ރެނދު ބައްދަން އެމްޑީޕީ މެމްބަރުން ފޫގަޅައިގެން

އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށްގެންދާ އިންތިހާބުގެ ތެރެއިން: ގާތްގަނޑަކަށް 90،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ. -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށްގެންދާ އިންތިހާބުގެ ތެރެއިން: ގާތްގަނޑަކަށް 90،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ. -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ އިންތިހާބު ފެބްރުއަރީ 13، 2004، ވީ ހުކުރު ދުވަހު ބާއްވައި ނިންމާލިއިރު، ރާއްޖޭގެ ގިނަ މީހުންނަށް އެކަމެއް ނޭނގެ އެވެ.

އެއިރު އެމްޑީޕީއަކީ ޣައިރު ގާނޫނީ ހަރަކާތެކެވެ. ޕާޓީގެ މެމްބަރުންނަކީ ކޮބައިކަން އެއްބަސްވެފައި އޮތީ އަނގަބަހުންނެވެ. ވަލީ ކޮމެޓީގެ 15 މެމްބަރުން އެ އިންތިހާބުގައި މަގާމުތަކަށް ހޮވިއިރު، ކެންޑިޑޭޓުން ފޯމުލުމާއި އިންތިހާބުގައި ވޯޓުލުން ވެސް ކުރިއަށްގެންދިޔައީ އީމެއިލް މެދުވެރިކޮށް އިންޓަނެޓުގަ އެވެ.

ބައިވެރިވި މީހުން ޖަލަށްލާފާނެތީ، އިންތިހާބުގެ ހުރިހާ ކަމެއް ގެންދިޔައީ ވަރަށް ބޮޑަށް ސިއްރިއްޔާތުގަ އެވެ.

Advertisement

އެކަމަކު މިއަދު އެމްޑީޕީން ބާއްވާ ދާއިރާތަކުގެ އިންތިހާބުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަދަނީ އިންތިހާބެވެ. މި އިންތިހާބުގައި 97 ދާއިރާއަކަށް 730 މީހަކު ވާދަ ކުރެ އެވެ. ގާތްގަނޑަކަށް 90،000 މީހުންނަށް ވޯޓުލެވެ އެވެ. ވޯޓުލުން ކުރިއަށްދަނީ ރާއްޖޭގެ ސްކޫލްތަކާއި އިޖްތިމާއީ މަރުކަޒުތަކުގަ އެވެ.

ސިއްރިއްޔާތުގައި އިންތިހާބު ބޭއްވި ދުވަސް މިއަދު އޮތީ ހަމައެކަނި މާޒީގެ ހަނދާނެއްގެ ގޮތުގަ އެވެ. އެމްޑީޕީ މެމްބަރުންގެ ފޯކަސް މިއަދު އޮތީ މުޅި ރާއްޖޭގައި ބޭއްވޭ މި އިންތިހާބަށް އެކަންޏެވެ.

"ޑިމޮކްރެޓިކް ހަރަކާތެއްވެއްޖެއްޔާ އެމްޑީޕީގެ މެމްބަރުން އަބަދުވެސް ވަރަށް ފޯރި ހުންނާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ސުލްހަވެރިކޮށް ވޯޓުލުން ނިންމާލުން. އަދި ވީހާ ވެސް އިންސާފުވެރި އިންތިހާބެއް ބޭއްވުން،" މި އިންތިހާބުގައި ދާއިރާއެއްގެ ރައީސް ކަމަށް ވާދަ ކުރާ އަހުމަދު ހާޝިމް ބުންޏެވެ.

