މިއީ ތޭވީސް އަހަރުގެ ޝަހާ ހަސަން އެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ "ގަދަ" މާޝަލް އާޓްސް އަންހެން ކޯޗެވެ. ދުނިޔޭގެ މާޝަލް އާޓްސް ގައި ދިވެހި އަންހެނުން ތަމްސީލުކުރާ އެންމެ ޒުވާން ހިތްވަރުގަދަ މޫނެވެ.
"ގްރޭޑް ދިހައެއް ނިމިގެން ފުރަތަމަ މާޝަލް އާޓްސް ކްލާހަށް ދާން ފެށި އިރު ވަރަށް ބުންވަރު ދެރަ ވާނެ. އެއްގަޑި އިރުގެ ކްލާހެއްގަ ބައިގަޑިއިރު ހޭދަކުރަނީ ބިންމަތީގައި އިށީނގެދަ އިނދެގެން. މާ ފަހުން ކްލާހަށް ވަތް ކުދިން ކުރިއަރައިގެން ދިޔައިރު ވެސް ޝަހާ ހުރީ ހުރި ސްޓޭޖުގަ. ކުރިއަކަށް ނުދޭ. އެކަމާ މާޔޫސް ވެގެން ކްލާހަށް ނުގޮސް ވޭތޯ ވެސް ބެލިން،"
އެކަހަލަ ކޮންމެ ވަގުތެއްގައި އޭނާގެ ހިތްވަރަކަށް ވީ ކޮއްކޮ އެވެ. ގަދަކަމުން ގެއިން ނެރެ ގެންގޮސް ކްލާހަށް ވައްދައިދެ އެވެ. މާޔޫސް ކަމުގައި ގިނައިން ވާހަކަ ދައްކައިގެން އުންމީދު އާކޮށްދެ އެވެ. އެންމެ ފަހުން ކޮއްކޮ ގެ ކުރިމަތީގައި ދެއްކޭނެ މާ ގިނަ ބަހަނާއެއް ނެތުމުން އާ ޖޯޝަކާ އެކު މަސައްކަތް ފެށީ އެވެ. އޭނާ އަށް ވެސް ވާނެ ކަން ސާބިތުކުރަން، ލަދަކަށް، ތަދަކަށް ނުބަލައި ކުރި މަސައްކަތުން މިއަދު ޝަހާ އަކީ މާޝަލް އާޓްސް ޕްރޮފެޝަން ގައި ދުނިޔެ ވެސް ބަލައިގަންނަ ވަރުގެ ނަމެކެވެ.
އޭނާ އަކީ ހަމައެކަނި މާޝަލް އާޓިސްޓެއް ނޫނެވެ. ދާއިރާއިން ކުރިއަށް ދާން ތިބި ޒުވާން ކުދިންނާއި މަތީ އުމުރުގެ މީހުން ވެސް މިސާލަކަށް ބަލާ މޮޅު ކޯޗެކެވެ. ބައިނަލްއަގުވާމީ ތިން ބޯޑެއްގައި އަންހެނުން ތަމްސީލްކުރާ ޒިންމާދާރު މެންބަރެކެވެ.
މިކިޔައިދެނީ، "ނުވާނެ" އޭ ހީވާ އެންމެންނަށް ޝަހާގެ ވާހަކަ އެވެ.

ޝަހާ ހަސަން--ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު
ދާއިރާއަށް ލޯ ހުޅުވުނީ ޗެންނާއީ ދަތުރުން
މާޝަލް އާޓްސްގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް އިންސްޓްރަކްޓަރު، ހުސެއިން ޒާހިރު ގެ ކްލާހެއްގައި ތަމްރީނު ވަމުން އައިއިރު, މިއީ ކެރިއާއެއް ބިނާކުރެވޭނެ ވަރުގެ ދާއިރާއެއް ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. މާޝަލް އާޓްސްގެ އެތަކެއް ސަތޭކަ ގޮފި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީވެ ކުރިއަރާފައިވާ އިރު ޝަހާ މަސައްކަތްކުރަމުން އައީ ގިނަ ސްޓައިލްތައް ދަސްކޮށް އަމިއްލަ ހުނަރު ތަރައްގީ ކުރުމަށެވެ.
