މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފުރަތަމަ ފޮތް މައުރަޒު މާދަމާ ފަށާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވި ގޮތުގައި މިއީ ލިޔުންތެރިކަމާއި ކިޔުންތެރިކަން ކުރިއަރުވައިދީ، އަދި ދިވެހި ލިޔުންތެރިންގެ މަސައްކަތް އާންމުންނާއި ހިސާބަށް ގެނެސްދިނުމުގެ މަގްސަދުގައި ފަށާ ހަރަކާތެކެވެ.
ދިވެހި ލިޔުންތެރިން އެކި ބަސްތަކުން ލިޔެފައިވާ ފޮތްތައް މައުރަޒުގައި ލިބެން ހުންނައިރު ކުޑަކުދިންގެ ވާހަކަ ފޮތުން ފެށިގެން އެކި ދާއިރާގެ ފޮތްތަކާއި ތައުލީމީ ލިޔުންތައްވެސް މައުރަޒުގައި ލިބެން ހުންނާނެ އެވެ.
އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެމްއެންޔޫގެ މައި މަރުކަޒުގައި ފޮތް މައުރަޒު ކުރިއަށްދާނީ ތިން ގަޑިއަކަށް ބަހާލައިގެން ނެވެ. އެއީ ހެނދުނު 9:00 އިން 12:00 އަށް، މެންދުރު ފަހު 2:00 ފެށިގެން ހަވީރު 6:00 އަދި ރޭގަނޑު8:00 އިން 10:00 އަށެވެ.

މައުރަޒު ކުރިއަށްދާ ދުވަސްތަކުގެ ހަވީރު އެމްއެންޔޫގެ ސްޓުޑެންޓް ޔޫނިއަންއާ އެހެން ފަރާތްތަކެއް ގުޅިގެން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނޭ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.












