ނ. މާފަރު ކައުންސިލުން ބިލު ނުދައްކައިގެން އެ އިދާރާއިން ކަރަންޓު ކަނޑާލާފައި އޮތުމަށްފަހު އަނެއްކާ ވެސް ފެނަކައިން އެ އޮފީހަށް ކަރަންޓު ދޫކުރަން ފަށައިފި އެވެ.
މާފަރު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލިއިރު ބިލު ނުދައްކާތާ އަހަރެއްވެ، ނުދައްކާ ހުރި ބިލުތަކަށް ޖުމްލަ މިލިއަނަކަށްވުރެ ގިނަ ރުފިޔާ އޮތީ އަރައިފަ އެވެ.
ކަރަންޓު ކަނޑާލުމަށްފަހު އަލުން ހިދުމަތް ދިނީ ސަރުކާރާއި ފެނަކަ އާއި އެ ކައުންސިލްގެ އިދާރާއިން އެއް މޭޒެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވި އެވެ.
"އާދެ، ކަރަންޓު އަބުރާ ދީފަ ވަނީ. ދެން އަޅުގަނޑުމެން މިދަނީ މިހާރު ވެސް މަސައްކަތް ފަށައިގެން ކުރިޔަށް އެ ފައިސާ ދެއްކޭތޯ. ކުރީ ދައުރުގެ ސަބަބުން ކުރިމަތިވި ކަމެއް އެއީ. އަޅުގަނޑުމެން ވީހާ ވެސް އަވަހަށް އެ ބިލުތައް ދައްކައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެއީކީ ކޮންމެހެން ސަރުކާރަށް ބަރޯސާވެގެން އަޅުގަނޑުމެން ބުނާ އެއްޗެއް ނޫން،" އަދުނާން ވިދާޅުވި އެވެ.
އަދުނާން ވިދާޅުވީ ކަރަންޓުގެ ހިދުމަތް ކަނޑާލުމުން ކައުންސިލްގެ މަަސައްކަތްތައް އެއްކޮށް ހުއްޓިގެން ދިޔަ ކަމަށެވެ. އަދި ފެނަކައިން އަލުން ކަރަންޓު ދިން ނަމަވެސް އެކަން ކާމިޔާބުވީ ވަރަށް އުނދަގުލުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މާފަރަށް ކަރަންޓު އުފެއްދުމަށް ފެނަކަ ނޫން ގޮތެއް ވިސްނާނެ ކަމަށް އަދުނާނު ވިދާޅުވި އެވެ.

"އެއީ މި ރަށަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށެއް. ދެން ބިން ބޮޑު، ފަތުރުވެރިކަމުގެ މަސައްކަތްތަކާއި މަޝްރޫތަކަށް މިހާރުވެސް އިންވެސްޓަރުން ބަލަބަލާ ތިބި ރަށެއް. އަދި ލޭންޑްޔޫސް ޕްލޭން އެއްކޮށް ނިމުނީމަ ރަސްމީކޮށް ހުށަހެޅުންތައް އަންނާނެ، އެހެންވީމަ މިކަހަލަ އުނދަގޫތައް އަންނަންޏާ އިތުރު ގޮތްތައް ހޯދަން ޖެހޭނެ، މި ރަށަކީ އަމިއްލައަށް ވެސް ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ރަށެއް ހަމަ،" އޭނާ ވިދާޅުވި އެވެ.













