ހުޅުމާލެ ދެވަނަ ފިޔަވެހިން ބީލަމުގެ އުސޫލަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމި ނިންމުމަށް ސިޓީ ކައުންސިލުން ފާޑުކިޔައިފި އެވެ.
އެގޮތުން ނެރުނު ބަޔާނުގައި އެ ކައުންސިލުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވެހީގެ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްކަން ފާހަގަކޮށް ހުޅުމާލެއިން ބިން ވިއްކުމަށް އެޗްޑީސީން ކުރި އިއުލާނަކީ ލާމަރުކަޒީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވެއްސަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ އާންމުންނަށް ހާއްސަ ތަނެއްކަން ކައުންސިލުން ފާހަގަކުރި އެވެ. ކަންމިހެން އޮތްއިރު އެ ސަރަހައްދުން ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލި ހުޅުވާލުމަކީ ހަމައެކަނި މުއްސަނދިންނަށް އަމާޒުކޮށް ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް ކައުންސިލުން ވަނީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ގޯތިގެދޮރަށް ބޭނުންވެފައި ތިބި އެތައް ހާސް ރައްޔިތުން ތިއްބައި މިފަދަ އަމަލެއް ކުރެވިގެން ނުވާނެ ކަމަށް ވެސް ކައުންސިލްގެ މި ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތީން މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގައިވާ ބިމެއް ބޭނުންކުރާނަމަ ކައުންސިލާއެކު މަޝްވަރާކުރުން ލާޒިމްވާކަން ފާހަގަކޮށް މިކަމާމެދު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަން ވެސް ކައުންސިލުން ހާމަކުރި އެވެ. އަދި މަޝްވަރާއަކާ ނުލައި މިފަދަ އިއުލާނެއް އެޗްޑީސީން ކުރިކުރުން ސިޓީކައުންސިލުން ކުށްވެރިކުރި އެވެ.

ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަންގާފައިވާ މައްސަލަ ހައިކޯޓިގައި އިސްތިއުނާފުގެ މަރުހަލާގައި ވާއިރު ހުޅުމާލެ ބިމުގެ ވެރިފަރާތާއި މެދު ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއްނުވެ އެވެ. މައްސަލަ ކޯޓުގެ އިސްތިއުނާފީ މަރުހަލާގައި އޮއްވައި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކަށް އާމްދަނީ އިތުރުވާނޭހެން އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވެހިން ގޯތި ވިއްކުމަށް ކުރި އިއުލާނަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ އިއުލާނެއްކަން ވެސް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވެހީގެ ސަރަހައްދުން 60 ބިން ބީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލާފަ އެވެ. އެއީ ގާތްގަނޑަކަށް 1603.07-2633.93 އަކަފޫޓުގެ ސަރަހައްދެކެވެ.
ވިއްކުމަށް އިއުލާނުކޮށްފައި ވަނީ އަތިރިމައްޗާއި ކައިރިން 34 ގޯއްޗާއި އަތިރިމަތީ ކުރިމަތިން 26 ގޯއްޗެވެ. ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ އަތިރިމަތީ ކުރިމަތީ ގޯއްޗެއްނަމަ 3900 ރުފިޔާއެވެ. އަދި އަތިރިމަތީ ކައިރި ގޯއްޗެއް ނަމަ 3500 ރުފިޔާއެވެ.
މީގެ ކުރިން 2018 ވަނަ އަހަރުވެސް ހުޅުމާލޭ ދެވަނަ ފިޔަވެހިން ބީލަމުގެ އުސޫލަށް ބިން ވިއްކާފައިވެ އެވެ.
އެޗްޑިސީން މި އަހަރުގެ އޮގަސްޓުމަހު ބުނެފައިވާ ގޮތުގައި ހުޅުމާލެއިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަނީ ސްކޫލްތަކާއި، މަގުތަކާއި އެހެނިހެންއިޖްތިމާއީ އަދި އުމްރާނީ ބޭނުންތައް ފުރިހަމަކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށެވެ.
"އަދަދު"ގެ "ވިޔަ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީޑީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހުޅުމާލެ ޑިޒައިންކުރީ އެކި ފަންތީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވިސްނައިގެން ކަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ތަރައްގީވާން ހުރިހާ ފަންތިއެއްގެ ރައްޔިތުން އެތަނެއްގައި ދިރިއުޅުމަކީ މުހިންމު ކަމެއް ކަމަށްވެސް އެނާ ވިދާޅުވި އެވެ. ފުރަތަމަ ފިޔަވެހީގެ ތަޖުރިބާއަށް ބަލައި ވަށާޖެހޭ ތަރައްގީގެ ދަށުން މި ފުރުސަތު ގާއިމްކޮށްދިނުމަކީ މުހިންމު ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.











