ބަންގްލަދޭޝްގެ ވޮލީބޯޅަ ޓީމާ ދެކޮޅަށް އަންނަ މަހުގެ 6-12 އަށް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވަމުން އަންނަ ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކަށް ދޫނުކުރާތީ ޓީމުގެ ތައްޔާރީތަކަށް ހުރަސް އެޅިއްޖެ އެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް ފެށިތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، ޓީމުގައި މިފަހަރު އާ ކުޅުންތެރިންވެސް ހިމެނެ އެވެ. ތޭރަ ކުޅުންތެެރިން ހިމެނޭ ޓީމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާ އަދާ ކުރާ ހަތް ކުޅުންތެރިއަކު ހިމެނެ އެވެ. އަދި ވެމްކޯގައި ވަޒީފާ އަދާ ކުރާ ދެ ކުޅުންތެރިއަކާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވަޒީފާ އަދާކުރާ ދެ ކުޅުންތެރިއަކު ހިމެނެ އެވެ.
ގައުމީ ޓީމުގައި ހިމެނޭ ޕޮލިހުގެ ކުޅުންތެރިންނަކީ މުޙައްމަދު ނައީމް (ނައިންޓެ)، ޝުއައިބް އަބްދުއްލަތީފް، އަހުމަދު ނާފިއު، ޝާމިލް މުޙައްމަދު، މާއިޝް މުޙައްމަދު، އަލީ ނިމާލް އަދި މާއިދު މުހައްމަދު އެވެ. މި ކުޅުންތެރިންގެ ތެރެއިން ނިމާލް އާއި މާއިދު މިއީ އަލަށް ޓީމުން ފުރުސަތުދިން ދެ ކުޅުންތެރިންނެވެ.
ވެމްކޯގެ ދެ ކުޅުންތެރިންނަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒް އެވެ. އެމްއެންޑީއެފްގެ ދެ ކުޅުންތެރިންނަކީ ހުސައިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް) އެވެ.

ބަންގްލަދޭޝް މެޗުތަކަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފެށި ދުވަހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކުޑަކާއްޓޭ އާއި އެޑަމް ފަރިތަކުރަމުން އަންނަނީ ބީޗް ވޮލީބޯޅަ ޓީމާ އެކު ގައެވެ. މި ދެ ކުޅުންތެރިން ޓީމާއި ގުޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހު ކުޅޭ މެޗަށް އެ ދުވަހު ގައެވެ. މީގެ އިތުރުން ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) އާއި ސެޓަރު ހުސައިން ވިޝާމް (ބުޅިކެ) އާއިލީ ސަބަބުތަކަކާއި ހެދި މިފަހަރު ޓީމާއި އެކު ބައިވެރިނުވެ އެވެ.
ވީއޭއެމްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ އިންޑިވިޖުއަލީ ބަލާއިރު ހުރިހާ ކުޅުންތެރިންގެ ވެސް ފިޓްނަސް ލެވެލް ވަރަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ޓީމެއްގެ ގޮތުގައި ތައްޔާރުވާން ބަލާއިރު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަން ޕްރެކްޓިސްތައް ބަލާލުމުން ވެސް ފެންނަ ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ފަރިތަކުރުންތަކަށް ކުޅުންތެރިން ރިލީޒް ހަމަ ނުޖެހުންކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
"އަސްލު ވަރަށް އުނދަގޫ ހާލަތެއްގައި މިއޮތީ. ކުޅުންތެރިން ޕްރެކްޓިސް އަށް ރިލީޒްއެއް ނުކުރޭ. ސިޓީ ފޮނުވައި، އަންގަންޖެހޭ ހުރިހާ އެންމެންނަށް އަންގައިފި. މިހާރު ހަފްތާއެއް މިވީ އަދިވެސް ބައެއް ރިލީޒް ހަމަނުޖެހޭތީ ބައެއް ކުޅުންތެރިންނަށް ޕްރެކްޓިސްތަކަކަށް ނާދެވޭ" އޮފިޝަލް ބުންޏެވެ.
