ޑރ. ސިނާން: މަސްވެރިކަމުގެ އިގްތިސާދުގެ އިލްމުވެރިޔާ

ސިނާން ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި.

ސިނާން ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި.

މާކަނޑު މެދުގައި ތިބެ ދޭހާ އަތްވަކާއި ވެހޭހާ ވާރޭއެއްގެ ތެރޭގައި ކަނޑުން ރޯދި ނެރެ ދިވެހި މަސްވެރިން މި ގައުމުގެ އިގްތިސާދުގައި އެ ވަނީ ބޮޑު ހިއްސާއެކެވެ. މަސްވެރިން އެއުފުލާ ޖިސްމާނީ ބުރަ ނުއުފުލި ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުން އެކޮށްދެނީ ވެސް ކުޑަ ހިދުމަތެއް ނޫނެވެ. ކުޑަކުޑަ މުސާރައަކަށް، މީސްކޮޅު މަދު ޓީމެއްގައި، ސިކުނޑިއަށް ބާރުކުރާ އެ މަސައްކަތުގައި އެ މުވައްޒަފުން ދެމި ތިބޭ ތިބުން ފާހަގަކުރަން ޖެހެ އެވެ.

އޭގެ ތެރެއިން އެކަކަކީ އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ދާދި ފަހުން ކެނެޑާގެ ޑަލްހައުސީ ޔުނިވާސިޓީން މަސްވެރިކަމުގެ ދާއިރާއިން އިންޓަޑިސިޕްލިނަރީ ޑޮކްޓަރ އޮފް ފިލޯސަފީއެއް ހާސިލްކުރި ހުސެއިން ސިނާނެވެ. ފިޝަރީޒް އިކޮނޮމިކްސް އާއި ފިޝަރީޒް ލޯ އަދި ޕޮލިޓިކަލް އިކޮލޮޖީ ހިމެނޭހެން އޭނާ ހެދި ޕީއެޗްޑީގައި ހާއްސަވީ މަސްވެރިކަމުގެ އިގުތިސާދަށެވެ. އޭނާ ހިމެނެނީ އެ ރޮނގުން ޕީއެޗްޑީ ހާސިލްކުރި ދެ ވަނަ ދިވެއްސަށެވެ. އަނެއް ބޭފުޅަކީ މިހާރުގެ ފިޝަރީޒް މިނިސްޓަރު އަދި ސިނާނަށް މި ދާއިރާގައި މަގުދައްކަވައިދެއްވި އެއް އާރުކާޓީ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.
ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.

ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.

ސިނާންގެ ޕީއެޗްޑީ ތީސީސް މިދިޔަ ބުރާސްފަތި ދުވަހު ޔުނިވާސިޓީގައި ކާމިޔާބުކަމާ އެކު ދިފާއުކޮށް ނަމުގެ ކުރިއަށް ޑޮކްޓަރުގެ ލަގަބް އިތުރުކުރި އިރު، އޭނާ މިހާރު ވެސް ހުރީ ދެ ތިން ފިޔަވަޅެއް ކުރީގަ އެވެ. އެގޮތުން ސިނާންގެ ޕީއެޗްޑީ ތީސީސްގައި ހިމެނޭ ދިރާސީ ހަތަރު ބާބުގެ ތެރެއިން ތިން ބާބެއް މިހާރު ވެސް ވަނީ އެކެޑެމިކް ޖާނަލްތަކުގައި ޝާއިއުކޮށްފަ އެވެ. އަނެއް ބާބު މިހާރު އަންނަނީ މުރާޖައާކުރަމުންނެވެ.

އަދި ޕީއެޗްޑީ ހާސިލްކުރާ އުއްމީދީ ދަރިވަރުން އަމިއްލަ އަށް ހުށަހަޅައިގެން އިންޓަވިއުއަކަށް ފަހު ލިބޭ ފުރުސަތެއް އޭނާ އަށް އެފަދަ އެއްވެސް މަރުހަލާއެއް ނެތި ވަނީ ލިބިފަ އެވެ. އެއީ ޖަޕާނުގެ ނިޕޯން ފައުންޑޭޝަނުގެ އޯޝަން ނެކްސެސް އިން ޕޯސްޓް ޑޮކްޓަރޭޓް ދިރާސާކުރިއަށް ގެންދިއުމަށް ސިނާނަށް ދިން ދޮޅު އަހަރުގެ ފުރުސަތެވެ.

އެ ދިރާސާތަކަށް ފަހު ސިނާން އެނބުރި ރާއްޖެ އައިސް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރެއްގެ ގޮތުގައި ނަގަމުން އައި ޒިންމާތަކާ އަލުން ހަވާލުވާނެ އެވެ. އެ ވާހަކަތައް "އަދަދު" އާ ހިއްސާކުރަމުން ސިނާން މިއަދު ހަނދާން އާކުރީ ފިޝަރީޒް މިނިސްޓްރީގައި އޭނާ އަށް މިހާތަނަށް ހޯދި ކާމިޔާބީތަކާއި ޕީއެޗްޑީއާ ހަމަޔަށް ކުރެއްވި ދަތުރެވެ.

ސިނާން (ވ) އަންހެނުން އާސިޔަތު (ވ-2) އާ އެކު ކާމިޔާބީގެ އުފަލުގައި އޮތް ކެއުމެއްގައި ބައިވެރިވަނީ.
ސިނާން (ވ) އަންހެނުން އާސިޔަތު (ވ-2) އާ އެކު ކާމިޔާބީގެ އުފަލުގައި އޮތް ކެއުމެއްގައި ބައިވެރިވަނީ.

ސިނާން (ވ) އަންހެނުން އާސިޔަތު (ވ-2) އާ އެކު ކާމިޔާބީގެ އުފަލުގައި އޮތް ކެއުމެއްގައި ބައިވެރިވަނީ.

މާލޭން އޭ ލެވެލް ނިންމުމަށް ފަހު އޭރުގެ ގިނަ ޒުވާނުން ފަދައިން އޭނާ ވަނީ ސަރުކާރަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ކްރައިސްޓް ޔުނިވާސިޓީން ސްޓެޓިކްސްޓިކްސް އެންޑް މެތެމެޓިކްސް އިން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބުނެވެ.

ޑިގްރީ ނެގުމަށް ފަހު ގުޅުނީ ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބާ ބެހޭ ސެކްޝަނާ އެވެ. އެއީ އޭނާގެ ކެރިއަރާއި ޝައުގުވެރިކަން އަދި ލޯބި މަސްވެރިކަމާ ދިމާލަށް އެނބުރުނު ހިސާބެވެ. ކުރިން ރަށު އޮފީސް މެދުވެރިކޮށް ނަގަމުން އައި ތަފާސްހިސާބުތައް ސީދާ މަސްދޯނިން ނެގޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖެއްސީ އޭރު އެވެ. އެކަންވެގެން ދިޔައީ ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކުރަން ކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު އެހީއަކަށެވެ.

ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.
ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.

ސިނާން އޭނާގެ ތީސީސް ދިފާއުކުރަނީ.

ދުވަސްތަކެއް ފަހުން ކިޔެވުމުގެ މަރުހަލާ އިތުރަށް ކުރިއަށް ގެންދިއުމަށް ސިނާނަށް މިނިސްޓްރީން ފުރުސަތު ދިނެވެ. އޭނާ ދިޔައީ ފިޝަރީޒް އިކޮނޮމިކްސްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރަން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ޕޯޓްސްމަތަށެވެ. އެނބުރި އައުމުން އޭނާ އަށް ހަވާލުވީ އާ ޒިންމާއެކެވެ. އެމްޑީޕީގެ ވެރިކަމުގައި މިނިސްޓްރީ ދެބައިކޮށް މަސްވެރިކަން ތަރައްގީކުރާ ސެކްޝަނާއި މެނޭޖްކުރާ ސެކްޝަން ހެދުމަށް ފަހު ސިނާންއާ ހަވާލުކުރީ ފަހުން ފަހުން ބަޔާންކުރި ބައި ހިންގުމެވެ.

އޭނާގެ ދައުރުގައި މިނިސްޓްރީން ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ރާއްޖޭން ބައިވެރިވުމެވެ. ކުރީގެ ވިސްނުމަކީ އެތަނަކީ ޔޫރަޕުގެ ގައުމުތައް ބޭނުންވާ ގޮތަކަށް ކަންތައްކުރާ ކޮމިޝަނެއް ކަމާއި ރާއްޖޭން ބައިވެރިވެ ޖެހޭނީ އާނ ހޫނ ކިޔާލަ ކިޔާލައި ތިބެން ކަމެވެ.

