ބާސެލޯނާ (ޖެނުއަރީ 7) - ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރީގައި މި ވަގުތު އޮތީ ބާސެލޯނާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ހާލަންޑް މި ސީޒަނަށް ފަހު ޑޯޓްމަންޑް ދޫކޮށްލާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އޭނާގެ ސޮއި ހޯދަން ބޮޑެތި ހުރިހާ ކްލަބްތަކަކުން ކަހަލަ ގޮތަކަށް ވަނީ ކިޔޫ ހަދައިފަ އެވެ. ދާދި ފަހުން ހާލަންޑްގެ އޭޖެންޓް މިނޯ ރައިއޯލާ ދިން އިންޓަވިއުއެއްގައި ވަނީ ހާލަންޑް ޑޯޓްމަންޑް ދޫކޮށް ދެން ފެނިދާނެ ހަތަރު ކްލަބެއްގެ ނަން ހާމަކޮށްފަ އެވެ.
އެ ޓީމުތަކަކީ ބަޔާން މިއުނިކް، ބާސެލޯނާ، މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑް އެވެ.
ބީބީސީ ރޭޑިއޯ އަށް ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ އެނަލިސްޓް ގިލެމް ބަލާގު ބުނީ ބާސެލޯނާގައި މިހާރު ތިބި ބައެއް ބޮޑު މުސާރަ ލިބޭ ކުޅުންތެރިން ޓީމު ދޫކޮށްލުމާއި އެ ކްލަބްގެ މާލީ ހާލަތު މަޑުމަޑުން ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު، ބާސެލޯނާ އިން އަންނަ ސީޒަނުގައި ހާލަންޑް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ހާލަންޑްގެ އޭޖެންޓް، ރައިއޯލާ އަކީ ވަރަށް ގާތްގުޅުމެއް އޮންނަ ދެ މީހުން ކަމަށާއި އެހެންވެ، ހާލަންޑްގެ ޑީލް މި ވަގުތަށް ބަލާއިރު، އެންމެ ފަސޭހަކޮށް އޮތް ކްލަބަކަށްވާނީ ބާސެލޯނާ ކަމަށް ބަލާގު ވަނީ ބުނެފަ އެވެ.
ޔޫރޯ ސްޕޯޓްސް އާއި މާކާ އިން ރިޕޯޓްކުރާގޮތުގައި ފާއިތުވި ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ލަޕޯޓާ އާއި ރައިއޯލާ ވަނީ އެކި ފަހަރުތަކެއް މަތިން ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުންތަކުގެ ބޭނުމަކީ މި ސީޒަނަށް ފަހު ހާލަންޑް ބާސެލޯނާ އަށް ގެންދިއުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެ ކްލަބްގައި ވަރުގަދަ ސްކޮޑެއް އެކުލަވާލަން ކުރާ މަސައްކަތުގައި އެ ޓީމަށް ބޭނުންވާ ކުޅުންތެރިންގެ ޓްރާންސްފާ ލިސްޓެއް ވަނީ ހަދައިފަ އެވެ. އެ ލިސްޓުގެ ކުރީގައި އޮތް ނަންތަކުގެ ތެރޭގައި ހާލަންޑް ހިމެނޭ ކަމަށް ކަޓަލޫނިއާ ރޭޑިއޯ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސަލްޒްބާގް ދޫކޮށް ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ 22 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ހާލަންޑް ގަންނަން ޓީމުތަކުން ކުރި މަސައްކަތްތައް ހުއްޓުމަކަށް އައީ ޑޯޓްމަންޑުން އޭނާ ވިއްކާލަން ކީ އަގުބޮޑުވުމުންނެވެ. ޑޯޓްމަންޑުން އޭރު ހާލަންޑް ވިއްކާލަން ކީ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން ހާލަންޑާއި ޑޯޓްމަންޑުން ސޮއިކޮށްފައިވާ ކޮންޓްރެކްޓްގައިވާ މާއްދާ އަކަށް ބަލައި މި ސީޒަނަށް ފަހު ހާލަންޑަށް 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު)ގެ އަގަކަށް ޑޯޓްމަންޑް ދޫކޮށްލެވޭނެ އެވެ. އެ ފަދަ މާއްދާއެއް ހާލަންޑްގެ ކޮންޓްރެކްޓްގައި ހިމެނޭތޯ އެހުމުން ރައިއޯލާ ބުނީ ހާލަންޑްގެ އެއްބަސްވުމަކީ އޭނާ އާއި ޑޯޓްމަންޑަށް އޮތް ކަމެއް ކަމަށާއި އޭގެ ހުރި ކަންތައްތަކަށް ދެ ފަރާތުން ވެސް ބޯލަނބާނެ ކަމަށެވެ.
ޔޫރަޕްގައި މި ވަގުތު ހުރި އެންމެ ގޯލާ ރަށްޓެހި ފޯވާޑް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ހާލަންޑް ވަނީ މިދިޔަ އަހަރު ޑޯޓްމަންޑާ ގުޅުނު ފަހުން އެ ޓީމަށް ކުޅެދިން 75 މެޗުން 76 ގޯލު ޖަހައި، 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












