މާލޭގެ ފަސް ވަނަ އަވަށް ކަމަށްވާ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވަމުންދާތީ، އެ ވެހިކަލްތައް ރަޖިސްޓްރީކޮށް ދަފުތަރެއް އެކުލަވާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން އިއްޔެ ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ވެސް އަންގާފައިވެ އެވެ.
ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ވިލިމާލޭގައި އިންޖީނުލީ ސައިކަލާއި ކާރު ދުއްވުން މަނަލެވެ. އެތަނުގައި އާއްމުން ދަތުރުކުރަން އެންމެ ގިނައިން ބޭނުންކުރަނީ ބައިސިކަލެވެ. އަދި ޓެކްސީ އުސޫލުން ބަގީގެ ހިދުމަތް ވެސް ދެ އެވެ. ފަހަކަށް އައިސް ބެޓެރީ ސައިކަލްތައް ވަނީ އިތުރުވެފަ އެވެ. އެ ރަށުގައި ދިރިއުޅޭ އާބާދީގެ އިތުރުން ޕިކްނިކް ހެދުމަށާއި ފިންޏަށް ވެސް މީހުން އަވަށަށް ދާތީއާ އެކު އަދި އޭގެ ތެރެއިން ގިނަ ބަޔަކު އުޅެނީ ފައިމަގުގައި ކަމަށްވާތީ ވެހިކަލް އިތުރުވުމުން ތަނުގެ ރައްކާތެރިކަން ގެއްލޭ ކަމުގެ ޝަކުވާ ވެސް ވަނީ އިތުރުވެފަ އެވެ.