އެމްޑީޕީގެ މި އިންތިހާބު އިއްތިފާގުވެފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ސިޔާސީ ގޮތުން ގުޅުން ކަނޑާލާފައިވާ ދުވަސްވަރަކާ އެވެ. ސިޔާސީ ހަރަކާތްތަކުގައި 20 ވުރެ ގިނަ އަހަރު އެކުގައި މަސައްކަތް ކުރެއްވުމަށްފަހު، ރައީސް ސޯލިހާއި ނަޝީދާ މިހާރު މަސައްކަތް ކުރައްވަނީ މިއަދު ކުރިއަށްދާ އިންތިހާބުގައި ޕާޓީގެ ކޮންޓްރޯލް ހޯއްދެއްވުމަށް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އެމްޑީޕީ ދާއިރާ އިންތިހާބުގައި މީހަކު ވޯޓުލަނީ: މުޅި ރާއްޖޭގައި މި އިންތިހާބު ކުރިއަށްދޭ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު
އެމްޑީޕީ ދާއިރާ އިންތިހާބުގައި މީހަކު ވޯޓުލަނީ: މުޅި ރާއްޖޭގައި މި އިންތިހާބު ކުރިއަށްދޭ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އެމްޑީޕީ ދާއިރާ އިންތިހާބުގައި މީހަކު ވޯޓުލަނީ: މުޅި ރާއްޖޭގައި މި އިންތިހާބު ކުރިއަށްދޭ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށްދާއިރު އިދިކޮޅު ޕާޓީން އިނގިލި ދިއްކުރަނީ ރައީސް ސޯލިހާއި ނަޝީދުގެ ދެބަސްވުމަށެވެ. އެމްޑީޕީގެ އެންމެ ބޮޑު ބަލި ފަޔަކީ، ޕާޓީ ތެރޭގައި ބާރު ހޯއްދެވުމަށް ހިނގާ ކުރިމަތިލެއްވުން ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ވިސްނުން ބަލައެއްނުގަނެ އެވެ.

"އެމްޑީޕީގެ ރީތިކަމަކީ ދެ ބަސްވާން އެއްބަސްވުން. ހިޔާލުތަފާތުވުމަކީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫން. މި ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އޮންނަން ވެސް ޖެހޭނެ. ނޯވެއްޖެއްޔާ އެއީ މައްސަލައެއް،" ޕާޓީ އުފެދުނީއްސުރެ އެކި އެމްޑީޕީގެ އެކި ހަރަކާތްތަކުގައި މަސައްކަތް ކުރަމުން އަންނަ ހާޝީމް ބުންޏެވެ.

ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުމަކީ އޮތް އެޑްވާންޓޭޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖް ވެސް ދެކިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ވަރުގަދަ ސިފައަކީ ހިޔާލުތަފާތުވުންތަކާއެކު ވެސް ޑިމޮކްރެޓިކް އުސޫލުތަކުގައި ހިފެހެއްޓުމެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީއަށް ކުރިއަށް ދެވޭނީ ވެސް ހިޔާލުތަފާތުވުންތަކާއެކު. އަދި ހިޔާލުތަފާތުވުން ހުރުމަކީ މައްސަލައެއް ވެސް ނޫން. އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލުތައް ހިފެހެއްޓުން މުހިންމީ،" ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައި ހުރި ވޯޓުލާ މަރުކަޒުގައި ހުންނަވައި ސިރާޖް ވިދާޅުވި އެވެ.

އެކަމަކު ޕާޓީގެ ހުރިހާ މެމްބަރުންގެ ހިޔާލު އެއްގޮތެއް ނޫނެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލު ކުރާ ގޮތުގައި ޕާޓީގެ އިސް ސަފުގައި ހިމެނޭ ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހުމަކީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. އަދި މި އިންތިހާބުން އެކަމަށް ހައްލެއް ހޯދުން މުހިންމު ކަމަށް ބައެއް މެމްބަރުން ދެކެ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ޕާޓީ މި އޮތީ ދެކަފިވެފަ. ސުވާލަކީ މި އިންތިހާބުގެ ނަތީޖާއިން ޕާޓީ އިތުރަށް ބައިބައިވާނީތޯ ނުވަތަ ޕާޓީ އެކަތިގަނޑަކަށްވާނީތޯ. ޕީޕީއެމަށް ވެސް ޖެހުނީ ހަމަ މި މައްސަލަ. ސިޔާސީ ވަރުގަދަ ދެ ޝަހްސިއްޔަތު އެއް ޕާޓީއެއްގެ ކުރީ ސަފުގައި ހުންނަވައި ދެބަސްވުން އުފެދިއްޖެ ނަމަ ނަތީޖާ ރަނގަޅެއް ނުވާނެ،" ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އެމްޑީޕީގެ މެމްބަރު މިއުސަމް އައްބާސް އޭނާގެ ހިޔާލު ހިއްސާ ކުރި އެވެ.

