އިއްޔެ ދިން ރެންސޮމްވެއާ ހަމަލާގެ ސަބަބުން، މި އަހަރުގެ ޖޫން މަހު ބޭއްވި ހަޔާ ސެކަންޑަރީ ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނުގެ ނަތީޖާ ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފި އެވެ.
އިއްޔެގެ ރެންސޮމްވެއާ ހަމަލާއާ ގުޅިގެން ޑީޕީއީން ވަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ. އަދި އެ އިދާރާގެ އެއްވެސް ސިސްޓަމެއް ހަމަލާގެ ފަހަތުގައިވާ ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަގީންކަން ޑީޕީއީން ވަނީ ދީފަ އެވެ.
އެހެން ނަމަވެސް މިއަދު އެ އިދާރާއިން ނެރުނު އިތުރު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ސާވާ މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވާ ކަމަށެވެ. އަދި ސާވާއަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެހެންކަމުން މިއަދު ދޫކުރަން ހަމަޖެހިފައިވާ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަސްކުރެވިފައިވާ ކަމަށް ޑީޕީއީން ބުނެ އެވެ.

ސާވާ މައްސަލަ ހައްލުކުރެވުމުން ނަތީޖާ ދޫކުރާނެކަމަށާއި އަދި ނަތީޖާ ދޫކުރެވޭނެ ސީދާ ތާރީހެއް ވެސް އެނގޭނީ ސާވާތަކުގެ މައްސަލަ ހައްލުވުމުންކަމަށް ޑީޕީއީން ބުނެ އެވެ.
އިއްޔެ ދިން އެ ރެންސޮމްވެއާ ހަމަލާއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ޑީޕީއީގެ މުހިންމު ޑިޕާޓްމެންޓްތަކުގެ ސިސްޓަމްތައް ރެއިން ރެޔަށް އަނބުރާ އިއާދަކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ހަމަލާއާ ގުޅިގެން ޑީޕީއީގެ ފައިލްތަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެއީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން އަދި ޑީޕީއީން ވެސް ހާމަ އެއް ނުކުރެ އެވެ. އަދި އެއީ ރާއްޖޭގައި ތިބި ހެކަރުންތަކެއް ދިން ހަމަލާއެއްތޯ ވެސް ސާފެއް ނޫނެވެ.