ވީއޭއެމްގެ އޮފިޝަލް ބުނީ ވަޒީފާގެ ސަބަބުން ރިލީސް ނުލިބޭ ކުޅުންތެރިން ނުލައި ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަމިއްލަ ގައުމުގައި ބަންގްލަދޭޝްއާއި ދެކޮޅަށް ނުކުންނައިރު މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ އެންމެންވެސް މަސައްކަތްކޮށްދޭން ޖެހޭކަމަށް އޭނާ ބުންޏެވެ.
ހަތެއް ސެޕްޓެމްބަރު 2015 ގައި ގެޒެޓް ކުރެވުނު ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ގާނޫނުގައި ވާގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތަކަށް ވީއްލަން ޖެހެ އެވެ. މި ގާނޫނުގެ ފަސް ވަނަ ބާބުގައި ވަނީ "ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ޤައުމީ ޓީމްތައް ބައިވެރިވާ އެކި އެކި މުބާރާތްތަކުގައި ބައިވެރިވުމަށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިޝަލުންނާއި، މެނޭޖަރުން، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ވީއްލަން ވާނެ" ކަމަށެވެ.
އަދި މީގެ އިތުރުން މި ގާނޫނުގައިވާ ގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން އެކިއެކި މުބާާރާތްތަކަށް ވީއްލުމަށް އެ ކުޅުންތެރިން ނުވަތަ އޮފިޝަލުން ވަޒީފާ އަދާކުރާ ކުންފުނިތަކަށް އެންގުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ވެސް ލިބިގެން ވެއެވެ.
އޮފިޝަލް ބުނީ ކުޅުންތެރިން ރިލީޒް ކުރުމުމާއި ގުޅޭ ހުރިހާ އެންގުންތަކެއް ޔޫތު މިނިސްޓްރީ އަދި ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ފޮނުވުމަށް ދެކޮޅު ހެދުމުގެ އިތުރުން، އެ ކުޅުންތެރިން ޕްރެކްޓިސް ގަޑިއާ ދިމާކޮށް ޑިއުޓީއަށް ނެރެމުން ވެސް އަންނަ ކަމަށެވެ.
ކުރިއަށް އޮތީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެ މެޗުތަކެއް ކަމުގައިވާއިރު އެ ކުޅުންތެރިން ޓީމާ އެކު ފަރިތަކުރަން ފުރުސަތު ނުދިނުމަކީ އެ ކުޅުންތެރިންގެ ވޮލީބޯޅަ ކެރިއަރުގެ ބޮޑު ފުރުސަތެއް ގެއްލުވާލުން ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅޭ މެޗުތަކަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިދިޔަ މަހު ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނާ މަޝްވަރާކޮށްގެން ހަމަޖައްސައިދިން މެޗުތަކެކެވެ.
މިދިޔަ އަހަރު މިނިސްޓަރުގެ އެހީތެރިކަމާ އެކު ސްރީ ލަންކާގެ ގައުމީ ޓީމު ވެސް ވަނީ މާލެ އައިސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. އަދި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްގެ ޓީމު ވެސް ވަނީ މާލެ އައިސް މެޗުތަކެއް ކުޅެފަ އެވެ. މި މެޗުތަކުގެ ތެރެއިން ލަންކާއާ ވާދަކުރި ތިން މެޗުން ރާއްޖޭގެ ޓީމު ބަލިވިއިރު، ހައިދަރުއާބާދު ޓީމު އަތުން ރާއްޖެ ވަނީ ތިން މެޗުން ވެސް މޮޅުވެ އެވެ. މި މެޗުތަކުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ވެސް މިހާރު ޓީމާ ހަވާލުވެހުރި ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
ގައުމީ ޓީމާ ކާއްޓޭ ތިން ވަނަ ފަހަރަށް ހަވާލުވީ މިދިޔަ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ފަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ކޯޗިން ސްޓާފުންގެ މަސައްކަތް އެ ހިސާބުން ނިމުނީ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން، އެފްވައިބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ގެންނަ ބިދޭސީ ކޯޗު އަވަހަށް ޓީމާ ގުޅޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު، އާ ކޯޗެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް އެއްކޮށް ނުނިމޭތީ ބަންގްލަދޭޝް މެޗުތަކަށް ޓީމު ތައްޔާރުކޮށް، އިރުޝާދުދޭނީ ކާއްޓޭ ކަމަށް ވީއޭއެމް އިން ނިންމީ އެެވެ.













