ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަމަވާ ޕާޓީތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 32.9 މިލިއަން ރުފިޔާ ޖަމާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގަ އެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އެވެ.
އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އަދަދު"އަށް ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް އަށް ފައިސާ ދޫކުރަން ފިނޭންސްގައި އެދިފައިވާނެ ކަމަށެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީއާއި އަދާލަތު ޕާޓީއަށް ފައިސާ ދޫކުރަން ވެސް ފިނޭންސަށް ހުށަހަޅާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސްގައި އެދެނީ ފައިސާ ލިބޭ ޕާޓީތަކުން ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓްތަކުގެ ސައްހަ ކަމަށް ބެލުމަށްފަހު އެވެ.
ފައިސާ ދޭން ޖެހޭ ހަތަރު ސިޔާސީ ޕާޓީއާ ދޫކުރާ ފައިސާތަކުގެ އަދަދު:

- އެމްޑީޕީގެ 54،660 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 15،024،009.96ރ.
- ޕީޕީއެމްގެ 34،237 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 9،410،483.51ރ.
- ޖޭޕީގެ 20،107 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 5،526،669.74ރ
- އަދާލަތު ޕާޓީ، 10،554 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 2،900،903.79ރ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެ އެވެ.
މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.













