ރިޕޯޓު2022 މިއީ ބަލިމަޑުކަން ނިމޭ އަހަރަށް ވެދާނެތަ؟

2022 މިއީ ބަލިމަޑުކަން ނިމޭ އަހަރަށް ވެދާނެތަ؟

ތަޖުރިބާކާރުން ބުނަނީ މިއަހަރު ބަލިމަޑުކަމުން އަރައިގަނެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށް. ވެކްސިން ސްޓޮކް ގިނަ ގައުމުތަކުގައި ހުރުމަކީ އޭގެ އެއް ސަބަބުން. ޑަބްލިއުއެޗްއޯގެ އެންމެ އިސް ތަޖުރިބާކާރު މާރިއާ ވޭން ކެރްކޮވޭ ވިދާޅުވީ "ބަލިމަޑުކަން ނިމުމަކަށް ގެނައުމުގެ ބާރު ލިބިގެންވޭ".

މި އަހަރު ބަލިމަޑުކަން ނިންމާލެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނޭ. އެކަމަކު އެކަން ކުރެވޭނީ ވެކްސިންގެ ނަހަމަކަން ނައްތާލައިގެން -- ފޮޓޯ: އަދަދު ފައިލް
މި އަހަރު ބަލިމަޑުކަން ނިންމާލެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނޭ. އެކަމަކު އެކަން ކުރެވޭނީ ވެކްސިންގެ ނަހަމަކަން ނައްތާލައިގެން -- ފޮޓޯ: އަދަދު ފައިލް

ކޮވިޑުގެ ބަލިމަޑުކަމަށް ދެ އަހަރުވެގެން ދާއިރު، އޮމިކްރޯން ވޭރިއެންޓުގެ ދަރުގައި ކޮވިޑްގެ ހުޅު ބޮޑުވަމުންދާ ކަހަލަ އެވެ. ނަމަވެސް 2022 ވަނަ އަހަރު ބަލިމަޑުކަމަށް ނިމުމެއް އަންނަން ފަށާނެކަމުގެ އުއްމީދު ވެސް އެބަ އޮތެވެ.

ހަލުވިކަމާއެކު ފެތުރޭ އާ ވޭރިއެންޓު ކޮންޓްރޯލް ކުރަން ގައުމުތަކުން ހަރުކަށި ފިޔަވަޅުތައް އަޅަމުން ދާއިރު، ބަލިމަޑުކަން ނިމުމަކަށް އައުމަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އުނދަގޫވެދާނެ އެވެ. ކޭސްތައް އިތުރުވެ، ބަލިމަޑުކަމުގެ އެންމެ ކުރީގެ ދުވަސްތަކުގައި ކުރެވުނު ފަދަ އިހުސާސްތަކެއް ވެސް ކުރެވިދާނެ އެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ އަނެއްކާ ވެސް ވަރަށް އުނދަގޫ މޫސުމެއް،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާ [ޑަބްލިއުއެޗްއޯ] ގެ ހަފްތާ ޕްރެސް ކޮންފެރެންސްގައި ޗީފް ޓެޑްރޯސް އަދަނޮމް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މީގެ އަހަރެއް ކުރިއާ އަޅާ ބަލާއިރު، ދުނިޔެ އޮތީ މާ ބޮޑަށް ވެސް ތައްޔާރުވެގެންނެވެ. އެގޮތުން ރައްކާތެރި ގިނަ ވެކްސިންތަކެއްގެ ސްޓޮކް ހުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

"މި ބަލިމަޑުކަން ކުޑަ ކަކޫ މައްޗަށް ތިރި ކުރަން ބޭނުންވާ އާލާތްތައް އަޅުގަނޑުމެންގެ އަތުގައި އެބަ ހުރި،" ކޮވިޑާ ގުޅޭ ޑަބްލިއުއެޗްއޯގެ އެންމެ އިސް ތަޖުރިބާކާރު މާރިއާ ވޭން ކެރްކޮވޭ ނޫސްވެރިންނަށް ވިދާޅުވި އެވެ.

2022 ވަނަ އަހަރުގައި ބަލިމަޑުކަން ނިމުމަކަށް ގެނައުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިގެންވޭ. -- ޑަބްލިއުއެޗްއޯގެ އެންމެ އިސް ތަޖުރިބާކާރު މާރިއާ ވޭން ކެރްކޮވޭ

ނަމަވެސް އޭނާ ވިދާޅުވީ އެ ބާރުގެ ބޭނުން ކުރަން ޖެހޭނީ ރަނގަޅު ގޮތުގައި ކަމަށެވެ.

ފުޅާކޮށް ފެތުރިފައިވާ ނަހަމަކަމެއް

ފުރަތަމަ ކޮވިޑް ވެކްސިންތައް މާކެޓަށް ނެރުނުތާ އަހަރު ދުވަސް ފަހުން، މިހާރު ދުނިޔޭގައި ޖުމްލަ 8.5 ބިލިއަން ޑޯޒް ދީފި އެވެ. މިސްރާބު ހުރީ އަންނަ ޖޫން މަހުގެ ކުރިން 24 ބިލިއަން ޑޯޒް އުފެއްދުމަށެވެ. އެއީ ދުނިޔޭގައިވާ އެންމެންނަށް ބޭނުންވާ މިންވަރަށް ވުރެ މާ ބޮޑަށް ވެސް އިތުރެވެ.

ނަމަވެސް ފުޅާކޮށް ފެތުރިފައި އޮތް ބޮޑު ނަހަމަކަމުގެ މާނައަކީ ކުރިން ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް މުއްސަނދި ގައުމުތަކުން އިތުރު ޑޯޒްތައް ފޯރުކޮށްދެމުން ދިޔުމެވެ. އެއާ ހިލާފަށް ބައެއް ފަގީރު ގައުމުތަކުގައި ތިބި ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނާއި ސިއްހީ މަސައްކަތްތެރިންނަށް އަދި އެންމެ ޑޯޒެއް ވެސް ނުލިބެ އެވެ.

އާމްދަނީ މަތި ގައުމުތަކުގެ 67 ޕަސެންޓު މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައި ވާއިރު، އާމްދަނީ މަދު ގައުމުތަކުގެ 10 ޕަސެންޓަށް ވެސް އެއް ޑޯޒް ނުޖެހޭ ކަމަށް އދ. ގެ ތަފާސްހިސާބުން ދައްކަ އެވެ.

އެ ނަހަމަކަމަކީ އިންސާނުންގެ ވިސްނުމުގެ އުނިކަމުގެ ނަތީޖާގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރާ އިރު، އޮމިކްރޯން ވޭރިއެންޓާ ދެކޮޅާށް ގިނަ ގައުމުތަކުން އިތުރު ޑޯޒްތައް ދޭން ފެށުމުން ނަހަމަކަން ދާނީ އިތުރަށް ފުޅާވަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު އެންމެ ފުރަތަމަ ދެކުނު އެފްރިކާ އިން ފެނުނު އެ ވޭރިއެންޓުގައި ބަލިވާ މިންވަރު ކުޑަވި ނަމަވެސް، ވެކްސިނުން ލިބޭ ރައްކާތެރިކަން އެހެން ވޭރިއެންޓްތަކަށް ވުރެ ބޮޑަށް ކުޑަކޮށްލަ އެވެ.

އިތުރު ޑޯޒްތައް ޖަހައިގެން ހަށިގަނޑަށް ލިބޭ ރައްކާތެރިކަން "ބޫސްޓުކޮށްލެވޭ" އިރު، ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ބުނަމުން ދަނީ ބަލިމަޑުކަން ނިމުމަކަށް ގެންނަން އެދޭ ނަމަ އެންމެ ފުރަތަމަ އިސްކަން ދޭންވީ އެންމެ ޑޯޒެއް ވެސް ނުޖެހި ތިބި މީހުންނަށް ވެކްސިން ފޯރުކޮށްދޭން ކަމަށެވެ.

ދުރުވިސްނުމެއް ނެތް

ތަޖުރިބާކަރުން ދެކޭ ގޮތުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރުމަކީ މުޅިން އާ، އަދި ނުރައްކާތެރި ވޭރިއެންޓުތައް އުފެދުމަށް އޮތް ބޮޑު ބިރެކެވެ. އެހެންކަމުން މުއްސަނދި ގައުމުތަކުން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހަމުން ދިޔަ ނަމަވެސް، ދުނިޔޭގެ އެންމެންނަށް ވެކްސިންގެ ޑޯޒެއް ނުލިބޭހާ ހިނދަކު ރައްކާތެރިކަމެއް ނެތެވެ.

އެއްވެސް ގައުމަކަށް ބޫސްޓްކޮށްލައިގެން ބަލިމަޑުކަން ނިމުމަކަށް ނުގެނެވޭނެ. -- ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް

"ބެލުމެއް ނެތި ބޫސްޓާ ޝޮޓު ދިނުމުގެ ޕްރޮގްރާމް ހިންގުމަކީ ބަލިމަޑުކަން ނިންމުމުގެ ބަދަލުގައި، ދިގުދެމިގެން ދިޔުމަށް މަގުފަހިވެދާނެ ކަމެއް."

އެ ވާހަކަ އަށް ހެކިދަނީ ގިނަ މިޔުޓޭންޝަންތަކާ އެކު އުފެދުނު އޮމިކްރޯން ވޭރިއެންޓުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

"[އޮރިޖިނަލް] ވައިރަސް ވަނީ ބަދަލުވާން ލިބުނު ފުރުސަތުގެ ބޭނުން ހިފާފައި."

titledesc

ވައިރަހެއް މިޔުޓޭޓްވެ، ވޭރިއެންޓެއް އުފެދި، ސްޓްރެއިން އަކަށް ބަދަލުވާ ގޮތް ދައްކުވައިދޭ ކުރެހުމެއް.
ވައިރަހެއް މިޔުޓޭޓްވެ، ވޭރިއެންޓެއް އުފެދި، ސްޓްރެއިން އަކަށް ބަދަލުވާ ގޮތް ދައްކުވައިދޭ ކުރެހުމެއް.

ވައިރަހެއް މިޔުޓޭޓްވެ، ވޭރިއެންޓެއް އުފެދި، ސްޓްރެއިން އަކަށް ބަދަލުވާ ގޮތް ދައްކުވައިދޭ ކުރެހުމެއް.

އިންޑިއާގެ އާޝޯކާ ޔުނިވާސިޓީގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕްރޮފެސަރު ގޯތަމް މެނޮން ވިދާޅުވީ ފަގީރު ގައުމުތަކަށް ވެކްސިން ދިނުމަކީ މުއްސަނދި ގައުމުތަކަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ.

"އަމިއްލަ އަށް ވެކްސިން ޖަހާލައިގެން ތިބުމުން މި މައްސަލަ ހައްލުވީ ކަމަށް ދެކުމަކީ ދުރުވިސްނުން ނެތުން."

ޑަބްލިއުއެޗްއޯ އިން ބުނީ އުއްމީދަކީ ވެކްސިން ޖެހުން އިތުރުވުމާ އެކު ކޮވިޑަކީ އާދައިގެ ރޯގާއެއް ފަދަ އެއްޗަކަށް ވުން ކަމަށެވެ. ނަމަވެސް ވެކްސިންގެ ނަހަމަކަން ނައްތާނުލެވޭނެ ނަމަ ބިރުވެރި ހަގީގަތެއްގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިނެވެ.

އެއީ މުޅިން އާ ވޭރިއެންޓުތަކާ އެކު ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓިގެން ގޮސް، އުފެދޭ ސްޓްރެއިންއަކާ އެކު އިތުރު ބަލިމަޑުކަމެއް ބޯމަތިވުމެވެ. އެފަދަ ހާލަތެއްގައި އޮޅުންބޮޅުމާއި ނުބައި މައުލޫމާތާ ހެދި ކަމާ ބެހޭ އިދާރާތަކާއި ސައިންސަށް އިތުބާރު ގެއްލި، ސިއްހީ ނިޒާމުތައް ހުއްޓި، ސިޔާސީ ހަމަނުޖެހުން އުފެދޭނެ އެވެ.

