ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރާލީ އޭނާގެ ފިރިމީހާ މާވިން ކަމަށް ތުހުމަތުކޮށް، އިތުރު 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކޮށްފި އެވެ.
ދަންޖެހިގެން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. އަދި ފަހުން އޭނާގެ ލޯބެރިޔާ ހަލީމަރު ލަމްހާ، 24، ވެސް ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކުރި އެވެ.
މާވިންއަށް ދައުވާ ކުރަނީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ކަމެއްގެ ގޮތުގައި ދައުލަތުން މިއަދު އެދުނީ މާވިންގެ ބަންދުގެ މުއްދަތު މިއަދު މެންދުރަށް ހަމަވާތީ، އެނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.
ތަހުގީގަށް ބަންދު ކުރެވުނު މާވިން ދޫވެއްޖެ ނަމަ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށާއި، ހެކި ނައްތާލުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

"އެއީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ މާވިންގެ ދަށުން އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަސައްކަތް ކުރި ނަރުހުން ކަމަށް ވާތީ،" ދައުލަތުގެ ވަކީލް ފާހަގަކުރި އެވެ.
ދޫނިދޫ ޖަލުގައި މިވަގުތު ހުރި މާވިން އެދުނީ ފުލުހުންގެ ކަސްޓޯޑިއަލް ޖަލަށް އޭނާ ބަދަލުކޮށްދިނުމަށެވެ. އެކަމުގައި ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމަވަން ކަނޑައަޅައި، މާވިންގެ ބަންދަށް އިތުރު 30 ދުވަސް ގާޒީ ހުސައިން ފާއިޒް ރާޝިދު އިތުރުކޮށްދެއްވި އެވެ. އަދި ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް އޭނާއަށް ދިނެވެ.
މާވިންގެ އިތުރުން ލަމްހާއަށް ކުރާ ދައުވާތަކުގެ ޝަރީއަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ. ކްރިމިނަލް ކޯޓުން އެ ދެމީހުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭ ކަމާއި، މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ވެސް "އަދަދަ" ށް ވަނީ އެނގިފަ އެވެ.
ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ގްރޭސްގެ މަރާ ގުޅިގެން، ޕޯސްޓް މޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ ތައިލެންޑަށް ފޮނުވާލައިފަ އެވެ.
ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.












