ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ކުޅޭ މެޗުތައް އަބަދުވެސް ވަރަށް ފޯރިގަދަވާ ކަމަށާއި ލަންކާ އަތުން މޮޅުވެވޭނެ ވަރުގެ ކުޅުމެއް ރާއްޖެ އަށް ދެއްކޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.
މި މަހު 22-29 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ޓީމު ލަންކާއާ ދެކޮޅަށް މާލޭގައި ތިން މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮތީ މިރޭ އެވެ. ފަހު ދެ މެޗު ކުޅޭނީ މާދަމާރެޔާއި އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.
ޓީމުގެ ތައްޔާރީތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކާއްޓެ ބުނީ އަމިއްލަ ގައުމުގައި ކުޅޭ މި ފަދަ ވަރުގަދަ މެޗަކުން މޮޅުވެެވިއްޖެނަމަ އެއީ މުބާރާތަށްދާއިރު، ޓީމުގެ ރޫހު ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ލަންކާ އަތުން އަމިއްލަ ގައުމުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދަން ބޭނުންވާ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.
ކާއްޓޭގެ ކޯޗުކަމުގައި ރާއްޖޭން ވަނީ 2019 ވަނަ އަހަރު އޮގަސްޓް މަހު މާލޭގައި ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުން ލަންކާ ސީދާ ތިން ސެޓުން މޮޅުވިއިރު، ދެން ކުޅުނު ދެ މެޗުން ލަންކާ ފަހަތުން އަރައި މޮޅުވީ ރާއްޖޭން ފުރަތަމަ ސެޓު ގެންގޮސްފައި އޮއްވަ އެވެ. އެ ތަޖުރިބާގެ އަލީގައި ކާއްޓޭ ބުނީ އަބަދުވެސް ރާއްޖެއާ ލަންކާ ވާދަކުރާ މެޗު ފޯރިގަދަކޮށް ދާ ކަމަށެވެ.
"ލަންކާ އާއި ރާއްޖޭގެ މެޗުތައް ވަރަށް ޗެލެންޖިން ވާނެ. ލަންކާ ކޮންމެ ޓީމެއް ގެނަޔަސް އެ ޓީމެއް ބޭނުމެއް ނުވާނެ ރާއްޖެ އަތުން ބަލިވާކަށް. އެއީ ރަހުމަތްތެރިކަމުގެ މެޗެއް ވިޔަސް. އަބަދުވެސް އެޓީމު ބޭނުންވަނީ ރާއްޖެ ބަލިކުރަން. އަޅުގަނޑުމެންގެ ޓީމުގެ އުއްމީދަކީ އަދި އަޒުމަކީ ވެސް މި ތިން މެޗުގެ ތެރެއިން އެއް މެޗުން ނަމަވެސް އަމިއްލަ ފަސްގަނޑުގައި ކުޅެގެން ލަންކާ ބަލިކޮށްލުން،" ކާއްޓޭ ބުންޏެވެ.
"ރާއްޖޭގެ ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނޭނެ. އެގޮތަށް ލަންކާ ޓީމަށްވެސް ވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައި. ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިންނާ އެކު މިފަހަރު ކާމިޔާބު ހޯދޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ. ސެޓްރަލް ޒޯންގެ ކުރިން އެއް މެޗު ވެސް ކާމިޔާބު ކުރެވުމަކީ ޓީމަށް ލިބިގެންދާނެކަމަށް ބޮޑު ހިތްވަރެއް،"
ކާއްޓޭ ބުނީ ލަންކާ މެޗަކީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެއްވެސް ޕްރެކްޓިސް މެޗެއް ނޫނީ މުބާރާތެއް ވެސް ނުކުޅެ ކުރިމަތިލާ ފުރަތަމަ މެޗު ކަމަށާއި އެހެންވެ، އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.
ލަންކާ މެޗާއި ސެންޓްރަލް ޒޯނަށް ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. ރާއްޖެ ޓީމުން ލަންކާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު އަށް ވަނީ ފުރުސަތު ދީފަ އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ލަންކާ މެޗުތައް ވެގެންދާނީ ރާއްޖޭގެ ވޮލީބޯޅައިގެ އާ ފެށުމަކަށް ކަމަށެވެ.
ލަންކާ އާއި ރާއްޖެ މިރޭ ކުޅޭ މެޗު ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ކުޅޭ މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. ޓީމުގެ އެދުމަކީ ވީހާވެސް ސަޕޯޓަރުން މެޗު ބަލަން އައުމެވެ.












