ދިވެހިރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު މާލެ ސަރަހައްދުގައި ދަރިން ހޯދާ ނިސްބަތް ދަށަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމުރި 2020 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި، ދަރިމައިވާ އުމުރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބަލައި، އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ މެދުގައި މުޅި ރާއްޖޭގެ ފާޓިލިޓީ ރޭޓު ނޫނީ ދަރިން ހޯދައި ނިސްބަތް އުޅެނީ 2.1 ގަ އެވެ.
މި ރޭޓަށް ބަލާއިރު، އެވަރޭޖަށް ވުރެ އަތޮޅުތެރޭގައި ދަރިން ހޯދައި ނިސްބަތް މައްޗެވެ. މިގޮތުން، އަތޮޅުތެރޭގެ ފާޓިލިޓީ ރޭޓު އުޅެނީ 2.5 ގަ އެވެ. ނަމަވެސް، މާލޭގައި ދަރިން ހޯދާ ނިސްބަތަކީ 1.8 ކުދިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދަރިން ހޯދައި ނިސްބަތް އަންނަނީ އަހަރަކަށްވުރެ އަހަރެއް ދަށްވަމުންނެވެ. މިގޮތުން، 2009 ވަނަ އަހަރު 2.5 ގައި ހުރި ފާޓިލިޓީ ރޭޓު މިހާރު ވަނީ 2.1 އަކަށް ވެއްޓިފަ އެވެ. އެ ތަފާތު ފެނިފައިވަނީ ކޮވިޑާއެކު 2020 ވަނަ އަހަރުގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އަތޮޅުތެރޭގެ މީހުން މާލެ ސަރަހައްދުގައި ވިހެެެއި މިންވަރު މަދުވުން ކަމަށް ލަފާކޮށްފައިވެ އެވެ.
އޭގެ އިތުރުން، 2020 ވަނަ އަހަރު ރާއްޖޭގައި އަލަށް 6،215 ކުދިން އުފަންވިއިރު، ދަރިމައިވާ އަންހެނުންގެ އުމުރުގެ އެވަރޭޖަކީ 29 އަހަރެވެ. އަދި ފިރިހެނުން ދަރިން ހޯދާ އެވަރޭޖު އުމުރަކީ 33 އަހަރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސިޒޭރިއަން ހަދާ މިންވަރު އިތުރު
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ސިޒޭރިއަން ހަދާ މިންވަރު ވެސް އަހަރުން އަހަރަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން، ސިޒޭރިއަން ހަދާ ނިސްބަތް 2016 ވަނަ އަހަރު 46 ޕަސަންޓުގައި ހުރިއިރު، 2020 ވަނަ އަހަރު އެ ނިސްބަތްވަނީ 52 ޕަސަންޓަށް އިތުރުވެފަ އެވެ.
އޭގެ ތެރެއިން 23 ޕަސަންޓަކީ އަމިއްލައަށް އެދިގެން ސިޒޭރިއަން ހެދި މީހުންކަމަށް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި، ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމާއި އާންމު ސިއްހަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ވަނީ ހިމަނައިފަ އެވެ.
އެ ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވުމުގެ އިތުރުން ސިއްހީ ޕްރޮގްރާމްތައް ރޭވުމަށް އަދި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.













