މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު މާލެ އާއި ވިލިމާލޭގެ މަގުތަކުގަ އެވެ. މާލެ ފެހިކުރުމަށް އެ ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 32 ވަނަ ރަސްމީ ޖަލްސާގައި މިއަދެވެ.
އެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ އިންދާ 150 ގަސް އަންނަ ހޮނިހިރު ދުވަހު އިންދަން ނިންމާފައި ވަނީ މަޖީދީމަގު ހިމެނޭހެން މާލޭގެ ބައެއް ބޮޑެތި މަގުތަކުގަ އެވެ. އިންދާނެ އެ ގަސްތަކުގެ ތެރެއިން 65 ޕަސެންޓް ގަހަކީ އަނބުގަހެވެ. އަދި ބާކީ 33 ޕަސެންޓްގެ ތެރޭގައި ހިމެނެނީ ސައްކެޔޮގަހާއި ހިތިގަހާއި ދަނބުގަސް ފަދަ ގަސްތަކެވެ.
އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާނެ އެވެ. އަދި މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ފެށުމަށްޓަކައި ސިޓީ ކައުންސިލުން އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
މި ގަސްތައް ބެހެއްޓުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.













