ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އޮފީހުގެ ތެރޭގައި ހަމަނުޖެހުން ހިންގައި، އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ބޯ ފަޅައިލި މީހާ ޖަލަށްލުމަށް ކްރިމިނަލް މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކުރި އަހުމަދު ޖަޒީލް، 39، އަކީ އެމްޑީޕީގެ އޮފީހުގެ މުވައްޒަފެކެވެ. އަދި ވަރަށް ގިނަ އަހަރުތަކެއްވަންދެން އެ އޮފީހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އެނގިފައިވެ އެވެ.
މަންދީއަށް ހަމަލާ ދިން މައްސަލާގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާއެއް އުފުލި އެވެ.
އެ މައްސަލައިގައި ޖަޒީލު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އިއްވީ ލުއި ހުކުމެކެވެ. އޭނާގެ މައްޗަށް ދެ ދައުވާ ސާބިތުވެ, އައީ ޖުމްލަ އެއް އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޖަޒީލް ހައްޔަރު ކުރި ދުވަހު، އޭނާގެ ފަރާތުން އަނިޔާ ލިބުނު މަންދީ ބުނެފައި ވަނީ އެއްވެސް ހާލަތެއްގައި އެ މައްސަލައިގައި ޖަޒީލަށް ޖަލު ހުކުމެއް އައުމަށް އޭނާ ނޭދޭ ކަމަށެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައްދުވަހެއްވަންދެން ބޭއްވުމަށްފަހު ޖަލު ގޮަޅިއަކަށް ހުކުމް ކުރާކަށް. އޭނައަށް ފަރުވާބޭނުންވޭ. މިކަހަލަ ކުއްޖެއްނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފަރ ކުރާވަރު އަޅުގަނޑަށްފެނޭ," ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި މަންދީ ލިޔުނެވެ.













