ހުވަދޫ އަތޮޅުގައި 1962 ވަަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކުގެ މައުލޫމާތު އެނގޭ މީހުން އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެ އަތޮޅު ގައްދޫ ކައުންސިލުން އެދިއްޖެ އެވެ.
ހުވަދޫ ބަޣާވާތް ނުވަތަ ދެކުނު ގަޑުބަޑުގައި އަތޮޅުގެ ރައްޔިތުން ގައްދުއަށް އަރާ ގައްދޫގައި ހިންގި ލާއިންސާނީ ހަރަކާތްތަކާއި ގުޅިގެން ލިބުނު ގެއްލުމުގެ ހާދިސާ ހިގާފައިވާގޮތް ބެލުމަށްޓަކައި އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅުމަށް ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 39 ވަނަ އާންމު ބައްދަލުވުމުގައިވަނީ ނިންމާފަ އެވެ.
އަދި އެ އަތޮޅު ތިނަދޫއަށް 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ.
އެކަމާ ގުޅުގެން ގައްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގާފައިވަނީ 1959 ވަނައަހަރާއި 1962 ދެމެދުގައި ކަމަށްވުމުން އެ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭ ގައްދޫގެ މީހުން ދެނެގަންނަން އެ ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެހެން ކަމުން އެ މައުލޫމާތު އެންގޭ މީހުން ކައުންސިލާ ގުާ އެ މައުލޫމާތު ހިއްސާކޮށްދެއްވުން ވަނީ އެދިފަ އެވެ.
ހުވަދޫ ބަޣާވާތާ ގުޅިގެން އޭރުގެ ހަވަރު ތިނަދޫ، މިހާރުގެ ތިނަދޫން މީހުން ބާލާ، އެރަށް ފަޅުކޮށްލާފައިވެ އެވެ. އެ މައްސަލައިގެ އަޑުއެހުންތަށް ފެށުމަށް ތައްޔާރު ވަމުންދާއިރު، މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ހަ ކަމަކަށް އެދިފަ އެވެ.
އެއީ:
- މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުމަށް
- ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް
- ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް
- ތިނަދުއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުމަށް
- ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ “ގަތުލުއާންމު”ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދުނުމަށް އެދުމަށް
- މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން "ގދ. ތެނަދޫ ވެލާނޭގޭ" ގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދުމަށް
އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެން ކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.
އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދުއިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.












