން އަޅުގަނޑު އޭގެ ތަފްސީލަކަށް ނުދިޔަސް މި ދެންނެވީ ޖަލަށްލީމަ އަޅުގަނޑުމެން މި ޕްރޮފެޝަނަލްކޮށް ކުރާ ކަންކަމުގެ އިތުރުން ޖަލު މީހަކަށް ހުރެގެން ކުރަން ޖެހޭ ކަންކަން އިހުސާސް ވާނެ. އެ ކޮންމެ މީހަކަށް ވިޔަސް.
އެހެންވެ އަޅުގަނޑުމެން އާއިލާތަކާ ގުޅުމަށްޓަކައި ހޯދަން ޖެހޭ އެއްޗެހި ހޯދާނެ. އަދި ކުރަން ޖެހޭ ކަންކަން ކުރާނެ. އެހެންވެ އަޅުގަނޑުމެން އޭރު ޖަލު މީހުންގެ ވިސްނުމުގަ ވިސްނަމުން ދިޔައީ.
އޭރު ބަރާބަރަށް އާއިލާއާ ވާހަކަ ދައްކަމުންތޯ ދިޔައީ؟
އާއިލާ އާ އަބަދުވެސް އަޅުގަނޑުމެންނަށް ކޮމިއުނިކޭޓު ކުރެވޭ. ދެން ހުންނާނެ ގޮތްތައް. ވަސީލަތްތައް ހުރޭ ދެއްތޯ. އަޅުގަނޑުމެންނަށް އެކަންކަން ކުރެވޭ. އޭގެ ތެރޭ ކަމެއް ގޮތަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ ޖަލު މީހެއްގެ ވިސްނުމުގަ ވިސްނާއިރު ވަރަށް ގިނަ ކަންތައްތައް އެތާ ކުރާނެ.
އަޅުގަނޑުމެން ކޮންމެ ދުވަހަކު ޖަލުގައި ތިބޭއިރު ވިސްނާނެ ކޮބައިތޯ އާއިލާ އާ ގުޅޭނެ ގޮތަކީ. ކޮބައިތޯ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކަކީ. ހަތަރުދަމު ކުރާނެ ކަމެއް ނޯންނާނެ ނޫންތޯ އަނެއް ހެން.
ދުވަހަކު ވެސް މަސައްކަތަށް ގަޑިޖެހިފައި ވާނެތޯ
ގަޑި ޖެހިފަ ވާނެ.
ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި ފެނިދާނެތޯ؟
ފެނިދާނެ.
އެހެން ސިޔާސީ ޕާޓީއަކުން ފެނިދާނެތޯ؟
މިހާރު ތީގަ ޔެސް އޯ ނޯއަށް ވުރެ ތަންކޮޅެއް ދިގުވާން ޖެހޭ. އެއީ ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވާނެ ގޮތެއް ނޭނގޭނެ. އެހެންވީމަ މިހާރު ބޮޑަށް ދެކެން ބޭނުން ވަނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުތުން. ދެން އަޅުގަނޑު ޖެހޭނީ ޕާޓީ ޕްރައިމަރީގަ ވާދަކުރަން.
ޕާޓީ ބަދަލުކުރުމާ ނުކުރުމުގައި އަޅުގަނޑު ދަންނަވާނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލާއި ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމެއް ސިޔާސީ ކަންކަމުގައި ކުރަން ޖެހޭނޭ. އެކަމުގައި ވަކި އެއްޗެއް ނުދެންނެވޭނެ.








