ހުޅުމާލޭގެ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ރަޖިސްޓްރީކޮށްދީފައި އޮތް އޮތުން ބާތިލް ކަމަށް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާތީ އެ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސުހައިލް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ސުހައިލް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހަޅަނީ މާލޭ ސިޓީ ކައުންސިލްގެ ނިންމުން ބާތިލް ކުރުމަށާއި އެ ނިންމުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ހުއްޓުވުމަށް ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ގާނޫނީ އެއްވެސް ހަމައެއްގެ މަތިން ނިންމޭނެ ނިންމުމެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.
އޭގެ އިތުރުން ސުހައިލް ވިދާޅުވީ އެޗްޑީސީއަށް އެކި އިދާރާތަކުން ލޯނު ދިން އިރު ހުޅުމާލޭ ބިން އެ ކުންފުނީގެ ދަށުގައި އޮތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތައް އެ ކުންފުނީގެ ދަށުން ނަގައިފި ނަމަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ [ކައުންސިލްގެ ނިންމުމަކީ] ވެލިޑް އެއްޗަކަށްވެއްޖެއްޔާ ލިބޭނެ ގެއްލުންތައް ހުންނާނެ. އަޅުގަނޑުމެންގެ އެސެޓެއްގެ ގޮތުގައި ބިން އޮތީމަ، އެކިއެކި ފަރާތްތަކުން ލޯނު ދޭއިރު އެއީ ފާހަގަ ކުރާ ކަމެއް،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ އިދިކޮޅުގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ބާތިލްކޮށް އެ ނިންމުން ގެޒެޓު ކުރީ ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބާއްވަން ރާވާފައިވާ ޖަލްސާ ބޭއްވޭނީ ހުއްދަ ނަގައިގެން ކަމަށް އެޗްޑީސީން އިއްޔެ ބުނެފައި އޮއްވަ އެވެ.
ޕީޕީއެމްގެ ފަރާތުން އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ރާވަމުންދާ "ކޮތަރު ކޮށި" ޖަލްސާއަކީ ފޭސް ދޭއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިިޔާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 25 ބުރީގެ 16 ޓަވަރު ހިމެނޭ ފްލެޓްތަކުގެ ކާބިޔާބު ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ.













