ރިޕޯޓުކޮމިޔުނިޓީ ގާޑްން އިން ވިލިމާލެ އަށް ދިރުމެއް

ކޮމިޔުނިޓީ ގާޑްން އިން ވިލިމާލެ އަށް ދިރުމެއް

ވިލިމާލެ ކޮމިޔުނިޓީ ގާޑްން އިން ފެނިގެން ދަނީ އިޖުތިމާއީ ގުޅުމާއި ފެހިކަމާއި ކުލަ ރީތި މާމަލުގެ ހިތްގައިމުކަން. ވިލިމާލެ އަށް ފައިބާއިރު ފެންނަ މިސްކިތާއި ވިލިމާލެ ހޮސްޕިޓަލާ ދެމެދުގައި އޮންނަ ހުސް ބިމުން ދޫކޮށްފައިވާ 30 ގޮޅި ފުރިފަ އޮތީ ތަރުކާރީ އާއި މޭވާ އާއި މާމެލާމެލިން.

ވިލިމާލެ ކޮމިޔުނިޓީ ގާޑްން: މިތަނުން ދޫކޮށްފައިވާ 30 ޖާގާގައި ގިނަ ބާވަތްތަކެއްގެ ގަސް ހައްދާފައިވާއިރު މިތަން ވަނީ ގިނަ ބައެއްގެ ހިތްހަމަޖެހުމަށް -- ފޮޓޯ: އަހުމަދު ސައީދު/އަދަދު
ވިލިމާލެ ކޮމިޔުނިޓީ ގާޑްން: މިތަނުން ދޫކޮށްފައިވާ 30 ޖާގާގައި ގިނަ ބާވަތްތަކެއްގެ ގަސް ހައްދާފައިވާއިރު މިތަން ވަނީ ގިނަ ބައެއްގެ ހިތްހަމަޖެހުމަށް -- ފޮޓޯ: އަހުމަދު ސައީދު/އަދަދު

އަންހެނަކާއި އަންހެން ކުއްޖަކު، ހަވީރު ފިނިޖެހެމުން އައިވަގުތު، ބައިސްކަލުގަ އައިސް މަޑުކޮށްލި އެވެ. ޕޮޓުތަކުގައި އިންދާފައި ހުރި ގަސްތަކަށް އަޅާލައި ފެންދިނުމުގެ މަސައްކަތްތުގައި ހަރަކާތްތެރިވާން ފެށި އެވެ. އެހެން އަންހެނަކު ގަސްތައް އެއްކައިރި ކުރަމުން ބިންމަތި ކުނި ކަހަމުން ގެންދިޔަ އެވެ. ހަންތަކެއް ބުރިކޮށް ގަސް އިންދުމަށް ތައްޔާރު ކުރަމުން އެކަކު ދިޔައިރު ވެލި ފުރާނާ ފަސްގަނޑު ތައްޔާރު ކުރަމުގައި އިތުރު މީހަކު އުޅުނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން، ފެށި "ވިލިމާލެ ކޮމިޔުނިޓީ ގާޑްން" އިން ފެނިގެން ދަނީ އިޖުތިމާއީ ގުޅުމާއި ފެހިކަމާއި ކުލަ ރީތި މާމަލުގެ ހިތްގައިމު ކަމެކެވެ. ވިލިމާލެ އަށް ފައިބާއިރު ފެންނަ މިސްކިތާއި ވިލިމާލެ ހޮސްޕިޓަލާއި ދެމެދުގައި އޮންނަ ހުސް ބިމުން ދޫކޮށްފައިވާ 30 ގޮޅި ފުރާލާފައިވަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި މާމެލާމެލީގެ ގަސްތަކުންނެވެ.

"ވަރަށް ރަނގަޅު ކަމެއް މިއީ. މިކަން ކުރާ ހުރިހާ މީހުން ވެސް މިކަން ކުރަނީ ގަސް އިންދުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން،" ކޮމިޔުނިޓީ ގާޑުން އިން ދިމާވި އުމުރުން 62 އަހަރުގެ އަންހެނަކު ބުންޏެވެ. "މީހުން ގަސް ގަންނަން ވެސް އާދޭ، ގިނަ މީހުންނަށް އަދި ނޭނގޭތީ ދެރައީ."

sss
sss

ކޮމިޔުނިޓީ ގާޑްން ގައި ހައްދާފައިވާ ބަގީޗާ ގަސްތަކެއް: މިތަން ރަސްމީކޮށް ހުޅުވާނީ އަންނަ ހޮނިހިރު ދުވަހު

ކޮވިޑް-19 ގެ ހާލަތުގައި އާމްދަނީ އިތުރު ކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ރައްވެހިވެފައިވާ ފަރާތްތަކަށް ދޫކުރީ ވިހި ފޫޓު ވިހި ފޫޓު ހުންނަވަރުގެ ޖާގަތަކެކެވެ. މަހަކު 700ރ. ގެ ކުއްޔަކަށް (ކޮވިޑްގެ ހާލަތުގައި) ދޫކޮށްފައިވާ ކޮންމެ ޖާގަ އަކަށް ވަކި ފެން މީޓަރެއް ވަނީ ގުޅައިފަ އެވެ. ވަގުންގެ އުނދަގުލާ ހުރެ، މީހުނަށް ނުވަދެވޭ ގޮތަށް ކޮންމެ ޖާގަ އެއް ފެންސް ޖަހައި ތަޅު ލެވޭ ގޮތަށް ހަދާފައިވަނީ އެ ޖާގަތައް ލިބުނު ފަރާތްތަކުންނެވެ. މަސައްކަތުގަ އުޅެފައި، ވަރުބަލިވުމުން މަޑުކޮށްލާނެ މައިޒާނެއް ވެސް އެ ތަނުގައި ހަދާފައިވެ އެވެ. އެ ކޮމިޔުނިޓީ ގާޑްންގެ ކަންތައްތައް ބަލަހައްޓަކީ އެކަމަށް އިންތިހާބު ކޮށްފައިވާ ހަތަރު މީހުން ހިމެނޭ، ސްޓިއަރިން ކޮމިޓީ އަކުންނެވެ.

"ކައުންސިލުން ޖާގަ ދޫކުރީމަ، ހަތަރު ވަރަކަށް މީހުން އިސްނަގައިގެން އެންމެ ބައިވެރިވެގެން މިތަން މިވަރަށް ތަރައްގީ ކޮށްފައިވަނީ، ވަގުންގެ އުނދަގޫ ބޮޑުވީމަ، ގޮޅިތައް ބަންދުވާނެ ގޮތަށް ހަދަން މަޖުބޫރުވީ،" ސްޓިއަރިން ކޮމެޓީގެ އެއް މެންބަރު، ކްއީންސް ގާޑްންގެ ފަޔާޒް ޔޫސުފް ބުންޏެވެ.

އޭނާ ބުނީ ބަގީޗާގެ މައުލޫމާތު ހޯދުމަށް އެތަނަށް ސްކޫލް ކުދިން ވެސް ޒިޔާރަތްކުރެ އެވެ. ކޮމިޔުނިޓީ ގާޑްންގެ މަގުސަދު ހާސިލުވާނީ އިތުރު ލުއިތަކެއް ލިބި އަދި އެތަނުގައި ހައްދާ ގަސްތައް ވިއްކުމަށް މާކެޓް ވެސް ހޯދައިދެވިގެން ކަމަށް އެނާ ބުންޏެވެ.

"ފެނަށް ހިނގާ ހަރަދާ އެކު ކުލި ދައްކާއިރު، މިވަރުގެ ޖާގަ އަކަށް އެއްހާސް ރުފިޔާ އަށްވުރެ މައްޗަށް އެބަ އަރާ، ދުވާލަކު އެއް އިރު ފެންދޭއިރު ވެސް ފެން ބިލަން 300ރ. އަށްވުރެ ބޮޑު އެއްޗެއް އަރާ،" ފަރާޒް ބުންޏެވެ. "ކުނި އުކާލުމުގައި ވެސް ދަތިތަކެއް އެބަހުރި، އެންމެ ބޮޑަށް ބޭނުންވާ ކަމަކީ މާކެޓް ކުރުން."

ދދ
ދދ

ކޮމިޔުނިޓީ ގާޑްން ގައި މީހަކު މަސައްކަތް ކުރަނީ: އެންމެ ބޮޑު ދައްޗަކީ ވިލިމާލެ އިން ގަސް ކާނާ އާ ބޭސް ނުލިބުން -- އަދަދު ފޮޓޯ

ފަޔާޒް ބުނި ގޮތުގައި ކާބޯތަކެތި ހެއްދުމާއި ދަނޑުވެެރި ކަމަކީ އިސްކަން ދޭން ޖެހޭ ކަމަކަށްވާއިރު ކޮމިޔުނިޓީ ގާޑްންގެ މަގުސަދު ހާސީލު ކުރުމަށްޓަކައި ތަނުގެ ކުއްޔާއި ފެނުގެ ހަރަދު ކުޑަވުމަކީ އެމީހުންގެ ވަރަށް ބޮޑު އެދުމެކެވެ. އަަންނަ ހޮނިހިރު ދުވަހު ކޮމިޔުނިޓީ ގާޑްން ރަސްމީކޮށް ހުޅުވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ކޮމިޔުނިޓީ ގާޑްންގެ އެހެން މެންބަރެއް ކަމަށްވާ އަބްދުއްރަހްމާނު ބުނީ އޭނާ އެ މަސައްކަތް ކުރަނީ ލިބޭ ފައިދާއަށްވުރެ ބޮޑަށް ލިބޭ ހިތްހަމަ ޖެހުމަކަށް ކަމަށެވ.ެ އޭނާ ބުނީ އެންމެ ދަތި މައްސަލަ އަކީ ގަސް ކާނާގެ ބާވަތްތައް ވިލިމާލެއިން ލިބެން ނެތުމާއި އިސްތިހާރު ނުކުރެވުމެވެ.

"މާލޭގެ އަވަށަކަށް ވިއަސް މާލެ އިން ގަނެގެން ފިކަޕަކަށް ލައިގެން ގެނެސް ދޯންޏަކަށް އަރުވައިގެން ގެންނަންވީމަ ވަރަށް ބޮޑެތި ހަރަދުތައް އެބަ ހިނގާ، ޕޮޓް ކަހަލަ އެއްޗެހީގެ އަގުވެސް ވަރަށް ބޮޑު، މާލެ އަށް ގަސް ގެންގޮސް ވިއްކަން ބަލާއިރު ވެސް އެއީ ކުރޭވޭނެ ކަމަކަށް ނުވޭ،" އޭނާ ބުންޏެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލެ ކޮމިޔުނިޓީ ގާޑްންއަކީ އިޖްތިމާއީ ގުޅުން ވަރުގަދަކޮށް، ފުދުންތެރިކަން އިތުރުކޮށްދިނުމުގެ މަގްސަދުގައި ތައާރަފުކުރި ހަރަކާތެއް ކަމަށެވެ.

"ތަނަވަސްކަން އިތުރުކުރުމުގެ ބޭނުމުގައި ހަދާފައިވާ ތަނެއް ކޮމިޔުނިޓީ ގާޑްންއަކީ، އެ ބިން އެހެން ކަމަކަށް ނެގިޔަސް އެ ފަރާތްތަކަށް އެހެން ތަނެއް އެ މަސައްކަތް ކުރަން ދޫކުރާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ބައިސްކަލުގައި އައި އަންހެން ކުއްޖާ ގަސްތަކަށް ފެންދީފައި ދަމުން ދިޔައީ ރީތި ކުލައެއްގެ ބޯގަންވިލާ މަލެއް ބިނދެލައިގެން ހިނިތުންވެފައި ހުރެގެންނެވެ. ކޮމިޔުނިޓީ ގާޑްންގެ ބައެއް މެންބަރުން ދުވާލުގެ ގިނަ ވަގުތު އެތަނުގައި ހޭދަ ކުރަ އެވެ. ގިނަ މީހުން އެތަނަށް އަންނަނީ ބިޒީކޮށް އުޅުމަށްފަހު، ހަވީރު ވަގުތު ގަސްތަކަށް ލޯބިދީ ހިތްހަމަ ޖެހުން ހޯދާލުމަށެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox