ވާދަވެރި ކުޅުމަކަށް ފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ރާއްޖޭގެ ހުޒަންޓެ ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ރާއްޖޭގެ ހުޒަންޓެ ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގެ ދެ ވަނަ މެޗުގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު 3-1 ސެޓުން ބަންގްލަދޭޝް ގައުމީ ވޮލީ ޓީމު އަތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމު ބަލިވެއްޖެ އެވެ.

އެކުވެރިކަމުގެ ސިލްސިލާގެ ފުރަތަމަ މެޗުގައި ރޭ ރާއްޖެ އިން ވަނީ ފަހަތުން އަރައި ބަންގްލަދޭޝް 3-1 އިން ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓު މެޗުގެ ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. ދެން ކުޅުނު ތިން ސެޓު ރާއްޖޭން ގެންދިޔައީ މޮޅަށް ކުޅެ، 19-25، 20-25 އަދި 22-25 އިންނެވެ. އެއީ ހަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުވެސް ކުރީ މެޗެކޭ އެއްގޮތަށް ކާމިޔާބުކުރީ ބަންގްލަދޭޝުންނެވެ. މި ސެޓު ބަންގްލަދޭޝުން ކާމިޔާބުކުރީ 25-19 އިންނެވެ. ޖެހިގެން އައި ސެޓު ފާސޭހަކަމާ އެކު 16-25 އިން ރާއްޖެ އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އަދި ދެ ސެޓު 25-15، 25-21 އިން ކާމިޔާބުކޮށް ބަންގްލަދޭޝް މޮޅުވީ އެވެ.

ކުރިން ކުޅުނު މެޗުން ބަލިވެފައިވުމުން ބަންގްލަދޭޝުން މެޗު ފެށީ ވަރުގަދަ ރޫހެއްގަ އެވެ. މިގޮތުން މެޗު ފެށި ގޮތަށް ބަންގްލަދޭޝް އިން ވަނީ ލީޑު ނަގައި ސެޓު ނިމެންދެން އެ ލީޑު ދަމަހައްޓައިފަ އެވެ. މި ސެޓުގައި ރާއްޖޭގެ ޓީމުން ރަނގަޅު ބްލޮކްތަކެއްކޮށް ޕޮއިންޓް ތަކެއް ހޯދި އެވެ. ނަމަވެސް ބަންގްލަދޭޝްގެ ސެޓަރު ސޮހާން ޝެއިކުގެ މޮޅު ހުނަރާ އެކު ދިވެހި ޓީމުގެ ޑީފެންސް ޑިފެންސް ފޫއަޅުވާލި އެވެ. މިގޮތުން ބޯޅަތައް ރަނގަޅަށް ރިސީވް ނުކުރެވި ސެޓުގެ ފަހު ކޮޅާ ހަމައަށް ރަނގަޅު ލީޑެއް ދަމަހައްޓައި 25-19 އިން ބަންގްލަދޭޝް މި ސެޓު ކާމިޔާބުކުރި އެވެ.

ޕޮއިންޓް ހޯދުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ސެޓުގެ މެދު ތެރެއިން ބައެއް ދަނޑިވަޅުތަކުގައި ގައުމީ ޓީމގެ ޒުވާން ކުޅުންތެރިޔާ މާއިދު މުހައްމަދަށް ކޯޗު މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) ފުރުސަތު ދިނެވެ. މިއީ މާއިދު ގައުމީ ޖާޒީގައި ކޯޓަށް ކުޅެން އެރި ދެ ވަނަ ފަހަރެވެ. މި ފަހަރު އަލަށް ސްކޮޑުގައި ހިމެނުނު މާއިދު ވަނީ ފުރަތަމަ މެޗުގައި ވެސް ކުޑަ ވަގުތު ކޮޅަކަށް ކުޅެން އަރައިފަ އެވެ.

ދެ ވަނަ ސެޓުން ދިވެހި ޓީމުން އާ ހިތްވަރަކާ އެކު ނުކުމެ ތަފާތު ދެއްކި އެވެ. ސެޓު ފަށައިގެން ދިވެހި ޓީމުން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ބަންގްލަދޭޝް އިން ރަނގަޅު ބްލޮކްތަކެއް ކޮށް 7-7 އިން ސްކޯ އެއްވަރުކުރި އެވެ. އޭގެ ފަހުން ދެން ފެނުނީ ދިވެހި ޓީމުގެ އާދަމް ފައިރޫޒާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ބާރު ހަމަލާތަކުން ރާއްޖެއިން ލީޑް ނެގި ތަނެވެ.

ރާއްޖެ ޓީމް ލީޑްގައި އޮއްވާ ކޯޗު ކާއްޓޭ ވަނީ ޒުވާން ބްލޮކަރު އަހުމަދު ނާފިއު ކުޅެން އަރުވައިފަ އެވެ. މި ސެޓު ނިމެންދެން ނާފިއު ކުޅުނުއިރު އޭނާ ވަނީ ލިބުނު ފުރުސަތުގައި ނިސްބަތުން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ކުޑަކާއްޓޭ އަދި އަލީ ހުޒާމް(ހުޒަންޓޭ)އާ އެކު ރަނގަޅު ބްލޮކްތަކެއް ކުރި އެވެ. މި ސެޓުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އާދަމް ފައިރޫޒްގެ ބްލޮކްތަކާއި އެޓޭކްތަކެވެ. ރާއްޖެއިން ކާމިޔާބުކުރި ގިނަ ޕޮއިންޓްތަކުގައި ފައިރޫޒްގެ ތަފާތު ދެއްކި އެވެ. ސެޓުގެ މެދުތެރެއިން ލީޑް ފުޅާކޮށް ކޮންފިޑެންސާ އެކު ކުޅެ 16-25 އިން މި ސެޓު ރާއްޖެ އިން ކާމިޔާބުކުރި އެވެ.

ތިން ވަނަ ސެޓުގައި ބަންގްލަދޭޝުން ފެނުނީ ވަރަށް ބޮޑަށް އެޓޭކް ވަރުގަދަ ކޮށެވެ. އަދި ބްލޮކްތައް ވެސް މި ސެޓުގައި އެޓީމުން ކުރި ހޯދުމުގައި އިސް ރޯލެއް ކުޅުނެވެ. ސެޓު ފަށައިގެން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އަދި އެ ލީޑް 10-3 އަށް ފުޅާކުރި އެވެ. އޭގެ ފަހުން ރާއްޖެ އިން ރަނގަޅު ޕޮއިންޓްތަކެއް ހޯދައި ސްކޯ 11-7 އަށް ގާތްކޮށްލުމުން ބަންގްލަދޭޝިން ޓައިމްއައުޓެއް ނަގައި ޓީމު ހަމަޔަކަށް އެޅުވި އެވެ. މި ޓައިމްއައުޓަށް ފަހު އަނެއްކާ ވެސް ކުރީގެ ކުޅުން ތަކުރާރުކުރި އެވެ. ކެޕްޓަން ހޮރޮސިތު ބިސްވާސްގެ ބާރު ހަމަލާތަކާ އެކު އެ ޓީމުން ވަނީ ލީޑު ފުޅާކޮށް ސެޓުގެ ފަހުކޮޅަށް ދިޔައިރު ނުވަ ޕޮއިންޓްގެ ލީޑެއް ވެސް ނަގައިފަ އެވެ. ނަތީޖާ އަކަށްވީ މި ސެޓު ފަސޭހަކަމާ އެކު 25-15 އިން ކާމިޔާބުކުރުމެވެ.

