މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ރަށްރަށުގައި ހުންނަ އެ ޕާޓީގެ ހަރުގެތައް ހިންގަން ޕާޓީން ފައިސާ ނުދޭތީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދާއިރާތައް ހިންގުމާ ގުޅޭގޮތުން މެމްބަރުންނަށް ވާހަކަ ދެއްކުމަށް ހުޅުވާލި ފުރުސަތުގައި އަތޮޅު ތެރެއަށް ނިސްބަތްވާ ގިނަ މެމްބަރުން ފާހަގަ ކޮށްފައި ވަނީ ރަށްރަށުގައި ހުންނަ އެ ޕާޓީީގެ ޖަގަހަތަކަށް ހާއްސަ ބިމެއް ނުހުންނަ ވާހަކަ އެވެ.
އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރަށްރަށުގެ ޖަގަހަތަކަކީ އެންމެ މުހިންމު ދައުރު އަދާކުރާ ތަން ކަމަށެވެ. އެގޮތުން، ޕާޓީން ކަނޑައަޅާ ވަކި ކޮންސެޕްޓަކަށް ޖަގަހަތައް ހެދުމަށް އޭނާ ވަނީ ހިޔާލު ދެއްވައިފަ އެވެ.
"އަމިއްލަ ޖީބުން ހަދައިގެން، ގޭގޭގަ ހުރީމަ ރޫޅާލާފަ ގެންގޮސް އަނެއްކާވެސް އެހެން ތަނެއްގަ މި ހަދަން ޖެހެނީ. އޭގެ ބަދަލުގައި ޕާޓީން ރަޖިސްޓާ ކޮށްފައި ޖަގަހަތައް ވަކި ގޮތަކަށް ގެންދަން،" ރާއީ ވިދާޅުވި އެވެ.

އެކަމާ މަޑަވެލި ދާއިރާގެ ރައީސް އިބްރާހިމް ނާފިޒް ވަނީ އެ ދާއިރާގެ ތިން ރަށުގައި ހަދާފައިވާ ހަރުގެތައް ނެތި ފަނާވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނާފިޒް ވެސް ބުނީ މިހާތަނަށް ހަރުގެތައް ހިންގަމުން އައިސްފައި ވަނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ.
މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގްގެ ވާހަކައިގައި ބުނީ އެމްޑީޕީ ތެރޭގައި އޮތް ތަފާތުކުރުން ނައްތާލަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީއިންވެސް މާލެ އާއި ރާއްޖެތެރޭގެ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
"މަނަދޫ ދާއިރާއެކޭ މާލެ ދާއިރާއެކޭ އެއް ހަމައެއްގައި ވާހަކަ ދެއްކޭ ހިސާބަށް އާދެވިގެން ނޫނީ މިކަން ރަނގަޅެއް ނުވާނެ. ހަމަ މާލޭގަ އިންތިހާބެއް ބާއްވާއިރަށް ކުރަން ޖެހޭ ކަންތައްތައް ރަށްރަށުގައިވެސް ކުރޭ. މާރަނގަޅަށްވެސް ރަށްރަށުގައި އެކަންކަން ކުރޭ. ނަމަވެސް އަޅުގަނޑުމެންނަށް އެކަން ވަޒަނެއް ނުކުރޭ،" ތޯރިގް ބުންޏެވެ.
އަދި އޭނާ ބުނީ އެ ކުރާ ހިދުމަތަށް ދާ ހޭދަކުރުމުގެ އަގު ޕާޓީން ބަލައި ނުގަންނަ ކަމަށާއި އެކަން ބަލައިގަނެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
"ރަށްރަށުގެ ހަރުގެތައް މިއަދާ ހަމައަށް ހިންގަނީ ކުލި ދީގެން. ޕާޓީއަށް އެނގޭތޯ؟ މަނަދޫގައި ހަރުގެ ހިންގަނީ ކުލި ދީގެން. ޕާޓީއަކުން ނޫން ދައްކަނީ،" ތޯރިގް ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އެފަދަ ކަންކަން ރަނގަޅު ކުރުމަށް މިހާތަނަށް ފާސްކޮށްފައި ހުރި ގަރާރުތަކުގެ ތެރެއިން އަމަލު ކުރެވެން ނެތް ގަރާރުތައް ބާތިލުކުރަން ގައުމީ މަޖިލީހުން ނިންމަން ޖެހޭ ކަމަށެވެ.
އެ މައުލޫއަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އަހަރަކު އެއް ފަހަރު ދައިރާއަކުން ފާސް ކުރަން ޖެހޭ އޮޑިޓް ރިޕޯޓު ފާސްކުރެވުނީ ކޮން ދާއިރާއަކުންތޯ އާއި ފައިސާ ދެވި ފައިސާ ހަރަދު ކުރެވުނު ގޮތް ބެލެން ޖެހޭނެ ކަމަށެވެ.