ވޯޓުލާ މަރުކަޒެއް: ގިނަ މެމްބަރުން ގަބޫލުކުރަނީ ޕާޓީގެ ހިޔާލުތަފާތުވުމަކީ ރަނގަޅު ސިފައެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު
ވޯޓުލާ މަރުކަޒެއް: ގިނަ މެމްބަރުން ގަބޫލުކުރަނީ ޕާޓީގެ ހިޔާލުތަފާތުވުމަކީ ރަނގަޅު ސިފައެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ވޯޓުލާ މަރުކަޒެއް: ގިނަ މެމްބަރުން ގަބޫލުކުރަނީ ޕާޓީގެ ހިޔާލުތަފާތުވުމަކީ ރަނގަޅު ސިފައެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

މި އިންތިހާބުގައި ޕާޓީގެ އާންމު މެމްބަރުން ބޭނުންވާ ތަފާތު އެކި ކަންކަން އެބަހުއްޓެވެ. މިއުސަމް ބޭނުންވަނީ އިންތިހާބަށްފަހު ޕާޓީ އެކަތިގަނޑަކަށްވުމެވެ. ކުރިން ވާހަކަ ދެއްކި ހާޝީމްގެ އުއްމީދަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވުމެވެ. އަދި ފޮނަދޫ މެމްބަރު ސިރާޖްގެ އުއްމީދަކީ ޕާޓީ ގަބޫލު ކުރާ ހަމަތައް ގައުމު ހިންގުމުގައި ވެސް ތަންފީޒު ކުރުމެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން އައި ހައްގެއް އެއީ ވަޒީފާގެ ބިރެއްނެތި ހިޔާލުފާޅު ކުރުން. އެކަމަކު މުޅިއަކުން އެ މަންޒަރެއް ނޫން މިއަދު ފެންނަނީ. ވޯޓު ދޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ޕާޓީން ގަބޫލު ކުރާ އުސޫލުތައް ހިފެހެއްޓުން،" އޭނާ ވިދާޅުވި އެވެ.

ހަމަ މިއަހަރު ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށްޓަކައި އެމްޑީޕީން ވަނީ ބޮޑު އިންތިހާބެއް ބާއްވައިފަ އެވެ. އަދި އެއީ ވެސް ވަރަށް ފޯރިގަދަވި އިންތިހާބެކެވެ. ނަމަވެސް އެ އިންތިހާބުގެ އިންތިޒާމްތަކާމެދު ޕާޓީގެ ހުރިހާ މެމްބަރުން ހިތްހަމައެއްނުޖެ އެވެ. އެފަރާތްތަކުން އުއްމީދު ކުރަނީ މިފަހަރުގެ އިންތިހާބު އިންސާފުވެރިވާނެ ކަމަށެވެ.

"އިންތިހާބު އިންސާފުވެރިތޯ އެނގޭނީ ނިމުނީމަ. ޕްރައިމަރީގެ އިންތިހާބު ދިޔައީ އިންސާފުވެރިކޮށެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މި ތިބީ ބަލަން. އުއްމީދު ކުރަނީ އެއްވެސް ކަހަލަ ގޯސް ކަމެއް ނުހިނގާނެ ކަމަށް،" ވޯޓުލާން ގޮސް ހުރި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ކަޔާނޯ) އޭނާގެ ޝުއޫރުތައް ހިއްސާ ކުރި އެވެ.

މި އިންތިހާބާ އެމްޑީޕީ ކުރިމަތިލީ، ޕާޓީގައި ލީ ރެނދެއް މިހާތަނަށް ލޮލަށް ފާޅުވީ އެންމެ ބޮޑަކަށް ފާޅުވެފައި އޮއްވަ އެވެ. އެހެންވެ އެމްޑީޕީ މެމްބަރުން މިއަދު ނުކުމެ އެ ތިބީ އެ ރެނދު ބައްދާށެވެ. އިންތިހާބުން ހައްލު ލިބޭނެކަމުގެ އުއްމީދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox