ބޭނުން ނުކުރާ ކޮންޓެއިނަރުތަކުން ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަދަމުންދާ ޕާކު ރޯދަޔަށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
މި ޕާކަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުކާލާފައި ހުރި ކޮންޓެއިނަރުތައް ބޭނުންކޮށްގެން ތަރައްގީކުރަމުންދާ ޕާކެކެވެ. މި ޕާކުގައި ކެފޭއަކާއި އެގްޒިބިޝަން ސްޕޭސްއެއްގެ އިތުރުން ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވާކިން ސްޕޭސްއެއް ހުންނާނެ އެވެ.
މި އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރިންގެ މަސައްކަތްތައް މައުރަޒުކޮށް ދައްކާލާނެ ފުރުސަތު ލިބިގެން ދާނެ އެވެ.

ކޮންޓެއިނަރު ޕާކުގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ރެންޑަރިންއެއް: މިތަނުގައި ކެފޭއަކާއި އެގްޒިބިޝަން ސްޕޭސްއަކާއި ކޯ ވާކިން ސްޕޭސްއެއް ހުންނާނެ. -- ފޮޓޯ: އެޗްޑީސީ

އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަރަކާތްތައް ހިންގާނެ ފުރުސަތާއި ތަފާތު އެކި ކަންކަން ކުރަން ހުޅުވާލެވިގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިއީ އާންމުކޮށް މީހުން ޒިޔާރަތްކުރާށާއި މަސައްކަތުގެ މާހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ހުޅުވިގެންދާ ފުރުސަތުކެއް ކަމަށް ވެސް ބުންޏެވެ.
މިއީ ރާއްޖޭގައި މި ކޮންސެޕްޓަށް ތަރައްގީކުރާ ފުރަތަމަ ޕާކެވެ.












