ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން ރޭ ރާއްޖޭގެ ގައުމީ ވޮލީ ޓީމު އަތުން ބަންގްލަދޭޝް ބަލިވި މައިގަނޑު ސަބަބަކީ ރެފްރީގެ ގޯސް ނިންމުންތައް ކަމަށް ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނެފި އެވެ.
އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝް ޓީމުން ރާއްޖެ އައިއިރު، ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ނަގައިގެން ހުރީ އިމްދާދުލް އެވެ. ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު އީރާންގެ އީރާންގެ ސައީދު ލަތީފް ހުރީ ޗުއްޓީއެއްގަ އެވެ. މިރޭ ބަންގްލަދޭޝް ޓީމަށް އިރުޝާދުދިން އިމްދާދުލް ހުންނަނީ އީރާން ކޯޗު ސައީދުގެ އެސިސްޓަންޓަކަށެވެ.
ރާއްޖޭގެ ވޮލީ ޓީމުން ރޭ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދީ ފުރަތަަމަ ސެޓު ބަންގްލަދޭޝް އިން ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. މިއީ 2016 ގެ ސާފް ގޭމްސްގެ ފަހުން ބަންގްލަދޭޝް އަތުން ދިވެހިރާއްޖެ މޮޅުވި ފުރަތަމަ މެޗެވެ. އޭގެ ފަހުން ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ބަންގްލަަދޭޝް ތިން މެޗު ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ހަ އަހަރު ތެރޭ ރާއްޖެ އަތުން ބަލިވި ފުރަތަމަ މެޗަށް ފަހު އިމްދާދުލް ބުނީ މި މެޗުގައި ރާއްޖޭން މޮޅަށް ކުޅުނުކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، މެޗުން ބަންގްލަދޭޝް ބަލިވުމުގައި ރެފްރީގެ ނިންމުންތައް ބޮޑު "ދައުރެއް" އަދާކުރިކަމަށް އިމްދާދުލް ބުނެފައިވެ އެވެ..
އޭނާ ބުނީ މެޗު ބަލަން ތިބި ސަޕޯޓަރުންނަށް ވެސް މަންޒަރު ފެންނާނެ ކަމަށެވެ. އެ ގޮތުން ދެ ވަނަ ސެޓުގެ މުހިންމު ދަނޑިވަޅެއްގައި ރާއްޖެއަށް ގަވާއިދާ ހިލާފަށް ދެ ޕޮއިންޓް ދިނުމަކީ އޭނާ އަޖައިބުވާކަމެއް ކަމަށް އިމްދާދުލް ވަނީ ބުނެފަ އެވެ. އިމްދާދުލް ބުނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މި ކަހަލަ ކަމެއް ހިނގާފައިވާ ތަނެއް ނުދެކޭ ކަމަށެވެ.
"މެޗުން އަހަރުމެން ބަލިވީ ކީއްވެގެން ކަން ބަލަންތިބި އެންމެންނަށް ފެންނާނެ، އަހަންނަކަށް ނޭނގެ އެއް ފަހަރާ ދެ ޕޮއިންޓް ރާއްޖެއަށް ލިބޭ ގޮތެއް. ރެފްރީގެ ނިންމުންތަކުން މެޗު އެނބުރުނީ. އެކަމަކު، ރާއްޖެއިން ވެސް ރަނގަޅަށް ކުޅުނުކަން ފާހަގަ ކުރަން،" އިމްދާދުލް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ސެޓުގައި އެޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ. އެކަމަކު، ދެވަނަ ސެޓު ދިޔަ ގޮތުން އެ އަށް ފަހު ބަންގްލަދޭޝް ޓީމުން ގިނަ މިސްޓޭކްތަކެއް ހެދި ކަމަށެވެ. އަދި އޭގެ ފައިދާ ރާއްޖެއިން ނަގައި، ކުޅުން ވަރުގަދަކޮށް މެޗުގެ އޮއިވަރު އެއްކޮށް އަނބުރާލީ ކަމަށް އިމްދާދުލް ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމާ އެކު 2015 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކޯޗު ބުނީ ފުރަތަމަ މެޗުން ބަލިވިކަމުގައި ވިޔަސް އަމާޒަކީ ކުރިއަށް އޮތް ދެ މެޗަށް ރަނގަޅަށް ތައްޔާރުވެ، މެޗު ކާމިޔާބުކުރުން ކަމަށެވެ.
ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައި ކުޅޭއިރު، ދެ ވަނަ މެޗު އޮންނާނީ މާދަމާ ރެ އެވެ. އަދި ފަހު މެޗު އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ.