ޑަބްލިއުއެޗްއޯ އިން ދެކޭ ގޮތުގައި އެއީ ކުރިމަތިވެދާނެ ބިރުވެރި ހަގީގަތެކެވެ.

ޑަބަލް ޕެންޑަމިކް ނުވަތަ އެއް ފަހަރާ ދެ ބަލިމަޑުކަން ކުރިމަތިވެދާނެތީ އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެއީ މިހާރު ވެސް އެއް ވައިރަހުން މި އޮތީ ބަލިމަޑުކަމެއް ކުރިމަތިވެފައި. މިޔުޓޭޓްވަމުން ގޮސް އިތުރު ވައިރަސްތައް އޮތީ ކިޔުގައި. -- ޑަބްލިއުއެޗްއޯ

ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ލިބޭ ނަމަ، ކޮވިޑް އެއްކޮށް ނައްތާނުލެވުނު ނަމަވެސް މިއީ ކޮންޓްރޯލް ކުރެވޭ "އެންޑެމިކް ބައްޔަކަށް" ހެދިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެފަދަ ހާލަތެއްގައި މޫސުމީކޮށް ބަލި ފެތުރި، އިންފްލުއެންޒާ ރޯގާ ފަދައިން މިއާ އެއްކޮށް އުޅެން ދަސްވާނެ އެވެ.

ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުން

ތަޖުރިބާކާރުން ދެކޭ ގޮތުގައި އޮމިކްރޯންގައި ބަލިވުން ކުޑަ ކަމަށް ދޭހަވުމަކީ ހިންދަމާލެވެން އޮތް ސަބަބެއް ނޫނެވެ. އެއް ފަހަރާ ކޭސްތައް ގިނަވެ ސިއްހީ ނިޒާމަށް ބާރު ބޮޑުވުމަކީ ވަރަށް ބޮޑު ބިރެކެވެ.

"ބަލިވުން ކުޑަ ނަމަވެސް، އެހާ ގިނަ އަދަދެއްގެ ކޭސް އެއް ފަހަރާ ކުރިމަތިވުމުން، ހޮސްޕިޓަލްތައް ވަރަށް ބޮޑަށް ސްޓްރެސް ވާނެ،" އެމެރިކާގެ އެންމެ އިސް ސައިންޓިސްޓު އެންތަނީ ފައުޗީ އެންބީސީ ނިއުސް އަށް ވިދާޅުވި އެވެ.

ސިއްހީ ނިޒާމް ފެެއިލްވުމުގެ ވާހަކަ އަކީ ބަލިމަޑުކަން ފެށިތާ ދެ އަހަރު ފަހުން "ޑިޕްރެސްވާ" ވަރުގެ ވާހަކަ އެވެ.

ފުރި ބަރާވެފައިވާ ހޮސްޕިޓަލުތަކުގައި އޮކްސިޖަން ނުލިބި އުޅެން ޖެހުމާއި، ވެންޓިލޭޓަރުގެ ހޮޅި ގުޅާފައި ތިބޭ މީހުންގެ ދިގު ކިޔުތައް ފެނުން މި ބަލިމަޑުކަމުގައި އަލެއް ނޫނެވެ. ނަމަވެސް އެއީ އަދިވެސް ހޭނިފައިވާ މަންޒަރެއް ނޫނެވެ. ދުވަހަކު ވެސް ހޭނޭނެ މަންޒަރެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ބަލިމަޑުކަމުގައި މިހާތަނަށް 5.5 މިލިއަން މީހުން ރަސްމީކޮށް މަރުވެފައިވާ ކަމަށް ތަފާސްހިސާބުން ދެއްކި ނަމަވެސް، އަސްލު އަދަދު އެއަށްވުރެ މަތިވާނެ އެވެ. ވެކްސިންގެ ނަހަމަކަމަކީ އެ އަދަދު މަތިވުމަށް އޮތް ދޮރެކެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox