ގާނޫނާ ހިލާފަށް ރަޖިސްޓްރީ ބާތިލްކުރި ނަމަވެސް ރައްޔިތުންނަށް ދެމުން ގެންދާ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އެޗްޑީސީން މިރޭ ބުނެފި އެވެ.
ހުޅުމާލޭގައި އިދިކޮޅުގެ ޖަލްސާއެއް ބާއްވަން އެޗްޑީސީގެ ހުއްދަ ނުހޯދުމުން އެކަން ހުއްޓުވުމުން ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެޗްޑީސީއަށް ހުޅުމާލޭގެ ބިން ދިނުމަށް ހަދާފައިވާ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.
ސިޓީ ކައުންސިލުން ގަބޫލު ކުރާ ގޮތުގައި ރަޖިސްޓްރީ ބާތިލްކުރުމުން މިހާރު ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ ތަނެކެވެ. އަދި އެތަނުގެ އިހުތިސޯސް ހިނގާނީ އެ ކައުންސިލަށެވެ.
ނަމަވެސް, އެޗްޑީސީން ބުނަނީ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ކޯޕަރޭޝަނުން މިހާރު ވަނީ އެ މައްސަލަ ކޯޓަށާއި ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފަ އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 1 އަދި 2 އަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ބިކަމަކަށް ވެފައި، އެ ސަރަހައްދުތައް ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ދެމުންގެންދާ ކަމަށެވެ.

އެ ސަރަހައްދުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނައިސް އަދާ ކުރަންޖެހޭ އެންމެހާ ޒިންމާތަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
"...އަދި ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރި ނުވުމަކީ މި ކޯޕަރޭޝަނުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. މި ފުރުސަތުގައި ހުޅުމާލޭގެ ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުދަންނަވަމެވެ." ބަޔާނުގައިވެ އެވެ.











