ޅ. އަތޮޅުގެ ހަ ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި ޅ. އަތޮޅަށް ރައީސް ދަތުރު ކުރައްވާނީ މި ފެބުރުވަރީ މަހުގެ 18 އިން 20 އަށެވެ.
މިވަގުތު ނުރަސްމީ ދަތުރެއްގައި ސިންގަޕޫރްގައި ހުންނެވި ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ;
- މަޑިވަރު
- ހިންނަވަރު

- ފެލިވަރު
- ނައިފަރު
- އޮޅުވެލިފުށި
- ކުރެންދޫ
އުފަން ރަށް ހިންނަވަރަށް ވެސް ރައީސް މި ދަތުރުގައި ވަޑައިގަންނަވާއިރު, މަޑިވަރަށް ރައީސް ވަޑައިގަންނަވަނީ އެ ރަށުގައި އަޅާފައިވާ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރި މަޑިވަރު އެއާޕޯޓަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުވި އެވެ. ދިގުމިނުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ މި އެއާޕޯޓުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް އާއި އޭޓީއާރް މަރުކާގެ ފްލައިޓުތަކަށް ޖެއްސެ އެވެ.
މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމި، ޓެސްޓު ފްލައިޓު ޖެއްސީ ނިމުނު ޑިސެމްބަރު މަހު އެވެ.
ގިނަ ރިސޯޓުތަކެއް ހިންގާ ކުރެއްދޫ ހޯލްޑިންގްސްއިން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހިންގާ ބަލަހައްޓަން ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.