ދެން ފެނުނީ މިހާތަނަށް މި އެކުވެރިކަމުގެ ސިލްސިލާގައި ކުޅުނު އެންމެ ފޯރިގަދަ ސެޓެވެ. މެޗު ފަށައިގެން ފުރަތަމަ ބާރަ ޕޮއިންޓް ނިމުނުއިރު ދެ ޓީމު އޮތީ 6-6 އިން އެއްވަރުވެފަ އެވެ. އޭގެ ފަހުން ބަންގްލަދޭޝް ޓީމުގެ ބްލޮކަރު އެމްޑީ ސުޖޮން އެ ޓީމަށް ތަފާތު ދައްކައިދިނެވެ. ޖެހިޖެހިގެން ވަރުގަދަ ތިން ބްލޮކްކޮށް އެޓީމަށް ލީޑް ނަގައިދިނެވެ. މުޅި މެޗަށް ބަލާއިރު އެންމެ ދިގު ރެލީތައް ފެނުނު މި ސެޓުގައި ދިވެހި ޓީމުން ވެސް ފެނުނީ ވަރުގަދަ ވާދައެއް ކުރި ތަނެވެ.

ކުޑަކާއްޓޭގެ މޮޅު ކުޅުމާ އެކު ސްކޯ 10-10 އިން އެއްވަރުވި އެވެ. ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) ވެސް ރަނގަޅު ޕޮއިންޓްތަކެއް ހޯދިއިރު، 12-12 އިން އެއްވަރުވެފައި އޮތުމަށް ފަހު ރަނގަޅު ރިސީވްތަަކެއް ނުކުރެވި ދެ ޕޮއިންޓް ރާއްޖެ އަށް ގެއްލުނެވެ. ބަންގްލަދޭޝުން ލީޑް ހިފަހައްޓައި ކުރިއަށްގޮށް 17-14 އިން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ހުޒަންޓެ އާއި ކުޑަކާއްޓޭގެ ހަމަލާތަކުން އަނެއްކާ ވެސް ރާއްޖެއިން ސްކޯ 17-16 އަށް ކައިރި ކުރި އެވެ.

މިރޭގެ މެޗުގެ ތެރެއިން ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް (ކ) ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގަލްދޭޝްގެ އިސްކޮޅުން ދިގު ބްލޮކަރު ސުޖޮން އާއި ކެޕްޓަން ހޮރޮސިތްގެ ހުނަރާއިއެކު އެޓީމުން 20-16 އަށް ލީޑް ފުޅާކުރި އެވެ. ރާއްޖެ އިން ދޫނުދީ ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ އެންމެ ފޯރިގަދަ ހިސާބަށް ދިޔައިރު އޮތީ 21-21 އިން އެއްވަރުވެފައި އޮތުމެވެ. ޖެހިގެން އައި ޕޮއިންޓް ރާއްޖެއަށް ގެއްލުނީ އަމިއްލަ ސާވިސް ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން ލިބުނު ފުރުސަތުގައި ކުޑަކާއްޓޭ ޖެހި ބޯޅަ ސުޖޮން ބްލޮކް ކުރިއެވެ. ދެން ލިބުނު ފުރުސަތުގައި އެޑަމް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ފަހު ޕޮއިންޓް ރާއްޖެ އަށް ގެއްލުނީ ލިބުނު ފުރުސަތުގައި ނިންމާ ނުލެވި ބަންގްލަދޭޝުން ފޮނުވާލި ބޯޅަ ޑިފެންސް ނުކުރެވުމުންނެވެ. އަދި މި ސެޓު 25-21 އިން ކާމިޔާބުކޮށް ބަންގްލަދޭޝުން މެޗުން މޮޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައި ކުޅޭނެ އެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، ދެ ވަނަ މެޗުން ރާއްޖެ މިރޭ ބަލިވީއެވެ. ދެ ޓީމް ކުޅޭނެ ފަހު މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.

މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު މަހުލޫފް ވަޑައިގެންނެވި އެވެ. އަދި ރައީސް ސޯލިހާއި މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމް ވެސް މި މެޗަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox