ގައުމީ ސީނިއާ ވޮލީބޯޅަ ސްކޮޑުގައި މި ވަގުތު ހިމެނޭ ޒުވާން ކުޅުންތެރިންނަށް ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މި އެކުވެރިކަމުގެ މެޗުތަކުގައި ދޭ ފުރުސަތުތަކުގައި ރަނގަޅަށް ކުޅެން އެ ކުޅުންތެރިން ކުރާ މަސައްކަތް ފެންނަ ކަމަށް ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.
ގައުމީ ވޮލީ ޓީމުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ހޯމަ ދުވަހުގެރޭ ފަހަތުން އަރައި 3-1 ސެޓުން މޮޅުވި އެވެ. ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ވަނީ 3-1 ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ.
ވޮލީ ސީނިއާ ސްކޮޑުގައި ހިމެނޭ ޖޫނިއާ ކުޅުންތެރިން ކަމަށްވާ އަލީ ނިމާލް، މާއިދު މުހައްމަދު ހަލީލް، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދަށް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުގައި ފުރުސަތު ދީފަ އެވެ. ޓީމުގައި ދެން ހިމެނޭ ޖޫނިއާ ކުޅުންތެރިޔާ މާއިޝް އަށް މިރޭ ކުޅޭ މެޗުގައި ފުރުސަތު ދޭނެ ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝް އަތުން ދެ ވަނަ މެޗުގައި ބަލިވި ނަމަވެސް އެ މެޗުގައި ފަހަތުން އަރައި ސެޓުތަކުގައި ސްކޯ އެއްވަރުކޮށް ވާދަވެރިކޮށް ކޮންމެ ސެޓެއްގައި ވެސް ރާއްޖޭން ކުޅުނެވެ.
ހުޒަންޓެ ބުނީ އެ ގޮތަށް ފަހަތުން އެއްވަރު ކޮށްގެން ކުޅެވޭ އެންމެ ބޮޑު ސަބަބަކީ މަދު ޕްރެކްޓިހެއް މި މެޗުތަކުގައި ކުރިން ކުރެވުނު ކަމުގައި ވިޔަސް ކުޅުންތެރިންގެ ފިޓްނަސް އާއި ފިޒިކަލީ ރަނގަޅުވުން ކަމަށެވެ. އަދި ފުރުސަތު ދޭ ޒުވާން ކުޅުންތެރިން ވެސް އަރައި ކުރާ މަސައްކަތް ރަނގަޅުވުން ވެސް އިސް ރޯލެއް ކުޅޭ ކަމަށް ހުޒަންޓެ ވަނީ ބުނެފަ އެވެ.
"ފުރުސަތު ދިން ކުޅުންތެރިންނަށް ބަލާއިރު، ޕްރެޝަރުގައި ކުޅެން ޖެހުނީމަ އުނދަގޫވި އެ މީހުންނަށް (ޒުވާން ކުޅުންތެރިންނަށް). ސެންޓަރަކަށް ކުޅުނު ކުޅުންތެރިޔާ އާއި ސެންޓަރު ވެސް މި ފެނުނީ ފުރަތަމަ ދުވަހާ ބަލާއިރު ޕްރެޝަރު ތެރޭގައި ކުޅެން ޖެހުމުން ވެސް މަސައްކަތް ކުރިތަން. ޖުމްލަކޮށް ހާލަތަށް ބަލާއިރު ރަނގަޅޭ ބުނެވޭނީ،" ހުޒަންޓެ ބުންޏެވެ.
ބަންގްލަދޭޝް އަތުން ދެ ވަނަ މެޗުގައި ބަލިވުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ހުޒަންޓެ ފާހަގަކުރީ ޕްރެޝަރުގެ ތެރެއަށް ވެއްޓި އަމިއްލަ އަށް ގޯސްތަކެއް ހެދުން ކަމަށެެވެ.
"(ދެ ވަނަ މެޗުގެ) ފުރަތަމަ ސެޓު ފިޔަވައި ދެން ކުޅުނު ހުރިހާ ސެޓެއް ވެސް ވަރަށް ވާދަވެރިކޮށް ދިޔައީ. ދެން އަމިއްލަ މިސްޓޭކް ތަންކޮޅެއް ގިނަވެގެން އެހާ ކައިރިން ސްކޯ ގޮސްފައި ވެސް ދަށްކޮށް މި ދިޔައީ. ރިސީވާއި ސާވިސް އެބަޖެހޭ ވަރަށް ރަނގަޅު ކޮށްލަން. މި މެޗުން ބަލިވުމުގައި ބްލޮކް މައްސަލަ ވެސް ފާހަގަވި،" ހުޒަންޓެ ބުންޏެވެ.
ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަަމުގެ ސިލްސިލާގެ ތިން ވަނަ މެޗު އޮތީ މިރޭ އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅޭ މިރޭގެ މެޗު ފަށާނީ 21:00 ގަ އެވެ.












