ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަަކަށް ކުރިން އެ މަގާމު ދެ ފަހަރެއްގެ މަތިން އަދާކުރި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ.
ކާއްޓޭ ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމުން ތައިލެންޑްގެ ސުންޓޮން ފޮސީޓާ ވަކިކުރި ފަހުން އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތް ކުރުމުގެ އިތުރުން އޭގެ ފަހުން 2017 އިން ފެށިގެން 2019 ވަނަ އަހަރުގެ ކުރީކޮޅާ ހަމަ އަށް ވެސް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މި ފަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ހުސެއިން ޝަރީފް އެވެ. މެނޭޖަރަކީ ޖުނައިދު އަބްދުﷲ އެވެ. އަދި އެސިސްޓަންޓް މެނޭޖަރަކީ އިސްމާއިލް ސަމާހު އެވެ.
ގައުމީ ޓީމުން ކާއްޓޭގެ ބެލުމުގެ ދަށުން މިއަދު ހެދުނު ޕްރެކްޓިސްތަށް ފެށިއިރު، ސްކޮޑުގައި މި ވަގުތު 21 ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ވީއޭއެމް އިން ދުރުރާސްތާ ވިސްނުމެއްގެ ތެރެއިން އެކުލަވާލި 23 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ހިމެނެ އެވެ.
ކާއްޓޭގެ ބެލުމުގެ ދަށުން ގައުމީ ޓީމުން ކުޅޭނީ އަންނަ މަހު 21-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގަ އެވެ. ކާއްޓޭ ވަނީ މީގެ ކުރިން ގައުމީ ޓީމު ގޮވައިގެން ސެންޓްރަލް ޒޯން މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.

ވީއޭއެމްގެ ރައީސް ރަނޭ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ވީއޭއެމް
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، މިއަދު "އަދަދު" އަށް ވިދާޅުވީ މި ވަގުތަށް ބަލާފައި ކާއްޓޭ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން ނިންމި އެންމެ ބޮޑު ސަބަބަކީ ކާއްޓޭ އަށް ދިވެހި ކުޅުންތެރިން އެނގިފައި އޭނާ އަކީ ސެންޓްރަލް ޒޯންގެ ތަޖުރިބާ އަށް ބަލާއިރު މި ވަގުތު ހުރި ދިވެހި އެންމެ ރަނގަޅު ދިވެހި ކޯޗު ކަމަށެވެ.
"މި ވަގުތަށް ބަލާއިރު މިއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރަނީ،" ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ރަނޭ ވިދާޅުވި އެވެ.
ކާއްޓޭ ވަނީ ވީއޭއެމްގެ މިދިޔަ ދައުރުގައި ނޯމައިލިޒިން ކޮމިޓީގެ ފަހުން ވީއޭއެމް ހިންގުން ތިން މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރިއަށްދިޔައިރު، އިދާރީ ގޮތުން އެސޯސިއޭޝަންގެ އެކި އެކި މަަސައްކަތްތައް ވެސް ކޮށްފަ އެވެ.
ސެންޓްރަލް ޒޯންގައި ވާދަކުރަން ނެގި 21 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު:
އަލީ ހުޒާމް (ހުޒަންޓެ)، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ހުސެއިން ވިސާމް (ބުޅިކެ)، ހަސަން ނިލާމް (ޕާޓޭ)، އާދަމް ފައިރޫޒް، ހުސެއިން ރައްޒާން، މުހައްމަދު ނައީމް، ޝަމާއިލް ހުސެއިން، މުހައްމަދު އަހުސަން، ހުސެއިން ޔޫސުފް، ހުސެއިން ޝާހިދު (ޝާޑު)، ޖަވާމް އަލީ، މުހައްމަދު މިމްރާހު ހަސަން، އަހުމަދު ނާފިއު، އަހުމަދު މުޒުލިފް، މާއިޝް އަހުމަދު، އަލީ ނިމާލް، މައުޒޫމް ނިޔާޒް، ޝާމިލް މުހައްމަދު، ޝުއައިބް އަބްދުލް ލަތީފް، މުހައްމަދު ޝިމާއު
ވިއޭއެމް އިން ގެންގުޅޭ އެއް ވިސްނުމަކީ ސެންޓްރަލް ޒޯން މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކުރާއިރު، އޭގެ ތެރޭގައި މުސްތަގުބަލަށް ވިސްނައި 23 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ހިމެނުމެވެ. އެ ގޮތުން ދެ ކުޅުންތެރިއަކު ސީނިއާ ޓީމަށް ޕްރޮމޯޓް ކުރަން ބޭނުންވާ ކަމަށް ރަނޭ ވިދާޅުވި އެވެ.
ގައުމީ ޓީމަށް ވަރަށް އަވަހަށް ޔޫރަޕްގެ ކޯޗެއް ގެންނަން އޮތީ ނިންމާފައި
ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވީ ސައުތު އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ.
މިލޮރަޑް ވަނީ މިދިޔަ އަހަރު ތެރޭ ކޮންޓްރެކްޓް ހަމަވުމުން ގައުމީ ޓީމާ ވަކިވެފަ އެވެ.
ވީއޭއެމްގެ ރައީސްކަމާ ހަވާލުވުމަށް ފަހު ރަނޭ ވަނީ ގައުމީ ޓީމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން އަންނަ މަހުގެ ތެރޭގައި ގައުމީ ޓީމަށް ޔޫރަޕްގެ ކޯޗެއް ގެންނަން ނިންމާފައިވާ ކަމަށް ރަނޭ ވިދާޅުވި އެވެ.
"މި ވަގުތު ބިދޭސީ ކޯޗެއް ގެެނެސްގެން އެހާ އަވަހަކަށް ކަންކަން ކުރާނެ ވަގުތެއް ނެތް. އެހެންވީމަ ބިދޭސީ ކޯޗެއް، ޔޫރަޕްގެ ކޯޗެއް އަންނަ މަހުގެ ތެރޭގައި ގައުމީ ޓީމަށް އަންނާނެ. އެ ކޯޗު ޓީމާ އެކު ސެންޓްރަލް ޒޯން މުބާރާތަށް ގޮސް މުބާރާތާއި ޓީމުގެ ކަންކަން ބަލާނެ. އެ މުބާރާތަށް ފަހު ރަސްމީކޮށް ހަވާލުވާން މި އޮތީ،" ރަނޭ ވިދާޅުވި އެވެ.
ސަރުކާރުގެ އެހީއާ އެކު ރާއްޖޭގެ ވޮލީބޯޅަ އަށް ގިނަ ފުރުސަތުތަކެއް ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު ފަހިވެފަ އެވެ. އެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހޯދައިދެއްވި ފުރުސަތެއްގައި ގައުމީ ވޮލީ ޓީމު ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެެވެ. ޓީމު ކުޅިވަރުތަކަށް ބަލާއިރު، ވޮލީ ޓީމަކީ މިހާތަނަށް ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ޖެހި ދިވެހި ފުރަތަމަ ޓީމެވެ.













