ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އަދި މިވަގުތު ވެރިކަން ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މިއަދު ހެނދުނު 9:00 ޖެހިއިރު މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށް އެބަ ދެ އެވެ.
ޖުމްލަ 90،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
އެއީ، 87 ދާއިރާގެ ރައީސުންގެ މަގާމާއި ހަ ޕްރޮވިންސް ރައީސުންގެ މަގާމުގެ އިތުރުން ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމެވެ. މި އިންތިހާބުގެ ވޯޓުލުން ނިންމާނީ ހަވީރު 5:00 ޖަހާއިރެވެ.
ދާއިރާތަކުގެ ރައީސުންނަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ހިމެނޭ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ޖުމްލަ 142 މެމްބަރުން ތިބެ އެވެ.
މި އިންތިހާބުގައި ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖޭގެ މީހުން ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ. އޭގެ ތެރެއިން 94 ފޮށި ބަހައްޓާފައިވަނީ މާލޭގަ އެވެ. އަދި 190 ފޮށި ބަހައްޓާފައި ވަނީ އެހެން ރަށްތަކުގަ އެވެ.


ނ. ހޮޅުދޫގައި އެމްޑީޕީގެ އިންތިހާބު ކުރިއަށްދަނީ: މުޅި ރާއްޖޭގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި ވަނީ ބަހައްޓާފައި -- ފޮޓޯ: އެމްޑީޕީ
ސިޔާސީ ގޮތުން ގުޅުން ކެނޑިފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެބޭފުޅުންގެ ކެންޑިޑޭޓުން އިންތިހާބަށް ނެރުއްވައިފަ އެވެ.
ރައީސް ސޯލިހާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވި، ޕާޓީގެ ކޮންޓްރޯލް ހޯއްދަވަން ދެބޭފުޅުން ވެސް މަސައްކަތް ކުރައްވާއިރު، ނަޝީދު އަދި އެމަނިކުފާނު ތާއިދު ކުރައްވާ ކެންޑިޑޭޓުން ކުރިއަށް ނެރޭ އިންތިހާބީ ވައުދަކީ ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރުމެވެ. ރައީސް ސޯލިހުގެ ތާއިދު ކުރައްވާ ކެންޑިޑޭޓުންގެ ވައުދަކީ ރިޔާސީ ވައުދުތައް ފުއްދަން މަސައްކަތް ކުރުމެވެ.
އެކަމަކު، ވޯޓުލުމުގެ ހައްގު ލިބޭ ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ މި އިންތިހާބު ކުރިއަށްދާއިރު ރައީސް ސޯލިހާއި ނަޝީދު ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ. ރައީސް ސޯލިހު ހުންނެވީ އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވި ގޮތަށް އަދި ވެސް އެމެރިކާގެ ނިއު ޔޯކް ސިޓީގަ އެވެ. ނަޝީދު ހުންނެވީ މޭ 6 ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގެ ލަންޑަނުގަ އެވެ.
އެމްޑީޕީ ގައުމީ މަޖިލިހަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު މުހައްމަދާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ފައްޔާޒަކީ މިހާރު ގައުމީ މަޖިލިހުގެ ގަމު ދާއިރާގެ ރައީސެވެ. އަމްރަކީ ގުރައިދޫ ދާއިރާ ރައީސެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ފަދަ ބޭބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގައި ޕާޓީގެ ޗެއާޕާސަން އާއި އޭނާގެ ދެ ނައިބުންނާއި ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ޒުވާނުންގެ ގޮފީގެ ރައީސް އާއި އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހުގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ޕާޓީގެ ލީޑަޝިޕާމެދު އިތުބާރު އޮތްތޯ ކަނޑައެޅުމާއި ސެކްރެޓްރިއޭޓާއި ކޮމެޓީތައް އައްޔަން ކުރުމާއި ޕާޓީގެ ސިޔާސަތައް އިސްލާހު ގެނައުން ހިމެނެވެ.













