ސީލައިފް ގްލޯބަލް އިން އަޅަން ބުނި އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ އެޗްޑީސީގެ ވިނަރެސް ފްލެޓުތަކުން އެޕާޓްމަންޓު ގަންނަން މިއަދު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އަޅަން ސީލައިފްއާ ހަވާލުކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ސަބަބުތައް ދައްކާ މި ޕްރޮޖެކްޓު ނިންމޭނެ ކަމަށް އެކި ތާރީހުތައް ދިން ނަމަވެސް، އެއްބަސްވުމުގައި ބުނި ތާރީހަށް އެއްވެސް މަސައްކަތެއް ނިންމާފައެއް ނުވެ އެވެ.
އެކަމަކު އޭރު ގިނަ ބަޔެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. އާއި އެޗްޑީސީއާ އެކު ވެވިފައިވާ އެއްބަސްވުމާ ހިލާފަށް އިތުރަށް ވެސް ފައިސާ ވަނީ ނަގާފަ އެވެ.
މި މައްސަލައިގައި އެޗްޑީސީން ވަނީ ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 މީހަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ބަދަލު ދޭން އެއްބަސްވެ 415 މީހުންނާ އެކު ސެޓްލްމަންޓް އެގްރީމެންޓެއް ހަދާފަ އެވެ. މި އެގްރީމެންޓުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެޕާޓަމަންޓު ގަތުމުގެ ފުރުސަތު ދޭން ވަނީ އެއްބަސްވެވިފަ އެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނާއެކު އެއްބަސްވުން ހަދާފައިވާ ހުރިހާ އެންމެނަށާއި ރީފަންޑު އެއްބަސްވުން ނުހެދި ނަމަވެސް، ސީލައިފަށް ފައިސާ ދެއްކިކަން ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅައިގެން ރަޖިސްޓްރީވާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.
މި ފްލެޓުތަކަށް އެދި ރަޖިސްޓްރޭޝަން ފޯމު ފުރުމަށް ފަހު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އޮކްޓޫބަރު 28 އެވެ.
ވިނަރެސްއަކީ އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.
މިއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިން އާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ވިނަރެސް ފްލެޓުތަކުގެ އިމާރާތްކުރުމުގެ ބޮޑު ބަޔެއް ނިމުނު ނަމަވެސް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމޭނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ އެޗްޑީސީން ދިން ތާރީހަކީ އަންނަ އަހަރުގެ ޖުލައި އެވެ.









