ސީލައިފް ގްލޯބަލްއާ ސަރުކާރުގެ ބައެއް އިދާރާތަކާ ދެކޮޅަށް އާންމު ބައެއް ފަރާތްތަކަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދެ ފަރާތުން އެއްބަސްވެ އެކުލަވާލި ސެޓަލްމެންޓް އެއްބަސްވުމަކާ އެއްގޮތަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަމަލުކުރަމުން ނުދާތީކަމަށް ބުނެ، އެ މައްސަލައިގައި ދައުވާ ހުށަހެޅި އާންމުންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަނެއް މިއަދު ހުށަހަޅައިފި އެވެ.
މި ނޫހަށް ލިބިފައިވާ އެ ޕެޓިޝަނުގެ ކޮޕީއެއްގައި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ވަނީ ސަރުކާރާއި އެޗްޑީސީއާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ޖުލައި 15، 2019 ވަނަ އަހަރު އެކުލަވާލި ސެޓަލްމެންޓް އެއްބަސްވުމަށް އަމަލުކުރަމުން ނުދާ ކަމަށް ބުނެފަ އެވެ.
އެހެންކަމުން އެ މައްސަލައިގަ އާންމުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް ހިއްސާ ކުރުމަށް އެދޭކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. ޖުމްލަ 122 މީހަކު އެ ޕެޓިޝަނުގައި ސޮއިކޮށްފައި ވެ އެވެ.
"ސޮއިކުރި އެންމެންނަކީ ވެސް އެ މައްސަލައިގައި ސީލައިފްގެ ފަރާތުން ކުރިޔަށް ގެންދަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއިން އެޕާޓްމެންޓް ލިބެން ޖެހޭ ފަރާތްތައް،" ޕެޓިޝަން ހުށަހެޅި ފަރާތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުންޏެވެ.
އެ ފަރާތުން ބުނީ، އެޗްޑީސީއާ އިކޮނޮމިކް މިނިސްޓްރީން ސެޓަލްމެންޓް އެއްބަސްވުމުގެ ދަށުން ސީލައިފް ކުންފުނިން އެ ފަރާތްތަކަށް އެޕާޓްމެންޓް ވިއްކި އަގަށް ވުރެ ބޮޑު ނުވާވަރަށް، ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ބޯހިޔާވަހިކަން ހަމަޖައްސާނެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އެކަމަކު، އެޗްޑީސީން އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ އެކަންކަން ހަމަޖައްސަން. ދެ އަހަރު ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް،" އެ ފަރާތުން ބުންޏެވެ.
ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން 2014 ވަނަ ހަވާލުކުރި މަޝްރޫއުގެ ދަށުން އާންމުންގެ ގިނަ އަދަދެއްގެ ބައެއްގެ އަތުން ވަނީ އެ ހައުސިން ޔުނިޓްތަކަށް 50،000 އެއްހާ ރުފިޔާގެ އަދަދެއްގެ ފައިސާތަކެއް ނަގައިފަ އެވެ. އެހެންނަމަވެސް އެ މަޝްރޫއު ކުރިޔަށް ނުގެންދެވި މަޑުޖެހުމާއެކު އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.
އަދި އޭގެ ފަހުން އެ ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކި ފަރާތްތަކުން ވަނީ 2019 ވަނަ އަހަރު ސިވިލް ކޯޓަށް ބަދަލު ނަގައިދިނުމަށް އެދި ސީލައިފާ ދެކޮޅަށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
އެހެންނަމަވެސް، ދައުލަތުން ވަނި ފަހުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާއެކު އެއްބަސްވުމެއް ހަދައި، އެ ފަރާތްތަކަށް ބަދަލުދީފަ އެވެ. މިފަހަރުގެ ޕެޓިޝަން މި ހުށަހެޅީ، އެ މައްސަލައިގައި ދައުލަތާއެކު އެ ފަރާތްތަކުން ހެދި ސެޓަލްމެންޓް އެއްބަސްވުމުގެ ބަޔަކަށް އަމަލުނުކޮށްގެންނެވެ.