ކުރިން މާޝަލް އާޓްސް އަކީ ހަމައެކަނި އިތުރު ހަރަކާތެއްގެ ގޮތުގައި ކުރި ކަމެއް. އެކަމަކު މިއިން ކުރިއަށް ދެވޭނެ ގޮތްތައް ފެނި އާމްދަނީ ހޯދޭނެކަން އެނގުމުން އަސްލު މިހާރު މުޅިން މިކަމަށް ހުސްވީ. އޭގެ ކުރިން ޝަހާ މަސައްކަތްކުރީ އަމިއްލަ މާކެޓިން އޭޖެންސީއެއް ހަދައިގެން އެކަމުގަ. އަދިވެސް އެބަ ކިޔަވަން މާކެޓިން“ ޝަހާ ބުންޏެވެ.
އޭނާ މިހާތަނަށް ބައިވެރިވި ހަމައެކަނި މުބާރާތަކީ 2019 ވަަނަ އަހަރު އިންޑިއާގެ ޗެންނާއީގައި އޮތް ޖުޖިޓްސޫ ސައުތު އޭޝިއަން ޓޯނަމަންޓެވެ. މި މުބާރާތައް ދިއުމުގެ ފުރުސަތު ފަހިވީ އެ އަހަރު ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްްސްގެ ނަމުގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމުންނެވެ. ޝަހާއަކީ އެ ޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ އެވެ.
ތަމްރީނުތަކާއި ތަޖުރިބާ އަށް ކިތަންމެ ބޭނުންވެފައި ތިއްބަސް, އޭރު ”ޖުޖިޓްސޫ“ އަކީ މި ޓީމު ދަންނަ އެއްޗެއް ނޫނެވެ. ގްރައުންޑް ފައިޓާއި, އުކުމާއި, ލޮކު އެޅުވުމާ, އަދި ބިންމައްޗަށް ވައްޓާލައިގެން ކުޅޭ ޖުޖިޓްސޫގެ މުބާރާތް ބޯމަތިވެފައި އޮތަސް, ލިބުނު ފުރަތަމަ ފުރުސަތު އެހާ ފަސޭހައިން ދޫކޮށްލާ ވަރަށްވުރެ މިޓީމު ޖޯޝު ވަރުގަދަ އެވެ. ހަފްތާއެއްހާ ދުވަހުގެ ތަމްރީނު މާލޭގައި ހެދުމަށްފަހު ދެން ދިޔައީ އިންޑިއާގެ ޗެންނާއީ އަށެވެ. އެތަނުގައި ތިންދުވަހުގެ ޓްރެއިން ޖެއްސުމަށްފަހު މުބާރާތް ނިންމާލީ ރާއްޖެއަށް 11 މެޑަލް ހޯދައިގެންނެވެ. އޭގެތެރެއިން ޝަހާއަށް އެއް ސިލްވާ މެޑަލް އާއި ދެ ބްރޮންޒް މެޑަލް ލިބުނެވެ.
ޝަހާއަށް މި މުބާރާތް ހާއްސަވީ ހަމައެކަނި މެޑަލްތަކުން އެކަންޏެއް ނޫނެވެ. މުބާރާތުގެ ހަވާސާގައި އިތުރު ބައިވަރު ފުރުސަތުތައް ބައިވެރިންނަށް ހުޅުވާލެވިފައި އޮތްއިރު, އެ ދަތުރުގައި ޝަހާ އައީ ޖުޖިޓްސޫއިން ދެކުނު އޭޝިއާގެ އެންމެ މަތީ ގްރޭޑްކަމުގެ ރެފްރީކަން ވެސް ހާސިލްކޮށްގެނެވެ.
