ޝަންހާއީ، ޗައިނާ (ޖެނުއަރީ 9) - ޗައިނާގެ އުތުރުގައި އޮންނަ ޓިއާންޖިން ސިޓީ އިން ކޮވިޑް ކޭސްތަކެއް ފެނުމުން 14 މިލިއަން މީހުންގެ ޓެސްޓު ކުރަން އަމުރުކޮށް، ގޭގައި ތިބެން އަންގައިފި އެވެ.
ޓިއާންޖިން ސިޓީގެ މީހުން ޓެސްޓު ކުރަން ނިންމީ 20 ކޮވިޑް ކޭސް ފެނުމުންނެވެ. ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ ގިނަ ކޭސްތައް ގުޅިފައި ވަނީ ގައުމުން ބޭރުން އައި މީހުންނާ ކަމަށެވެ.
ދައުލަތުގެ މީޑިއާ އިން ބުނީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓާ ގުޅިފައިވާ ދެ ކޭސް ފެނުނު ކަމަށެވެ. ކޭސްތަކުގެ ތެރޭގައި 15 ދަރިވަރުން ވެސް ހިމެނެ އެވެ.

ވެރިރަށް ބެއިޖިން ކައިރީގައި އޮންނަ ސިޓީ އިން 14 މިލިއަން މީހުން ޓެސްޓު ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފެށި އިރު، އާއްމުން ގޭގައި ތިބެން ވަނީ އަންގާފަ އެވެ.
ވަކި ނެއިބާހުޑްތަކުގެ ޓެސްޓު ކުރުން ކުރިއަށް ދަނީ ސިއްހީ މަސައްކަތްތެރިން އެ ހިސާބަކަށް ގޮސްގެންނެވެ. ގޭގައި ތިބެން އެންގީ ޓެސްޓު ކުރުން އަވަސްކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
ނަމަވެސް މިހާތަނަށް ޓިއާންޖިން ސިޓީ ލޮކްޑައުން ކުރުމުގެ އަމުރެއް ނެރިފައެއް ނުވެ އެވެ.
ހުޅަނގު އުތުރުގައި އޮންނަ ޒިއާން ސިޓީގައި ބަލި ފެތުރޭނީ އެ ސިޓީގެ 13 މިލިއަން މީހުން ލޮކްޑައުންކޮށްފައި ވާތާ މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެންމެ ފުރަތަމަ ކޮވިޑް ފަތުރާ ވައިރަސް ފެނުނު ޗައިނާ އިން ގެންގުޅެނީ "ޒީރޯ ކޮވިޑް"ގެ ހަރުކަށި ސިޔާސަތެކެވެ. އެ ގައުމުގެ ކޭސްތަކުގެ އަދަދު އުޅެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދުންނެވެ.