"އަޅުގަނޑުމެން އެ ވިސްނުން ބަދަލުކުރީ. އަޅުގަނޑުމެން ނިންމީ ސިސްޓަމުގެ ބޭރުގައި ނުތިބެ ސިސްޓަމުގެ ތެރެއަށް ވަދެ ޗެލެންޖްކުރަން،" ސިނާން ބުންޏެވެ.

ސިނާން (ވ) ފިޝަރީސް މިނިސްޓްރީގެ އިސް ދެ ވެރިން ކަމަށްވާ  އާދަމް ޒިޔާދު (މ) އާއި  ޑރ. ޝިހާމްއާ އެކު
ސިނާން (ވ) ފިޝަރީސް މިނިސްޓްރީގެ އިސް ދެ ވެރިން ކަމަށްވާ އާދަމް ޒިޔާދު (މ) އާއި ޑރ. ޝިހާމްއާ އެކު

ސިނާން (ވ) ފިޝަރީސް މިނިސްޓްރީގެ އިސް ދެ ވެރިން ކަމަށްވާ އާދަމް ޒިޔާދު (މ) އާއި ޑރ. މުހައްމަދު ޝިހާމް އާދަމްއާ އެކު.

ސިނާން ބުނި ގޮތުގައި އެ ކޮމިޝަނާ ގުޅެން ނިންމި އަނެއް ސަބަބަކީ، ރާއްޖޭގައި ބާނާ މަހަކީ، މޮޒަމްބީކް ޗެނަލުގެ ތެރެއިން އިރުމައްޗަށް ދަތުރުކޮށް އޭގެ ތެރޭގައި ވިހައި ބޮޑެތިވާ މަސްތަކަކަށް ވާތީ ރާއްޖޭގެ މަސްވެރިކަން މެނޭޖްކުރަން އެ ގައުމުތަކުގެ އެއްބާރުލުން ބޭނުންވުމެވެ. ރާއްޖޭން އެ ކޮމިޝަނާ ގުޅި ނިންމުންތައް ނިންމުމުގައި ބަސް ކިޔާ އަޑުހަރު ގައުމަކަށްވި އެވެ.

ޔޫރަޕަށް އެތެރެކުރާ ކޮންމެ މަހަކީ ކޮން ދޯންޏަކުން، ކޮން ސަރަހައްދަކުން ބޭނި މަހެއްކަން އެނގޭނެ ކެޗް ސެޓިފިކެޓެއް އޮންނަން ޖެހޭނެ މަހެއް ކަމަށް ހެދުމާ އެކު ރާއްޖޭގައި މަސްވެރިކަމުގެ ތަފާސްހިސާބުތަކުގެ މުހިއްމުކަން ބޮޑުވީ ވެސް އެ ދުވަސްވަރު އެވެ. އެއާ އެކު އެއްކަލަ ދޯނީގައި ބާއްވަން ތަފާސްހިސާބު ނަގާ ލޮގްފޮތުގެ މުހިއްމުކަން ބޮޑުވި އެވެ. އަދި އެއާ ގުޅިގެން މަސްވެރިކަމަށް ލައިންސަސް ދޫކޮށް ގަވާއިދު ހަދާ ހަރުދަނާ އޮނިގަނޑެއް ސިނާން އާއި މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދުގެ އިސް ދައުރަކާ އެކު މިނިސްޓްރީން އެކުލަވާލި އެވެ.

އޭރު ސިނާން އައީ އޭނާގެ ކެރިއަރުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލުމަށް ޕީއެޗްޑީއެއް ހާސިލްކުރަން މަސައްކަތްކުރަމުންނެވެ. އަމިއްލައަށް ކިޔަވަން ދެވޭނެ ފަދަ ތަނަވަސްކަމެއް ނެތުމުން ސިނާން ދިޔައީ ސްކޮލަޝިޕްތަކަށް ކުރިމަތިލަމުންނެވެ. އެކަމަކު ބޭރުގެ ޖަމާއަތްތަކުން ރާއްޖެއަށްދޭ ސްކޮލަޝިޕްތަކުގެ ތެރޭގައި ވެސް މަސްވެރިކަމުގެ ދާއިރާ ނުހިމެނޭތީވެ ކުރިމަތިލެވޭނެ ފުރުސަތުތައް މަދެވެ. އަދި ކުރިމަތިލީ ގިނަ ތަންތަނުން ވެސް ކުރީ ރިޖެކްޓެވެ.

"އެކަމަކު ވެސް އުއްމީދުކަނޑާނުލާ އަނެއްކާ ވެސް އާ ހިތްވަރަކާ އެކު ކުރިމަތިލަނީ،" ސިނާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެންމެ ބޮޑު ހިތްވަރަކީ ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ އޭނާގެ ތައުލީމަށް ކުރި މަސައްކަތެވެ. އައްޑުއަތޮޅުގެ ހިޖުރަވެރި އާއިލާއަކަށް އުފަން ސިނާން ކުޑައިރުގެ ދުވަސްތައް ހޭދަކުރީ މަންމަ އާއި ބައްޕަ އާއި ތިން ކޮއްކޮއާ އެކު މާލޭގެ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ.

"އެކަމަކު އޯ ލެވެލް އާއި އޭ ލެވެލް ހެދިއިރު މާޔޫސްނުވެ ކުރިއަށްދިޔައީ. މަންމަ އާއި ބައްޕަ އަޅުގަނޑަށް އޭރު ވެސް ދިން ހިތްވަރު ފަހުން ވެސް ދިނީ. މަންމަ ބުނަމުން ދިޔައީ އުއްމީދުކަނޑާނުލާށޭ. އަލުން ކުރިމަތިލާށޭ. ފުރުސަތު ލިބޭނޭ،" ސިނާން ބުންޏެވެ.

ސިނާން ފުރުވަން އޭނާގެ ރައްޓެހިން އެއާޕޯޓުގައި (ކ-ވ) ޝިފާޒް، އާދަމް ޒިޔާދު، މުއްތޮލިބް، ޒަރީރު އަދި އަމީން ފައިސަލް.
ސިނާން ފުރުވަން އޭނާގެ ރައްޓެހިން އެއާޕޯޓުގައި (ކ-ވ) ޝިފާޒް، އާދަމް ޒިޔާދު، މުއްތޮލިބް، ޒަރީރު އަދި އަމީން ފައިސަލް.

ސިނާން ފުރުވަން އޭނާގެ ރައްޓެހިން އެއާޕޯޓުގައި (ކ-ވ) ހަފީޒް، އާދަމް ޒިޔާދު، މުއްތޮލިބް، ޒަރީރު އަދި އަމީން ފައިސަލް: އެންމެންގެ އެހީތެރިކަން ލިބުނު.

އެ އުއްމީދުގައި އަށް އަހަރު މަސައްކަތްކޮށްފައިވަނިކޮށް ސިނާންގެ އަތުގައި ނަސީބު ހިފީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ދިން ސްކޮލަޝިޕެއްގައި ކެނެޑާ އަށް ކިޔަވަންދާން ފުރުސަތު ލިބުމުންނެވެ. އޭރު ކައިވެނިކޮށް ދަރިއަކު ވެސް ލިބިފައިވާތީ އޭނާ އެ ދަތުރުފެށީ އާއިލާ ވެސް ގޮވައިގެންނެވެ.

ހަތަރު އަހަރުގެ ބުރަ މަސައްކަތަށް ފަހު އޭނާ ހާސިލްކުރި ޕީއެޗްޑީގެ ފައިދާ، މިހާރު ވެސް ދުނިޔޭގެ މަސްވެރިކަމުގެ ސިޔާސަތުކަނޑައަޅާ ޖަމާއަތްތަކަށްކޮށްފި އެވެ. ސިނާންގެ ދިރާސާގެ އެއް ދާއިރާއަކީ، ކޮންމެ ގައުމަކުން ބާނާނެ އެންމެ ގިނަ މިންވަރެއް ކަނޑައަޅާއިރު، އިންސާފުވެރިކަމާ އެކު އެ މިންވަރު ކަނޑައެޅުމެވެ. ސްޓޮކް ރިޕްރޮޑިއުސްކުރާ މިންވަރަށް ވުރެ ގިނައިން ބާނައިފިއްޔާ ހުސްވާނެތީވެ، އެ މިންވަރު ކަނޑައެޅުން މުހިއްމުވެ އެކަމުގެ މަޝްވަރާތައް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ކުރާތާ 10 އަހަރުވެއްޖެ އެވެ. އޭނާގެ ދިރާސީ ފުރަތަމަ ކަރުދާހުގައި ޖަވާބުދީފައިވަނީ އެ މިންވަރު ކަނޑައަޅާއިރު ހިމާޔަތްކުރަން ޖެހޭނެ މަސްލަހަތުތަކަކީ ކޮބައިތޯ އާއި އެ ނިންމުން ނިންމާއިރު އެކަަމަށް ބާރުފޯރުވާނެ ކަންކަމަށެވެ. އޭގެ ދިރާސާގެ މެތޮޑޮލޮޖީ އެޓްލާންޓިކް އަދި ޕެސިފިކް ޓޫނާ ކޮމިޝަންތަކުން ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

"އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސިނާން ބުންޏެވެ.

އޭނާގެ ދެ ވަނަ ދިރާސާ ކަރުދާހަކީ އޮސްޓްރޭލިއާގެ ވޮލޮންގޮންގް ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި ޕީއެޗްޑީ ހާސިލްކުރި ޔުނިވާސިޓިގެ ލީގަލް ޑިޕާޓްމަންޓުގެ ތަޖުރިބާކާރުންނާ އެކު ލިޔުނު ކަރުދާހެކެވެ. ކުދި ޖަޒީރާތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަނޑުތަކާ ބެހޭ ގާނޫން ލިބޭ ހާއްސަ އިނާޔަތްތައް ބޭނުންކުރެވޭނެ ގޮތުގެ ފްރޭމްވޯކް އެކުލަވަލައި ލިޔެފައިވާ އެ ކަރުދާސް މިހާރު ވަނީ ދުނިޔޭގެ އިހުތިރާމް ލިބިފައިވާ ޖާނަލެއްގައި ޝާއިއުކޮށްފަ އެވެ. އަދި ޕެސިފިކްގެ ކުދި ޖަޒީރާތައް ހިމެނޭ ކޯލިޝަނުން އެ ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ސިނާން ވެސް ބައިވެރިވެ އެވެ.

ދެން އޮތީ ޕޯސްޓް ޑޮކްރަރޭޓް ދިރާސާތަކަށް ފަހު އެނބުރި ރާއްޖެ އައިސް ހިދުމަތްކުރުމެވެ. އޭނާ އިލްމީ ގޮތުން އެ ހޯދި ބޮޑު ކުރިއެރުންތައް ރާއްޖެ އަށް ވާނީ ރަނަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މި މުހިއްމު ސިނާއަތުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރަން ތިބީ ކިޔަވައިގެން ތިބި ޓެކްނިކަލް އެންމެ ހަ މުވައްޒަފުންނަށް ވުމެވެ. ސަރުކާރުންދޭ ކުޑަކުޑަ މުސާރަކޮޅުން ފުއްދާލައިގެން، އެ މުވައްޒަފުން ކުރަމުން އަންނަ ހިތްވަރު ސިނާން ފާހަގަކުރެ އެވެ.

ސިނާން އޭނާގެ ރައްޓެހިންނާ އެކު މަސް ދަތުރެއްގައި.
ސިނާން އޭނާގެ ރައްޓެހިންނާ އެކު މަސް ދަތުރެއްގައި.

ސިނާން އޭނާގެ ރައްޓެހިންނާ އެކު މަސް ދަތުރެއްގައި.

އެ ހިތްވަރާ އެކު، ސިނާންގެ ޝުކުރުގެ ލިސްޓުގެ ވަރަށް ކުރިން އެ މުވައްޒަފުންނަށް ޖާގަ ލިބެ އެވެ. އަދި އެ ވަރަށް ވެސް މި ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ހާއްސަކޮށް އޭނާ އަށް މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވި ކުރީގެ ސްޓޭޓް މިނިސްޓަރު މަރްހޫމާ ޑރ. ފާތިން ހަމީދުގެ ނަން ވެސް ސިނާން ފާހަގަކުރި އެވެ. މަސްވެރިކަން މެނޭޖްކުރުމުގެ މަސައްކަތުގައި އޭނާ އަށް މަގުދައްކަވައިދެއްވި މިހާރުގެ ވަޒީރު ޑރ. ހުސެއިން އާއި މަސްވެރިކަމާ ގުޅޭ ބައިނަލްއަގްވާމީ މަޝްވަރާތަކުގައި އަބަދުވެސް ގައުމު ކުރިއަށް ނެރުމަށް އޭނާ އަށް ހިތްވަރުދެއްވި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ މެދު ވެސް ސިނާންގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ.

އެ ހުރިހާ ނަމެއްގެ ތެރެއިން ވެސް ސިނާން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކުރީ ކިޔެވުމުގެ މަރުހަލާގައި ބޮޑު ގުރުބާނީއެއްވި އޭނާގެ ލޯބިވާ އަންހެނުން އާސިޔަތު މުހައްމަދު ސައީދުގެ ނަމެވެ. ރާއްޖޭގެ އެންމެ ގާބިލް އެއް ނޫސްވެރިޔާ އަދި ހުނަރުވެރި ލިޔުންތެރިޔާ ތަފާތު ޓައިމް ޒޯނެއްގައި ދިރިއުޅެން ޖެހުންވީ، ދާއިރާގެ މަސައްކަތުގައި އުފުލަން ޖެހުނު ތަކުލީފަކަށް ކަމަށް ސިނާން ބުންޏެވެ.

"އާސިގެ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރު މިއީ. ރާއްޖޭގައި ހުރި ނަމަ ކެރިއަރަށް އިތުރު ބޫސްޓެއް ލިބޭނެ. އެކަމަކު އެކަން ދޫކޮށްލާފައި އަޅުގަނޑާ އެކު ކެނެޑާއަށް ގޮސް ވަރަށް އުނދަގޫ ވޯކިން ކަންޑިޝަނެއްގައި މަސައްކަތްކުރީ،" "ދައުރު" ގައި މަސައްކަތްކުރާ އާސިޔަތާ ބެހޭގޮތުން ސިނާން ބުންޏެވެ.

ސިނާން ބުނި ގޮތުގައި މި ހާސިލްކުރެވުމަކީ އާއިލާ އާއި ރައްޓެހިންނާއި އޮފީހުގެ ވެރިންނާއި މުވައްޒަފުންގެ އެހީއާ އެކު ނޫނީ ނުވާނެ ކަމެއް ކަމަށެވެ.

ހުނަރުވެރި ފޮޓޯގްރާފަރެއް

އެއީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހެވެ. އިނގިރޭސި ވިލާތުގައި މަސްވެރިކަމުގެ ރޮނގުން ކިޔަވައި ނިންމައި ޖެހިގެން އައި އެ ދުވަހު ރާއްޖެ އައީ އެކަމާ ގުޅޭ މަސައްކަތެއްގަ އެއް ނޫނެވެ. މުޅިން ތަފާތު ކަމެއްގަ އެވެ. އެ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕުގެ ފޮޓޯތައް، އޭނާ އާއި އެކުވެރިންތަކެއް ހިންގާ މޯލްޑިވްސޮކާ ޑޮޓް ކޮމް އަށް ނަގައިދޭށެވެ. އެއީ ބަގީގެ ނަމުން ފޮޓޯގްރަފީގައި މަޝްހޫރު ސިނާންގެ ޝައުގުވެރިކަމާ ގުޅިފައިވާ އަނެއް މަސައްކަތެވެ.

ސިނާން ފޮޓޮ ކެމެރާ ހިފައިގެން.
ސިނާން ފޮޓޮ ކެމެރާ ހިފައިގެން.

ސިނާން ފޮޓޮ ކެމެރާ ހިފައިގެން.

އެ ވެބްސައިޓަށް ހުސް ވަގުތު ފޮޓޯނަގައިދޭން ފެށި މަސައްކަތުގައި އޭނާ އަކީ މިހާރު ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ފޮޓޯގްރާފަރެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ގުޅިފައިވާ ރަން ހަނދާންތަކުގެ ގިނަ ފޮޓޯތަކަކީ އޭނާ ނަގާފައިވާ ފޮޓޯތަކެވެ. އަދި ޕީއެޗްޑީ އަށް ކިޔަވަމުން، 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު ވެސް ފޮޓޯ ނަގަން ދިޔަ އެވެ. އޭގެ އިތުރުން 2009، 2011، 2013 އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ކަވަރުކުރި އެވެ.

އަދި ރާއްޖޭގެ އެތުލެޓިކްސް ޓީމު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރިހި މެޑަލް ހޯދިއިރާއި ހަސަން ސާއިދު 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދިއިރު ސިނާންގެ ކެމެރާގައި ހަނދާނީ އެތައް ފޮޓޯތަކެއް ރައްކާކުރި އެވެ. ރާއްޖޭގެ ފުރަތަމަ ފޮޓޯ އޭޖެންސީ ކަމަށްވާ އިމޭޖަސް އެމްވީ އުފައްދައި އެތަނުން ބައިނަލްއަގްވާމީ އެތައް ފުޓްބޯޅަ މުބާރާތްތަކެއްގެ ފޮޓޯގްރަފީ ޕާޓްނަރުކަން ނެގި އެވެ.

2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދާދު ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހަނީ: މިއީ ސިނާން ނަގާފައިވާ ފޮޓޯއެއް.
2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދާދު ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހަނީ: މިއީ ސިނާން ނަގާފައިވާ ފޮޓޯއެއް.

2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދާދު ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހަނީ: މިއީ ސިނާން ނަގާފައިވާ ފޮޓޯއެއް.

ކުޅިވަރުގެ ދަނޑުތަކުގައި އެކަންޏެއް ނޫނެވެ. އޭނާގެ ލެންސުގެ ފޯކަސް އެހެން ދިމާތަކަށް ވެސް ދެ އެވެ. ސިނާން އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިނގައިދިޔަ ސިޔާސީ ހަރަކާތްތަކުގެ ފޮޓޯތައް ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ ކަމަށްވާ އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ނަގައިދިން، އެ އޭޖެންސީގެ ރާއްޖޭގެ ފޮޓޯ ކޮރެސްޕޮންޑެންޓް ވެސް މެ އެވެ. އޭނާގެ ފޮޓޯތައް ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ ނިއުޔޯކް ޓައިމްސް، ވޮޝިންޓަން ޕޯސްޓް، ބީބީސީ، ސީއެންއެން އަދި އަލް ޖަޒީރާގައި ބޭނުންކޮށްފައިވެ އެވެ.

"އެއީ އޮފީސް ނިންމާލާފައި ގޮސް ކުރާ މަސައްކަތް،" ސިނާން ބުންޏެވެ.

"ބޭނުންވަނީ އޮފީހުގެ މަސައްކަތާ އެއްވެސް ކަހަލަ ފުށުއެރުމެއް ނެތް ކަމެއް އިތުރު މަސައްކަތެއްގެ ގޮތުގައި ކުރަން. އޭގެ އިތުރަށް ފޮޓޯ ނެގުމަކީ އަޅުގަނޑު ސްޓްރެސް ފިލުވާލައި ހިތްހަމަޖައްސާލަން ކުރާކަމެއް."

ސިނާންގެ ފޮޓޯއެއް "ފެބްރުއަރީ ހަތެއް" ފޮތުގެ ބޭރުގަނޑުގައި ޖަހާފައި.
ސިނާންގެ ފޮޓޯއެއް "ފެބްރުއަރީ ހަތެއް" ފޮތުގެ ބޭރުގަނޑުގައި ޖަހާފައި.

ސިނާންގެ ފޮޓޯއެއް "ފެބްރުއަރީ ހަތެއް" ފޮތުގެ ބޭރުގަނޑުގައި ޖަހާފައި.

އެނބުރި ރާއްޖެ އައިސްފައި ވެސް ސޯޓު ލައިގެން ކެމެރާ ކޮނޑުގައި އަޅުވައިގެން އޭނާ ކުޅިވަރު ދަނޑުތަކާއި ސިޔާސީ ހަރަކާތްތަކަށް ފޮޓޯ ނަގަން ދާނެ އެވެ.

"ނަމުގެ ކުރިއަށް ޑޮކްޓަރު އައުމަކީ އަދި ސަރުކާރުގެ މަތީ މަގާމެއްގައި ހުރުމަކީ އެކަމާ ދުރުވާން ޖެހޭ ސަބަބެއް ނޫން،" ސިނާން ބުންޏެވެ.

އެކަމަކު އޭނާ އިސް ވާޖިބަކަށްވާނީ އިލްމީ ގޮތުން ހޯދި ކާމިޔާބީގެ އަލީގައި ރާއްޖޭގެ މަސްވެރިކަމުގެ އިގުތިސާދު ބަލަހައްޓައި ކުރިއެރުވުމެވެ. ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ މަސްވެރިކަމަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދޭން އަޑުއުފުލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

Newsletter

Get the latest news delivered straight to your inbox