ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީޗް ފްރަންޓުން ވިއްކާލާ 26 ބިމުގެ ބީލަން ކާމިޔާބުކުރި މީހުން ބޭނުންވާ ބިން އިހްތިޔާރުކުރުން (ޕްލޮޓް ސެލެކްޝަން) ނިންމާލައިފި އެވެ.
ބީލަމަށް އަގު ހުށަހެޅި ތަރުތީބުން ކުރިޔަށް ގެންދިޔަ ޕްލޮޓް ސެލެކްޝަންގައި އެންމެ ބޮޑު އަގުގައި ބިމެއް ވިއްކާލީ 30.6 މިލިއަން ރުފިޔާއަށެވެ. އެންމެ ކުޑަ އަގުގައި ވިއްކާލި ބިމުން ލިބުނީ 11.8 މިލިއަން ރުފިޔާ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އާންމުކޮށްފައިވާ ލިސްޓުގައި ހުރި އަދަދުތައް ހިސާބުކުރާއިރު މި 26 ބިން ވިއްކައިގެން އެ ކޯޕަރޭޝަނަށް 438.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އެއީ ކޮންމެ ބިމަކުން އެވަރެޖުކޮށް 16.8 މިލިއަން ރުފިޔާ އެވެ.
މި މަހު ކުރީކޮޅު ހުޅުވާލައިގެން ބޭއްވި ބީލަމުގައި ބިންތައް ގަންނަން 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައި ވެ އެވެ. ބިޑު ކާމިޔާބުކުރީ އެންމެ މަތިން އަގު ހުށަހެޅި 26 މީހުންނެވެ. އޭގެ އިތުރުން ފަސް މީހަކު ވަނީ ވެއިޓްލިސްޓު ކުރެވިފަ އެވެ.
މި ބިޑު އެންމެ މަތިން ކާމިޔާބުކުރި މީހާއަށް "އޮޅުމަކުން" ޖެހުނު އަދަދަކާ ގުޅިގެން އޭނާގެ ބިޑު ބާތިލުކުރުމަށް ފަހު، ވެއިޓްލިސްޓުގެ އެއް ވަނައިގައިވާ މީހާއަށް ބިން ހިޔާރުކުރަން ލިބުނެވެ.
ބީޗް ފްރަންޓު ބިންތައް
- ބީލަން ފެށި އަގު – އަކަފޫޓަކަށް 3،900ރ.
- އެންމެ ބޮޑު އަގުގައި ވިއްކާލީ – 2510 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 10،220ރ. ރޭޓުން 30.6 މިލިއަން ރުފިޔާއަށް
- އެންމެ ކުޑަ އަގުގައި ވިއްކާލީ – 1676 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 7081ރ. ރޭޓުން 11.8 މިލިއަން ރުފިޔާއަށް
- ބީޗް ފްރަންޓު ބިންތަކުން ލިބޭނެ ޖުމުލަ އާމްދަނީ – 438.2 މިލިއަން ރުފިޔާ
ބިން އިހުތިޔާރުކުރުމަށް ފަހު ދެން އޮންނާނީ އެޗްޑީސީއާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމެވެ.
އެކަމަކު އެއްބަސްވުންތަކުގައި ސޮއިކުރާނީ އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. މިކަން ކުރަން ލިބެނީ ބީލަން ކާމިޔާބުކުރި ކަމުގެ ލިޔުން އެ ކޯޕަރޭޝަނުން ފޮނުވާ ފަހުން 60 ދުވަހެވެ.










