އޭއެފްސީ ކަޕް: ވެލެންސިއާ އިން ނުކުޅޭތީ އަބަހާނީ އޮޓޮމެޓިކުން ޕްލޭއޮފަށް

Apr 12, 2022, 12:51 AM
ވެލެންސިއާ މެޗަށް ފަރިތަކުރަން އަބަހާނީން ބޭއްވި ސެޝަނެއްގެ ތެރެއިން.--- ފޮޓޯ: އަބަހާނީ

ވެލެންސިއާ މެޗަށް ފަރިތަކުރަން އަބަހާނީން ބޭއްވި ސެޝަނެއްގެ ތެރެއިން.--- ފޮޓޯ: އަބަހާނީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅެން ޖެހޭ މެޗު ރާއްޖޭގެ ކްލަބް ވެެލެންސިއާ އަށް ކުޅެވެން ނެތް ކަމަށް އަންގައި, މުބާރާތުން ވަކިވުމުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް މެޗު ލިބި އެ ޓީމު ޕްލޭއޮފް ބުރަށް ދަތުރުކޮށްފި އެވެ.

ވެެލެންސިއާ އިން ޕްރިލިމިނަރީ ދެ ވަނަ ބުރުން ފުރުސަތު ހޯދީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި 120 މިނިޓް ކުޅެގެން ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ 2-1 އިން ބަލިކޮށްގެންނެވެ.

ޕްރިލިމިނަރީ ދެ ވަަނަ ބުުރުގައި ވެލެންސިއާ އިން އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު ކުޅޭ ގޮތަށް އޮތީ މިރޭ އެވެ. އެކަމަކު، އޭއެފްސީން އިއްޔެ އިރުއޮއްސުނުއިރު، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލެންސިއާ މުބާރާތުން ވަކިވެފައިވާކަން އަންގާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ސިލްހެޓު ސިޓީގައި މިރޭ ކުޅެން އޮތް މެޗަށް ވެލެންސިއާ އަށް ނުދެވުނީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ. ވެލެންސިއާ އިން ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝަށް ފުރަން މަސައްކަތް ކުރި އެވެ. ދެން މަސައްކަތް ކުރީ އާދިއްތަ ދުވަހު މެންދުރު ފަހު ފުރާށެވެ. އެކަމަކު، ޔޫތު މިނިސްޓްރީން އާދިއްތަ ދުވަހު މެންދުރު ވެލެންސިއާ އަށް ޓިކެޓް ދިން ނަމަވެސް، ބަންގްލަދޭޝަށް ގޮސް، އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސަން ބޭނުންވާ ފައިސާ އާއި މާލީގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އެހެނިހެން ކަންކަން ފުރިހަމަނުވާތީ ވެެލެންސިއާ ޓީމުން ނިންމީ ބަންގްލަދޭޝަށް ދަތުރުކުރެވެން ނެތް ކަމަށެވެ.

ޓިކެޓް ފޯރުކޮށްދީފައި އޮއްވައި ވެލެންސިއާ އިން މެޗަށް ނުދާން ނިންމުމުން ޔޫތު މިނިސްޓްރީން ވަނީ އެ ކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ވެެލެންސިއާ އަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެއީ ކްލަބްތަކަށް ޔޫތު މިނިސްްޓްރީން ދޭން ހަމަޖެހިފައި އޮންނަ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ދޭ ބައިން ޓިކެޓް ފައިސާ އުނިކުރުމަށެވެ.

މިރޭގެ މެޗު ކުޅެން އިއްޔެ އަބަހާނީން ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް ތާވަލުކުރި އެވެ. އެކަމަކު، ފަހު ވަގުތު ޕްރެސް ކޮންފަރެންސް ކެންސަލްކޮށް، އޭއެފްސީގެ ނިންމުމަކަށް އިންތިޒާރުކުރަން ނިންމީ އެވެ. ވެލެންސިއާ އިން މުބާރާތުން ވަކިވުމުން އަބަހާނީ އަށް އޮޓަމެޓިކުން ޕްލޭއޮފްގެ ޖާގަ ދޭން އޭއެފްސީން ނިންމީ އެވެ.

ވެލެންސިއާ މެޗު ލިބުމުން މިއީ އަބަހާނީ އަށް ރާއްޖޭގެ ކްލަބެއްގެ މައްޗަށް ކާމިޔާބެއް ކުރިހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަބަހާނީ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ކޮލިފައިންގައި ބަލިވެފަ އެވެ. އަދި މިދިޔަ އަހަރު ކޮލިފައިން ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އަބަހާނީ ކުޅެން އޮތް މެޗު، ނުކުޅެ ލިބުނީ އީގަލްސް އަށެވެ.

މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށް ފަހު ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމާއި ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާއިރު، އޭއެފްސީގެ ސަބް ކޮމިޓީ އަށް ގަބޫލުކުރެވުނީ އަބަހާނީ އަށް ދެން އެ ފަހަރުގެ މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، އޭއެފްސީން ނިންމީ އަބަހާނީ މުބާރާތުން ވަކިކުރާށެވެ. އަބަހާނީ ވަނީ އެ މައްސަލައިގައި ވަރަށް ބޮޑަށް ހިތްހަަމަ ނުޖެހުންފާޅުކޮށްފަ އެވެ.

ޕޯޗުގަލްގެ ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަބަހާނީ އޮތީ މި ފަހަރުގެ އޭއެފްސީ ކަޕަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްގެން ތައްޔާރުވެފަ އެވެ.

އެ ގޮތުން އަބަހާނީ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، މީގެ ކުރިން ޗެންނާއިން ޓީމާ އެކު އިންޑިއަން ސުޕަ ލީގު ކާމިޔާބުކުރި ބްރެޒިލްގެ ރަފައެލް އަގަސްޓޯ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކެޕްޓަންކަން ކުރިން ކުރި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަ ރީކާ އަށް ކުޅުނު ޑެނިއަލް ކޮލިންދްރެސް، ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ހިމެނެ އެވެ.

މީގެ ތެރެއިން ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން އަނިޔާއެއްގައި ހުރުމުން ވެލެންސިއާ މެޗަށް އަބަހާނީން ވަނީ ބަންގްލަދޭޝް ލީގުގައި ކުޅޭ ބޮސްނިއާގެ ފޯވާޑް ނޭޓޯ ޓާކޮވިޗް ޓީމުގައި ހިމަނައިފަ އެވެ.

ޕްލޭއޮފްގައި އަބަހާނީން ކުޅެން ޖެހޭނީ ޕްރިލިމިނަރީ ދެ ވަނަ ބުރުގެ އަނެއް މެޗުގައި މިރޭ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ސްރީ ލަންކާގެ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ ކޮލިފައިން ޕްލޭއޮފް ކާމިޔާބުުކުރާ ޓީމެކެވެ. އަންނަ މަހު 18-24 އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox