ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަަގާމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ވޯޓު ދެއްވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅޭއްގޮތުގައި މިހާތަނަށް ފެނިފައިވާ އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
"ފައްޔާޒަކީ ވަރުގަދަ ލީޑަރެއްކަން ވަނީ ސާބިތުކޮށް ދެއްވާފައި. އަދި ފައްޔާޒުގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހުގެ 16 ގައި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބު ނިންމާފައިވާ އިރު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ބޭފުޅުންނަކީ ފައްޔާޒުގެ އިތުރުން އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ އެމްޕީ އިމްތިޔާޒު ފަހުމީ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ގާތްވެފައިވާއިރު, ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ވަނީ މަސްރަހު ހޫނުވެފަ އެވެ. އެ ހޫނުކަން މިހާރު މަޖިލީހުގެ ތަޅުމާ ހަމައަށް ވެސް ގޮސް, އެމްޑީޕީގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފަ އެވެ.

އެގޮތުން، އިންތިއަށް ތާއިދުކުރައްވާ މެމްބަރުން މި ސަރުކާރަށް ކޮރަޕްޝަނާއި ނާއިންސާފުގެ ތުހުމަތުކުރާއިރު، ފައްޔާޒާއެކު ތިއްބެވި މެމްބަރުން ވަނީ، އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީގެ ބައެއް މެމްބަރުން އަދާކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.












