ސުވާލު އުފެދޭ ގޮތަށް އަނބިމީހާ މަރާލިކަމުގެ ތުހުމަތުވާ މާވިން އެސްވައި ވާގަސްއަށް ކުރާ ދައުވާ އެކަށީގެންވާ ގޮތަށް ތަރުޖަމާނުކޮށްދެވުމުން މިއަދު ވެސް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވި އަޑުއެހުން ނިންމާލައިފި އެވެ.
މާވިންއަށް ދައުވާ ކުރަނީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވި އެވެ. ނަމަވެސް, އަޑުއެހުމަށް ހާޒިރުވެ އިން ތަރުޖަމާނައަށް އެންމެ އެކަށީގެންވާ ގޮތުގައި ދައުވާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް, މާވިންއަށް ކިޔައިދޭން ނޭނގުނެވެ.
އެ ދައުވާ އާއި އެ ކުށުގެ އަދަބު ދައުވާ ލިބޭ މާވިންއަށް އެންމެ އެކަށީގެންވާ ގޮތަށް ތަރުޖަމާކޮށް ނުދެވޭ ކަމަށް ދައުލަތުންނާއި ދިފާއުން ވެސް ގަބޫލުކުރެ އެވެ.
އެހެންވެ, އެ ދެ ފަރާތުގެ އެދުމުގެ މަތިން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ މައްސަލައަށް އެހެން ތަރުޖަމާނެއް ހޯދުމަށެވެ. އަދި އޮންލައިންކޮށް ކުރިއަށް ގެންދަމުން އަންނަ އެ މައްސަލައިގެ އަޑުއެހުންތައް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށެވެ.

ގާޒީ ވިދާޅުވި ގޮތުގައި އޭރުން މާވިންއަށް ކުރާ ދައުވާ އާއި ޝަރީއަތުގައި ދައްކާ ވާހަކަތައް ތަރުޖަމާކުރުމަށް ފަސޭހަވެގެން ދާނެ އެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލީ ވަރަށް އަަވަހަށް އެ މައްސަލާގެ އަޑުއެހުމެއް ތާވަލްކުރާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
މާވިންގެ ފަރާތުން އެ މައްސަލަ އަވަސްކޮށްދިނުމަށް އެދިފައިވާކަން ދިފާއީ ވަކީލު ފާހަގަކުރި ނަމަވެސް، އޭނާ އެންމެ ފުރަތަމަ ޝަރީއަތް ފެށުމާ އެކު ވެސް މަސައްކަތް ކުރީ ދިފާއީ ހެއްކެއް ނުލިބޭތީ އަޑުއެހުން ފަސްކުރުމަށެވެ.
ދިފާއުއަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީ އާއި މާވިންގެ ދަރިފުޅު, އޮލިވިއާ ގްރޭސްގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓެވެ. އެ ރިޕޯޓް ލިބުން ލަސްވަނީ ކުއްޖާ ފިލިޕީންސްގައި ހުރުމުން ކަމަށް ދައުލަތުން ބުނެ އެވެ.
ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާ އެ ރިޕޯޓް ލިބޭނެ ދުވަހެއް އަދި ނޭނގޭތީ ގާޒީ ނިންމީ އެ ހެކި ހުށަހެޅުމުގެ ފުރުސަތު ފަހުން ދިނުމަށެވެ. އަދި އެ ހެކި ދިފާއުއަށް ނުލިބުނަސް މާވިންއަށް ކުރާ ގަތުލުގެ ދައުވާއަށް ޖަވާބުދާރީވެވޭނެ ކަމަށެވެ.
އެއީ މައްސަލައެއް ކުރިއަށް ގެންދާއިރު ހާމަވާ އާ ކަމެއް، ވަކި ހުށަހެޅުމެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭ ކަމަށް ގާނޫނު ތަސައްވަރު ކުރާތީ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.
މާވިންގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު އިރު، އިއްޔެ ލަމްހާއަށް ކުރި ދައުވާގެ އަޑުއެހުން ވެސް ކުރިއަށް ގެންދެވިފައި ނުވެ އެވެ. އެ ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.












