ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން ބަންދަށް މިއަދު އިތުރު ދިހަ ދުވަސް ޖަހައިފި އެވެ.
ދަންޖެހިގެން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. އަދި ފަހުން އޭނާގެ ލޯބެރިޔާ ހަލީމަރު ލަމްހާ، 24، ވެސް ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކުރި އެވެ.
މާވިންގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، މާވިންގެ ބަންދާ މެދު ދެން ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީގެ ކުރިމައްޗަށް ކަމަށެވެ.
މާވިންއަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މާވިންއަށް ދައުވާ ކުރަނީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ލަފާ ކުރެއެވެ.

އޭގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާވެސް މާވިންގެ މައްޗަށް ކުރެ އެވެ. އެއީ އޭނާގެ އަނބިމީހާގެ މަރާއި ގުޅިގެން އެ ގެ ބަލާ ފާސްކުރި އިރު، ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަންތަކާއި، އެހެނިހެން ސާމާނުތައްވެސް އެގެއިން ފެނިފައި ވުމުންނެވެ.
ގްރޭސް މަރާލަން މަގުފަހިކޮށްދީ، އެ އަމަލު ރޭވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ހަ އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނަނެ ކަމަށް ޕީޖީއިން ދެކެ އެވެ. ނަމަވެސް އާންމުކޮށް މަރުގެ މައްސަލަތަކުގައި އަންނަނީ އުމުރު ދުވަހުގެ ހުކުމެކެވެ.
ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭ ކަމާއި މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ވަނީ އެނގިފަ އެވެ.
ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ގްރޭސްގެ މަރާ ގުޅިގެން، ޕޯސްޓް މޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ ތައިލެންޑަށް ފޮނުވާލައިފަ އެވެ.
ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.