”އެހިސާބުން އިނގުނީ އަސްލު މިއީ ހަމައެކަނި އެތްލީޓަކަށް އެކަނި ވުމަށްވުރެ ފުރުސަތުތައް ގިނަ, ކުރިއަށް ދެވޭނެ ދާއިރާއެއްކަން. އެންޑްލެސް ފުރުސަތުތަކެއް ހުރިކަން. ”މި ދާއިރާއަށް ހިތްޖެހުނުގޮތް ކިޔާދެމުން ޝަހާ ބުންޏެެވެ.
މިހާރުވެސް ބައިނަލްއަގުވާމީ ތިން މަގާމެއްގައި
ޖުޖިޓްސޫގެ އެންމެ ސީނިއާ އެތްލީޓުންނާއި ލީޑަޝިޕް ވެސް ބައިވެރިވި އެ މުބާރާތުގައި ގިނަ ބައެއްގެ ކަޅި ޝަހާއަށް އަމާޒުވި އެވެ. މިގޮތުން މާލެ އައިތާ ހަ މަސް ފަހުން އޭޝިއަން ޔޫނިއަންގެ މެންބަރަކަށް ވުމުގެ ފުރުސަތު ޝަހާއަށް ލިބުނެެވެ.
އެ ޔޫނިއަން އަކީ، މަޝަލް އާޓްސް ދާއިރާއިން އަންހެނުންނަށް ފުރުސަތުތައް ހޯދައިދީ، ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ޔޫނިއަން އެކެވެ.
މި މަގާމު ހޯދުމަށް ކޮންގްރެސްގައި ބައިވެރިވެ އެކި އިންޓަވިއުތަކާއި, ސްޕީޗްތައް ދިނުމަށްފަހު މެންބަރު ގައުމު ތަކުގެ ވޯޓުން ކާމިޔާބު ލިބުނު ހަ މެންބަރުންގެ ތެރޭގައި ހިމެނި ދެކުނު އޭޝިއާގެ ކޮމިޝަނަރުކަން ޝަހާއަށް ލިބުނެވެ.
ހަމައެއަށްފަހު ޖުޖިޓްސޫގެ މި ސަރައްހައްދުގެ މައި ޖަމިއްޔާ ކަމުގައިވާ ސައުތު ރީޖަނަލް ޖުޖިޓްސޫ އެސޯސިއޭޝަންގެ ޖޮއިންޓް ސެކެޓްރީ ކަމުގެ މަގާމުވެސް ޝަހާ އަށް ލިބުނެވެ.
”ވަރަށް ސަޕްރައިޒްވި. އެއީ ޝަހާ މީ އެންމެންގެ ތެރޭގައިވެސް އެންމެ ކުޑަ. އަނެއްކާ ޖުޖިޓްސު އަށް ވެސް އެންމެ އާ މީހަކީ ޝަހާ. އެހެން ގައުމުތަކުން މި ތިބެނީ މިދާއިރާގައި ފަނަރަ އަހަރު ނޫނީ ތިރީސް އަހަރުވެފައި ތިބޭ މީހުން. އެ މީހުން އަސްލު ވަރަށް އެހީވެ ސަޕޯޓުދޭ،“ ޝަހާ ބުންޏެވެ.
އެއާ އެކު މިއަހަރު ޝަހާއަށާއި އަދި މުޅި ރާއްޖޭގެ މާޝަލް އާޓްސް ދާއިރާއަށް ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ އަބޫދާބީގައި އޮތް ޖުޖިޓްސޫ އިންޓަނޭޝަނަލް އެނުއަލް ކޮންގްރެސް 2021 ގައި ދުނިޔޭގެ ޖުޖިޓްސޫގެ މައި ޖަމިއްޔާ އިންޓަނޭޝަނަލް ޖުޖިޓްސޫ ފެޑަރޭޝަންގައި މުޅި އޭޝިއާ ތަމްސީލު ކުރާ އަންހެން މެންބަަރުގެ މަގާމު ޝަހާއަށް ލިބުމެވެ.

