މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯޅުުން ބޮޑުވެ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް, އެއީ ކައުންސިލްގެ ބިމެއް ގޮތުގައި ފާސްކޮށްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނަރީޝް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އެކަންކަމަށް ހައްލެއް ގެނައުމަށް ތަކުރާރުކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް, އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
"މަޖިލީހާ ދެންވެސް ބައްދަލު ކުރަން ޖެހޭ އިދާރާތާކާވެސް ބައްދަލު ކުރަން މަސައްކަތް ކޮށްފައި ވާނީ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަމަށް ޖަވާބެއް ލިބިފައެއް ނުވޭ. އަދި އެކަންކަން ހައްލު ކުރުމަށްވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކުރަން،" ނަރީޝް ވިދާޅުވި އެވެ.
"މި ކައުންސިލުން ހާދައި ދީފަ އޮންނަ ރަޖިސްޓްރީއެއް ހުޅުމާލެއަށް އޮންނާނީ. އަޅުގަނޑު ހުށަހަޅަނީ އަޅުގަނޑުމެން ހަދާފައިވާ ރަޖިސްޓްރީ ބާތިލް ކުރަން. އަދި އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި ނިންމަން."

ނަރީޝްގެ މި ހުށަހެޅުމަށް ތާއިދު ލިބި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކުރި އެވެ. ރަޖިސްޓްރީ ބާތިލްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ.
ކައުންސިލްގެ އެހެން މެމްބަރުންގެ ވާހަކައިގައި ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމުގެ ބާރު ދީފައިވާ ކަމަށް ސަރުކާރުން ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައި މިވަނީ "ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާ ކުރިއަށް ގެންދެވޭނީ އެޗްޑީސީގެ ހުއްދަ ނަގައިގެން ކަމަށް އެޗްޑީސީން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ދެބަސްވެފައިވާއިރު އިދިކޮޅުން ބުނަމުން އަންނަނީ ހުޅުމާލެއަކީ ގާނޫނުގައި އޮންނަ ގޮތުން މާލޭ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ކަމުން އެޗްޑީސީގެ ހުއްދަ އެއް ހޯދަން ނުޖެހޭނެ ކަމަށެވެ. ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ.












