ރާއްޖޭގައި ވަޒީފާއަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ގަތުލުގައި ބައިވެރިވިކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާއަށް ދައުވާތަކަށް މިއަދުވެސް ޖަވާބުދާރީ ނުވެވި އަޑުއެހުން ނިންމާލަން ޖެހިއްޖެ އެވެ.
މޭރީ މަރާލާނެ ގޮތުގެ އިރުޝާދު ދިނީ އެ ގަތުލުގެ ތުހުމަތުވާ އޭނާގެ ފިރިމީހާ މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާކަމަށް ދައުލަތުން ބުނެ އެވެ. ހޭނެއްތުމަށާއި، ވާގިނެއްތުމަށް ބޭނުންކުރާ ތިން އިންޖެކްޝަނެއް ލަމްހާގެ ކޮޓަރިން ފެނުމާއެކު މޭރީގެ ގަތުލުގެ ތުހުމަތު އޭނާއަށްވެސް ދައުލަތުން ވަނީ ކޮށްފަ އެވެ.
އެހެންވެ އެ ދެމީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައި އެވެ. އަދި އޭނާގެ ލޯބިވެރިޔާއާ ކައިވެނިކޮށްގެން އުޅުނު މޭރީ މަރާލުމަށް މަގުފަހިކޮށް، އެ އަމަލުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުންވެސް ކުރިއަށް ނުގެންދެވިގެން ކުރުކޮށްލަން ޖެހުނީ ދައުލަތުގެ ބައެއް ލިޔެކިޔުންތައް ދިފާއަށް ނުލިބި ހުރި ކަމަށް ބުނެ، ލަމްހާގެ މައްޗަށް ކުރާ ދައުވާތަކަށް ޖަވާބުދާރީވުމަށް އޭނާގެ ފަރާތުން އުޒުރުވެރިވުމުންނެވެ.
ދިފާއުއަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީއާއި މާވިންގެ ދަރިފުޅު, އޮލިވިއާ ގްރޭސްގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓެވެ. އެ ރިޕޯޓް ލިބުން ލަސްވަނީ ކުއްޖާ ފިލިޕީންސްގައި ހުރުމުން ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ.

ޕީޖީގެ ވަކީލް ވިދާޅުވި ގޮތުގައި އެ ރިޕޯޓް މުހިންމު ވަނީ ހާދިސާ ހިނގިއިރު އެ ދެ މީހުންގެ ދަރިފުޅު ހުރީ ގޭގެ ކޮޓިރެއްގެ ތެރޭގައި ކަމަށް މާވިން ބުނެފައިވާތީ އެވެ. އަދި އެ ކުއްޖާއަށް ހާދިސާގެ އެއްވެސް މަންޒަރެއް ފެނުނުކަން ކަށަވަރުވާނީ އެ ރިޕޯޓް ހެދުމުން ކަމަށް ވެސް ދައުލަތުން ގަބޫލުކުރެ އެވެ.
އެ ރިޕޯޓް ހުށަހަޅާ ސަބަބު މީގެ ކުރިން ދައުލަތުން ހާމަކޮށްފައި ނުވާއިރު، އެއީ އެހާ މުހިންމު ރިޕޯޓެއް ނޫން ކަމަށް މީގެ ކުރީގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވެއެވެ. ނަމަވެސް މިއަދު އެ ރިޕޯޓުގެ މުހިންމުކަން ދައުލަތުން ފާހަގަކުރި އެވެ. އެހެންވެ ދިފާއުގެ ފާޑުކިޔުން ދައުލަތަށް އަމާޒުވެގެން ދިޔަ އެވެ.
"އަދި ކިރިޔާ މި އެނގުނީ ދައުލަތަށް އެ ރިޕޯޓް މުހިންމުވާ ކަން،" އެވާހަކައާ ގުޅިގެން ދިފާއީ ވަކީލް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން އެފަދަ ރިޕޯޓަކަށް އެދޭނީ ދައުލަތަށް މުހިންމު ވުމުން ކަމަށާއި ދިފާއުއަށް ވެސް އެ ރިޕޯޓް މުހިންމު ވާނަމަ، ދުނިޔޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވެސް އެ ރިޕޯޓަށް އެދެވޭނެ ކަމަށެވެ.
އެކަމަކު ދިފާއުގެ ކަންބޮޑުވުމަކީ އެފަދަ ރިޕޯޓެއް ތައްޔާރުކުރެވޭ ވަރުގެ ގާބިލު ސައިކޮލޮޖިސްޓުން ރާއްޖޭގައި ތިބިއިރު، އެކުއްޖާ ރާއްޖޭގައި ހުރިއިރު އެހާ މުހިންމު ރިޕޯޓެއް ދައުލަތުން ހަދާފައި ނުވުމެވެ. އެއީ އެ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓެއް ތައްޔާރު ކުރަން ފިލިޕީންސްގައި އެދުނުއިރު، އެ ކަމަށް ނަގާނެ ދުވަހެއް ނޭނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައި ވާތީ އެވެ.
މިހާތަނަށް ލަމްހާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާ އެއްވެސް ކިތާބީ ހެއްކެއް ތައްޔާރުކޮށް އަދި ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ. ދައުލަތުން ބުނީ އެކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓްގެ އިތުރުން، އިންޑިއާގެ ލެބްއަކުން ތައްޔާރުކުރި ލޭގެ ރިޕޯޓްގެ އަސްލާއި، މޯބައިލް ފޯނުގެ ހަތަރު ފޮރެންސިކް ރިޕޯޓް ވެސް ލަމްހާއާ ދެކޮޅަށް ހުށަހަޅާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށްވެސް އެދިފަ އެވެ. އެއީ މޯބައިލް ފޮރެންސިކް ހަތަރު ރިޕޯޓެއް ދިފާއުއާ ހިއްސާކުރުމުގައި ބައެއް މައުލޫމާތުތައް އުނިކުރުމުގެ އަމުރެކެވެ.
ދައުލަތުން ބުނީ މާވިން ފޯނުގެ ފޮރެންސިކް ރިޕޯޓް ހެދިއިރު އޮރިޔާންކާޑު ފެނިފައިވާ ކަމަށެވެ. އެހެންވެ ދިފާއުއަށް އެ ހެކިތައް ދޫކުރެވޭނީ އެބައި އުނިކުރުމަށްފަހު ގައި ކަމަށެވެ. ދައުލަތުން އެދުނު ގޮތަށް ޝަރީއަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދީފަ އެވެ.












