ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމާ ގުޅިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޯޓަށް ހުށައެޅި މައްސަލައިގަ ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޖަލްސާއެއް ހުޅުމާލެ ފޭސް ދޭއްގައި ނުބޭއްވިގެން އުފެދުނު މައްސަލަގަނޑެއްގެ ތެރޭގަ އެވެ.
އިދިކޮޅުގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ ބާތިލުކޮށް، ސިޓީ ކައުންސިލަށް ބިންތައް ނަގަން ނިންމާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒިކިއުޓިވް މަރިމަޔް ޝިއުނާ ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ.
"ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ހައުކޯޓުގައި އިސްތިއުނާފް ކުރުމަށް ސިޓީ ކައުންސިލްގެ ލީގަލް ޓީމުން މިހާރު ދަނީ ތައްޔާރުވަމުން،" ޝިއުނާ ވިދާޅުވި އެވެ.

އެޗްޑީސީން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެކި އިދާރާތަކުން ލޯނު ދިން އިރު ހުޅުމާލޭ ބިން އެ ކުންފުނީގެ ދަށުގައި އޮތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތައް އެ ކުންފުނީގެ ދަށުން ނަގައިފި ނަމަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ،
ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަމިއްލަ ބިމެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އަދި އެ ކުންފުންޏަށް މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާއިރު ސިޓީ ކައުންސިލުން ބިމުގެ ރަޖިސްޓަރީ ބާތިލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން އަމުރުކުރާ ކަމަށެވެ.













