އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާ ތާރީހުތައް ފަސްކުރުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ އެވެ.
މިރޭގެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ އެ އިންތިހާބުތައް ރޯދަ މަހާ ދިމާނުވާ ގޮތަކަށް ބޭއްވުމާ މެދު ގޮތެއް ނިންމުމެވެ.
އެހެން ނަމަވެސް، ބަހުސް މަރުހަލާގައި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތިހާބު ފަސްކުރަން ތާއީދުނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބަހުސްގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އިންތިހާބު ފަސްކުރަން އުޅޭނީ ނުފޫޒު ފޯރުވަން ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެން އޭނާ ވިދާޅުވުމާއެކު ބޮޑު އަރައިރުމެއް އުފެދި މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފެށުނެވެ.
އެ ޒުވާބުގެ ތެރެއިން އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އާޒިމް ކުރެއްވި ތުހުމަތުތަކަށް ހޫނު ރައްދެއް ދެއްވާފަ އެވެ. އެގޮތުން، ތިބީ ސަރުކާރާއެކު ގަދަކޮށް ކަމަށާއި ތުހުމަތުތަކެއް ކުރި ނަމަވެސް އެމްޑީޕީ "ހިންގާލާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވާހަކަ ދެއްކެވިއިރު އޭނާއަށް ތާއިދުކުރާ މެމްބަރުން ގެންދެވީ އޭނާއަށް ފޯރިދީ އަޑުގަދަކުރަމުންނެވެ. އަދި، ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ވެސް އަޑުގަދަކޮށް ހޫނު ޒުވާބުތަކެއް ކުރިޔަށް ދިޔަ މަންޒަރު ފެނުނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ވަނީ އެއީ "އިންތިހާބު އަނެއް ކެންޑިޑޭޓަށް ޔަގީންވަންދެން" ގެންނަން އުޅޭ ބަދަލެއް ކަމަށް އެ ބަހުސްގައި ވިދާޅުވެފަ އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާތީ ވަޒީފާ ދީ ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖެހޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިހާރު ފެންނަނީ އިންސާފު ގެއްލިގެންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއް ވެގެންދާނީ އެމްޑީޕީގެ އެތެރޭގެ ކޮންޓްރޯލް އޮތީ ކޮން ފަޅިޔަކަށްކަން ހާމަވެގެންދާނެ ނިންމުމަކަށެވެ.












