ހުޅުމާލޭ ދެވަނަ ފިޔަވަހި އަތިރިމައްޗާ ކައިރިން (ބީޗު ސައިޑުން) ވިއްކާލާ 34 ބިމުގެ ބީލަން ކާމިޔާބުކުރި މީހުން ބޭނުންވާ ބިންތައް އިހުތިޔާރުކުރުން (ޕްލޮޓް ސެލެކްޝަން) ނިންމާލައިފި އެވެ.
ބީލަން ކާމިޔާބުކުރަން އަކަފޫޓަކަށް އެންމެ ބޮޑު އަގު ހުށަހެޅި ތަރުތީބުން ކުރިޔަށް ގެންދިޔަ ޕްލޮޓް ސެލެކްޝަނުގައި އެންމެ ބޮޑު އަގެއް ލިބުނީ، އަކަފޫޓަކަށް އެންމެ ބޮޑު އަގު ހުށަހެޅި މީހާ ގަތް ބިމުންނެވެ. އެއީ 24.7 މިލިއަން ރުފިޔާ އެވެ.
އެންމެ ކުޑަ އަގުގައި ވިކުނީ އަކަފޫޓަކަށް އެންމެ ކުޑަ އަގު ހުށަހެޅި މީހާ ގަތް ބިމުންނެވެ. އެއީ 12.07 މިލިއަން ރުފިޔާ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އާންމުކޮށްފައިވާ ލިސްޓުގައި ހުރި އަދަދުތައް ހިސާބުކުރާއިރު މި 34 ބިން ވިއްކައިގެން އެޗްޑީސީއަށް 549.4 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެވަރެޖުކޮށް ބިމެއް ވިކުނީ 16.1 މިލިއަން ރުފިޔާއަށެވެ.
މި ބިންތަކަށް 179 މީހަކު ކުރިމަތިލާފައިވާއިރު، އެންމެ ބޮޑު އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 9،700ރ. އެވެ. އެންމެ ކުޑަ އަގަކަށް ހުށަހެޅީ 7،157ރ. އެވެ. ކާމިޔާބުކުރި ބިންތަކުގެ އެވަރެޖަށް ބަލާއިރު މި ބިންތައް ވިކުނީ އަތިރިމައްޗާ ކުރިމަތިން (ބީޗު ފްރަންޓުން) ވިކުނު ރޭޓަށް ވުރެ މަތިންނެވެ.
ބީޗު ސައިޑު ބިންތައް
- ބީލަން ފެށި އަގު – އަކަފޫޓަކަށް 3،500ރ.
- އަކަފޫޓެއް ވިކުނު އެވަރެޖު – 7،970.59ރ.
- އެންމެ ބޮޑު އަގުގައި ވިއްކާލީ – 2550 އަކަފޫޓުގެ ބިމެއް 24.7 މިލިއަން ރުފިޔާއަށް
- އެންމެ ކުޑަ އަގުގައި ވިއްކާލީ – 1686 އަކަފޫޓުގެ ބިމެއް 12.07 މިލިއަން ރުފިޔާއަށް
މި ބިންތައް ވިއްކައިގެން އެޗްޑީސީއަށް 987.7 މިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ އެ ކުންފުނިން ބީލަން ހުޅުވާލި އަގުގައި ބިންތައް ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރި 457.5 މިލިއަން ރުފިޔާއަށް ވުރެ ބައި ބިލިއަން އިތުރު އަދަދެކެވެ.