ޝަހާ ހަސަން--- ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު
ފިޓްނަސް އިންސްޓްރަކްޓަރެއް, ނިއުޓްރިޝަން ސްޕެޝަލިސްޓެއް
ޝަހާގެ މަސައްކަތާއި ޒިންމާތައް އޮންނަނީ ހަމައެކަނި ރާއްޖެއިން ބޭރުގައެއް ނޫނެވެ. އޭނާއަކީ ސެޓިފައިޑް ފިޓްނަސް އިންސްޓްރަކްޓާ, ޕާސަނަލް ޓްރެއިނާ އަދި ނިއުޓްރިޝަން ސްޕެޝަލިސްޓްކެވެެ. ހަމަ އެޔާއެކު ރިހެބް ޓްރެއިނާ ސެޓްފިކެޓް ވެސް ފުރިހަމަކޮށްފައިވާ އިރު މި ދާއިރާގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް އަދި މި ދާއިރާއިން ކުއްޖެއް ތަމްރީން ކުރަން ކުރަންޖެހުނު ކޮންމެ ކަމެއްވެސް, ކުރެވޭނެ ވަރަށް ތައުލީމާ ތަޖުރިބާ މިހާރު ހޯދާފަވާނެ ކަމަށް ޝަހާ ބުންޏެވެ.
އެހާ ޒުވާން އުމުރުގައި މިހާ ބޮޑެތި ޒިންމާތަކެއް އުފުލަމުންދާއިރު އަމިއްލަ އަށް ވަގުތު މެނޭޖު ކުރާ ގޮތާއި ކަންކަން ރާވާލާފައި އޮންނަ ގޮތުން ކޮންމެ މީހެއްވެސް ހައިރާންވާނެ އެވެ. ކޮންމެ ދުވަހަކުވެސް ފަތިހު ހަތަރެއް ޖަހާއިރު ޝަހާ ހުންނާނީ ތެދުވެ އެވެ. ސްޓްރެޗިންނާއި ފްލެކްސިބިިލިޓީ ރަނގަޅު ކުރުމުގެ ކަސްރަތަށްފަހު މެންދުރު ނަމާދާއި ހިސާބަށް އޮންނަނީ ޝަހާ ބުނާގޮތުންނަމަ ލެޕްޓޮޕް ދޮށުގައި އިނދެ ކުރަންޖެހޭ މަސައްކަތެވެ. އޭޝިއާގެ އެކި ގައުމުތަކުގެ މެންބަރުންގެ ޝަކުވާތަކާއި މައްސަލަތައް ބަލައި އެޑްރެސް ކުރުމުގެ އިތުރަށް އަމިއްލަ އެކި އެޑްމިން މަސައްކަތްތަކަށް އެނާ ހުސްކުރަނީ މި ވަގުތުތަކެވެ. އެއަށްފަހު މެންދުރުގެ ކެއުން ޝެޑިއުލްވެފައި އޮންނައިރު އެކިއެކި ބައްދަލުވުންތަކަށް ހާއްސަ ކުރަނީ އަސްރު ކުރި އެވެ. އަދި ހަވީރުން ފެށިގެން ރޭގަނޑު އެގާރަ ޖެހުމާ ހަމައަށް އޮންނަނީ އޭނާ މަސައްކަތްކުރާ ވޮރިއާސް އެރީނާ ޖިމް ގަޑިތަކާއި އަދި މާޝަލް އާޓްސްގެ އެކި ކްލާސްތަކެވެ. މިހާރުވެސް 100 އަށްވުރެ ގިނަ ކުދިންނަށް އެސޯސިއޭޝަނުން ކްލާސްތައް ނަގައިދެ އެވެ.
