ހުޅުމާލޭގައި ހުރި ހުސް ޖާގަތަކަކީ ރައްޔިތުންނަށް ބޭނުންތެރި ތަންތަނަށް ހަދަން މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުދި ހުސް ޖާގަތަކުގައި ޕާކުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.
އެޗްޑީސީން ރާވާފައިވާ ގޮތުން ހުޅުމާލޭ ފޭސް ވަންގެ ތަފާތު ނުވަ ސަރަހައްދެއްގައި ޑިޖިޓަލް އަދި އިންޓަރެކްޓިވް ފީޗާތަކެއް ހިމެނޭ "ޕޮކެޓު ޕާކްސް" ނޫނީ ކުދި ޕާކުތަކެއް ތަރައްގީ ކުރެވޭނެ އެވެ. މި ޕާކުތައް ހުންނާނީ އެޗްޑީސީން ފަރުމާކޮށްފައިވާ ތަފާތު ފަސް ކޮންސެޕްޓަކަށެވެ.
ޕޮކެޓު ޕާކުތަކާ ގުޅޭގޮތުން އެޗްޑީސީން ބުނި ގޮތުގައި މި ޕާކުތަކުގެ ސަބަބުން ބޭނުންނުކޮށް އަޅާނުލެވި ހުރި ތަންތަނަށް ދިރުން ގެނެވޭނެ އެވެ. އަދި ބޭނުންނުކޮށް ހުރި ތަންތަން މިހާރަށް ވުރެ ފައިދާ ހުރި ގޮތެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގުފަހި ވެގެން ދާނެ އެވެ.
"މި ޕާކުތައް ތަރައްގީކުރުމުން އަޅާނުލެވި ދޫކޮށްލާފައި ހުރި ތަންތަން ބޭނުންތެރި ތަންތަނަށް ބަދަލުކުރެވޭނެ" އެޗްޑީސީން ބުންޏެވެ.

ޕޮކެޓު ޕާކުތައް ތަރައްގީކުރާ ކޮންސެޕްޓުތައް. -- ފޮޓޯ: އެޗްޑީސީ
މިއީ އެންމެނަށް ތަރައްގީކުރެވޭ ޕާކުތަކެއް ކަމުން އެޗްޑީސީން ބުނީ އެކި ޕާކުތަކުން ތަފާތު ހިދުމަތްތައް ލިބިގެން ދާނެ ކަމަށެވެ. އަދި މި ޕާކުތަކަކީ ރައްޓެހިންނާއީ އާއިލާއާ އެކީ ހިތްގައިމު މާހައުލަކުން ބައްދަލުކޮށްލަން ރައްކާތެރި ހިތްގައިމު މާހައުލުތަކެއް ކަމަށާއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށޭނެ ކަމަށް ބުންޏެވެ.
ޕޮކެޓު ޕާކުތަކުން ފާހަގަކޮށްލެވޭ ކަންކަން
- އިށީންނަން ބެންޗުތައް
- ކުދި ވިޔަފާރިތަކަށް ހާއްސަ ކިއޯސްކްތައް
- ކުޑަކުދިން ކުޅޭ ސާމާނު
- ބައިސްކަލު ދުއްވަން ހާއްސަ މަގުތައް
- ވައިފައި އާއި ފޯނު ޗާޖުކުރާ ޗާޖިން ސްޓޭޝަންތައް
މި ޕޮކެޓު ޕާކުތަކުން ލިބޭ ހިދުމަތްތައް ބިނާވަނީ ޕާކުގެ ކޮންސެޕްޓަށާއި ބޮޑުމިނަށެވެ.

ޕޮކެޓު ޕާކުތައް ތަރައްގީކުރާ ކޮންސެޕްޓުތައް. -- ފޮޓޯ: އެޗްޑީސީ
މި ކުދި ޕާކުތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި ބޭރުތެރެ ޒީނަތްތެރިވުމާއި އިޖުތިމާއީ ގުޅުން ވަރުގަދަވުން ހިމެނެ އެވެ. އަދި ހުޅުމާލޭގެ ފެހިކަން އިތުރުވެ ދުވާލުގެ ހޫނުން ރައްކާތެރިވާން އެހީތެރިވެދެ އެވެ.
އެޗްޑީސީން ބޭނުންވަނީ އިޖުތިމާއީ ޒިންމާގެ ދަށުން މިކަން ކުރާނެ ބައިވެރިން
އެޗްޑީސީން ބޭނުންވަނީ އެ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓުތަކާ އެއްގޮތަށް ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ހިލޭސާބަހާ ކޮށްދޭނެ ފަރާތްތަކެކެވެ.

ޕޮކެޓު ޕާކުތައް ތަރައްގީކުރާ ކޮންސެޕްޓުތައް. -- ފޮޓޯ: އެޗްޑީސީ
މިގޮތުން އަމިއްލަ މީހުންނަށާއި ވިޔަފާރިތަކަށާއި ޖަމިއްޔާ ޖަމާއައްތަކަށް ވަނީ މި ފުރުސަތުތައް ހުޅުވާލާފަ އެވެ. އަދި މި ފުރުސަތުގެ ތެރެއިން ޑިވެލޮޕަރުންނާ ވިޔަފާރިވެރިންނާ ގުޅިގެން މުޖުތަމައަށް ފައިދާހުރި ކަމެއް ކުރުމުގައި ބައިވެރިއަކަށްވެ، ވިޔަފާރީގެ ތެރެއިން މުޖުތަމައު އިސްކުރުމުގެ އަމާޒަށް ވާސިލުވާން އުއްމީދު ކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.