އަންހެނުންނާ ކުޑަކުދިން, ޝަހާގެ މުހިންމު ފޯކަސް އެއް
ބޮޑެތި މަގާމުތަކެއްގެ ޒިންމާ ޝަހާގެ ކޮނޑުގައި އެޅިފައިވާއިރު މިވަގުތު އޭނާ އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް މަސައްކަތަކީ މިއަހަރުގެ ކޮންގްރެސްގައި އޭނާ އިސްވެ ހުށަހެޅި ޕްރޮޖެކްޓެއް ކަމުގައިވާ ”ނޮޓް ވިތް މީ“ އެވެ. އުމުރުން ހަތަރު އަހަރުން މަތީގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ މި ކޯހަކީ ސެލްފް ޑިފެންސްއާ, ދުޅަހެޔޮ ދިރިއުޅުމާ ރަނގަޅު އަހުލާގުގެ އިތުރަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް, ނުރައްކާތެރި ހާލަތްތައް ދެނެގަނެ އެކަންކަމުން ރައްކާތެރިވެ ސަލާމަތް ހޯދޭނެގޮތްތައް ދަސްކޮށްދޭނެ ކޯހެއްކަމަށް ޝަހާ ބުންޏެވެ.
ހަަމައެޔާއެކު އޭޝިޔަން ޔޫނިއަން އިން އަންހެނުންނަށް ހާއްސަކޮށް ތައާރަފްކުރާ ކެމްޕެއިނެއް ކަމުގައިވާ ”ރައިޓް ޓު ފައިޓް“ ގެ މަސައްކަތުގައިވެސް އިސް ދައުރެއް ޝަހާ ދަނީ އަދާކުރަމުންނެެވެ. މި ޕްރޮގްރާމަކީ އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ޓްރޯމާއެއް ތަހައްމަލު ކޮށް ނުވަތަ ތަޖުރިބާ ކޮށްފައިވާ އަންހެނުންނަށް ހާއްސަކޮށް ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ދުޅަހެޔޮކުރުމަށް ސައިކޭޓްރިސްޓުންނާއިވެސް އެކީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
”މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ކަމެއް ސެލްފް ޑިފެންސް ދަސްކުރީމަ ނޫނީ މާޝަލް އާޓްސް އިނގުނީމަ ކޮންމެ ހާލަތަކާއި ވެސް ކުރިމަތިލާން އެނގޭނެ އޭ. އެކަމަކު އަސްލު އެމީހަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވެގެން މެނުވީ އެކަމެއް ހާސިލެއް ނުވާނެ. އެހެންވީމަ އެކަމަށް ވެސް އަލިއަޅުވާލައިގެން ރާވާލާފައިން ޕްރޮގްރާމެއް މިއީ،“ ޝަހާ ކިޔާދިނެވެ.

ޝަހާ ހަސަން --- ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު
ލިމިޓެެއް ނެތް, ފިޔަވަޅަކަށްފަހު ފިޔަވަޅެއް
ރާއްޖޭގައި ޝޮޓަކަން ކަރާޓޭ ފަސްޓް ޑޭން ބްލެކް ބެލްޓް ހާސިލުކުރި ފުރަތަމަ އަންހެން އާޓިސްޓް ކަމުގައިވާ ޝަހާ ބުނާގޮތުން މި ދާއިރާގައި އަދިވެސް އޭނާއަށް ހާސިލްވެފައި މިވަނީ ވަރަށް ކުޑަ މިންވަރެކެވެ. މި ދާއިރާއިން ކުރަން ހުރި ކަންކަމުގެ ލިސްޓުގައި އެއްވެސް ކަހަލަ ލިމިޓެއް އަދި ނެތެވެ.
ޝަހާގެ މާސްޓާ ހުސެއިން ބުނާގޮތުން އެހާ ޒުވާން އުމުރެއްގައި މިހާ ދުރަށް ޝަހާއަށް އާދެވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ ޝަހާގެ ހިތްވަރާއި ކޮންސިސްޓަންސީ އެވެ.
”ވަރަށް މަސައްކަތްކުރާ ކުއްޖެއް ޝަހާއަކީ. މާ ބޮޑަށް ޕުޝްކޮށްގެން ކުރިން ވަރަށް ގިނައިން އަނބުރައިގަނެގެން ވެއްޓެންވެސް ވެއްޓޭނެ. އެކަމަކު ހަަމަ އަނެއްކާވެސް އަންނާނެ. އަބަދުވެސް ޝަހާ ބޭނުންވާނެ އޭނާ އެ ދާން ބޭނުންވާ ހިސާބަކަށް ދާން.“ ހުސެއިން ބުންޏެވެ.
ޝަހާ ކިޔައިދިން ގޮތުންނަމަ ކުރިން ދެ ފްލޯއަށް ސިޑިން އެރުމަކީވެސް އޭނާ އަށް ކުޅަދާނެ ކަމެއް ނޫނެވެ. ނަމަވެސް މިހާރު އިންހޭލާ ބޭނުންނުކޮށް މެދު ނުކެނޑި ދެ ގަޑިއިރުގެ ކްލާސްތައް ނަގައިދެވުމަކީ އަޖައިބުވާ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ.
މި ދަސްކުރަނީ ތަޅާފޮޅާކަށް ނޫން!
ޝަހާ ބުނާގޮތުގައި މާޝަލް އާޓްސްއިން ކޮންމެ މީހަކަށްވެސް ނެގެނީ އެކި މާނަތަކެވެ. ލިބިދޭ ފައިދާތައް ވެސް ތަފާތެވެ. ޝަހާއަށް ދުޅަހެޔޮކަމާއި ސެލްފް ޑިފެންސް ދަސްވި އިރު އަނެއް ބަޔަކަށް މިއީ ރުޅި ކޮންޓްރޯލްކުރަން ދަސްކޮށްދޭ ވަސީލަތެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ލިބިދޭ ހޯދައިދޭ ކަމެކެވެ. ޑިޕްރެޝަން ކޮންޓްރޯލް ކުރުމަށް އެހީއެކެވެ.
މާޝަލް އާޓްސްގެ ބިއުޓީ އަކީ މިއީ ދެމީހަކަށް އެއްފައިދާ އެއް, އެއް މާނައެއް ނޫނީ އެއް ބޭނުމެއް ކޮށްދޭ ކަމެއް ނޫން. ކޮންމެ މީހަކަށް ވެސް މިއީ ތަފާތު ތަޖުރިބާ އެއް
ޝަހާ ބުނީ، މާޝަލް އާޓްސް އަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް ކަމެއްކަމަށެވެ.
މިގޮތުން ޗެންނާއީގެ މުބާރާތުގައިވެސް ހާއްސައެހީއަށް ބޭނުންވާ ފަރާތްތައްވެސް ބައިވެރިވެ، ވަރުގަދަ އަށް ޕާފޯމްކުރި ތަން ފެނި، އެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަކީ ޝަހާގެ ވަރަށް ބޮޑު އަމާޒެކެވެ. މިގޮތުން އޭނާ މިހާރު އަންނަނީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަންނަނީ މާޝަލް އާޓްސް ދަސްކޮށްދެމުންނެވެ.
ޝަހާގެ ހުނަރާއި ކާމިޔާބީ ފާހަގަކޮށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އޭނާއަށް ބޮޑެތި ހުށަހެޅުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް ރާއްޖެ ދޫކޮށް ދިއުމުގެ ހިޔާލެއް އަދި ނެތްކަމަށް ޝަހާ ބުނެ އެވެ. އޭނާގެ އުންމީދަކީ އެހެން ގައުމުތަކުގައިވެސް މި ކުޅިވަރަށް ދޭ އަހަންމިއްޔަތާއި ލޯބި ރާއްޖެއިން ވެސް ލިބުމެވެ.








